Saturday, September 1, 2007

ސަރުކާރުގެ ވެބްސައިޓްތަކުން ރައްޔިތުންނަށް އެދެވޭ މައުލޫމާތު ނުދެވޭއިރު ސައިޓްތަކުގެ ފެންވަރުވެސް ދަށަށް
1/9/2007

"މިޓީވީ މޯލްޑިވްސްގެ ސައިޓް ހާދަ ސަކަރާތޭ. މިހާރު އޭތި އަންޑަރ ކޮންސްޓްރަކްޝަންގައި ހުންނަތާ ކޮންޒަމާނެއް. އަދިވެސް ހަދާ ނުނިމޭ. މީހަކު ގެޔެއްހަދާ ނިމޭހާދުވަސް ވެއްޖެ ކަންނޭގެ" ދާދިފަހުން އެކުވެރިޔަކާ އެކު ކޮފީއެއްގައި ތިބެ ދެކެވުނު ވާހަކައެއްގައި ރަހުމަތްތެރިޔާ ބުންޏެވެ.
މައުލޫމާތުގެ ޚަޒާނާ "އިންޓަނެޓް" އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން މައުލޫމާތު ހޯދުމަށާއި މުނިފޫހިފިލުވުމަށްޓަކައި ބޭނުންކުރާ ޚިދުމަތެވެ.
ދުނިޔޭގެ ނަން މަޝްހޫރު ހުރިހާ ޤައުމުތަކާ އެއްގޮތަށް ރާއްޖޭގައި އެންމެ ގިނަ ބަޔަކު މުނިފޫހި ފިލުވުމަށާއި މައުލޫމާތު ހޯދުމަށްޓަކައި ބޭނުންކުރާ އެންމެ ބޮޑު އަދި ދުވަހެއް ދުވަހަކަށް އެންމެ ފުޅާވަމުންދާ ޚިދުމަތަކީ އިންޓަނެޓުގެ ޚިދުމަތެވެ. މައުލޫމާތު ހޯދުމާއި މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ހިދުމަތް ބޭނުންކޮށްގެން އާންމުންނާއި ސަރުކާރުންވެސް ވަރަށް ގިނަ ގުނަ މަސައްކަތެއް ކުރެެއެވެ.
އެގޮތުން ޚަބަރު ފެތުރުމަށާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި ގުރޫޕްތަކަށް ޚާއްސަކޮށްގެން ވެބްސައިޓްތައް ހަދާފައި ހުރެއެވެ. މިގޮތަށް ތައްޔާރުކޮށްފައި ހުންނަ ވެބްސައިޓް ތަކާއި ވެބްޕޭޖްތަކަކީ އާންމުންނަށް ބޭނުންވާ ގިނަގުނަ މައުލޫމާތު ފޯރުކޮށްދޭ އެއްޗެއްނަމަވެސް ރާއްޖޭގައި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ މިފަދަ ވެބްސައިޓްތަކުގައި ގިނަގުނަ މައްސަލަތަކެއް ހުރެއެވެ.
ދިވެހި ބަހުންތައްޔާރުކޮށްފައި ހުންނަ ވެބްސައިޓްތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސައިޓުގެ އެތުރުންގަނޑާޢި ފޮންޓު މައިކްރޯސޮފްޓް ވިންޑޯސްގައި ބޭނުންކުރާ އިންޓަނެޓް ބްރައުޒަރުތަކަށް ކޮމްޕެޓިބަލް ނުވުމެވެ. މިކަމަށް ހައްލުތަކެއް ހޯދިފައިވީ ނަމަވެސް މިނިސްޓްރީތަކާއި ސަރުކާރުން ހިންގާ ވެބްސައިޓްތަކުން އަދިވެސް މިފަދަ ތަފާތު މައްސަލަތައް ފެނެއެވެ. ދިވެހި ރައްޔިތުންނާ ގުޅިފައިވާ މިފަދަ ސައިޓްތަކުން މިފަދަ މައްސަލަތައް ފެނުމަކީ އެސައިޓަކަށް އާންމުންގެ ފަރާތުން ދެވޭ ޝައުޤުވެރިކަން ކުޑަވުމުގެ އެއް ސަބަބެވެ. އަދި އެސައިޓަކުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން އިތުބާރު ނުކުރާނެއެވެ.
"ސައިޓް ބަރާބަރަށް އަޕްޑޭޓް ނުވުމާއި ސައިޓް މެއިންޓަނެންސް ނުކުރެވެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް. ހަޤީޤަތުގައި އެކަމުގެ ސަބަބުން ރައްޔިތުން އެސައިޓަކަށާއި އެބަޔަކަށް ކުރާ އިތުބާރުގެއްލޭނެ. މަސައްކަތެއް ކުރާއިރުވެސް ފަރުވާކުޑަކުރާ މީހަކަށް އެތަނެއްގެ ބޮޑު މީހާ އިތުބާރު ނުކުރާފަދައިން، މިނިސްޓްރީ ތަކާއި ޖަމިއްޔާތަކުގެ ވެބްސައިޓްތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމަކީ ކައިރިކަމެއް" އާންމުކޮށް ސަރުކާރުގެ މިނިސްޓްރީތަކުގެ ސައިޓްތަކަށް ވަދެ، އެސައިތަކުގެ ހާލަތު ބަލާ ވެބްޑިޒައިނަރެއް ކަމަށްވާ އަހުމަދު ޝައްފާޒް ބުންޏެވެ.
ސައިޓްތަކަށް ދިމާވާ އެންމެބޮޑު މައްސަލައަކީ ރަގަޅަށް އަޕްޑޭޓްކުރަންވާ ގޮތަށް ޤަވާއިދުން އަޕްޑޭޓް ނުކުރުމާއިި ވިންޑޯޒްގައި އާންމުކޮށް ބޭނުންކޮށްއުޅޭ ބްރައުޒަރުތަކަށް ސައިޓް ކޮމްޕެޓިބަލް ނުވުމެވެ.
"ދިވެހި ސައިޓްތަކުން އާންމުގޮތެއްގައި ބޭނުންކުރަނީ މައިކްރޯސޮފްޓް ވޯލްޑުގައިވެސް ބޭނުންކުރާ ފަރުމާ ނަމަކަށް ކިޔާ ފޮންޓެއް. އެފޮންޓަކީ ބްރައުޒަރުތަކުގައި އާންމުކޮށް މައްސަލަޖެހޭ ފޮންޓެއް.ކަމަށް ޤާބިލު ބައެއް ވެބްޑިޒައިނަރުން ސައިޓް ހަދާއިރު އެކަމަށް ވިސްނައިގެން ސައިޓް ހަދާފައިވީ ނަމަވެސް ގިނަ ސައިޓްތަކަކީ ފޮންޓްގެ މައްސަލަ ހުރި ސައިޓްތަކެއް. އެކަމަށް ލިބޭ ހައްލެއް އޭ_ފަސޭހަ ނޫނީ ފަސޭހަ ފޮންޓް ބޭނުންކޮށްގެން ސައިޓް ކޯޑު ކުރެވިއްޖިއްޔާ" ވެބްސައިޓް ހެދުމުގައި ފުންނާބު އުސް އިފްރާހް ނަމަކަށް ކިޔާ ޒުވާނަކު ބުންޏެވެ.
ސަރުކާރުގެ މިނިސްޓްރީތަކުން ތައްޔާރުކޮށްފައިވާ އެމިނިސްޓްރީގެ ވެބްސައިޓްތަކުގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ ސައިޓަކީ ގާތްގަޑަކަށް ސައިޓް އާންމުކުރި ދުވަހުން ފަށައިގެން އަޕްޑޭޓް ނުވާ ސައިޓްތަކެކެވެ. މިސައިޓްތަކުން އާންމުންނަށް މިނިސްޓްރީއާ ބެހޭ މައުލޫމާތެއްވެސް ލިބޭކަށް ނުހުރެއެވެ.
އަދި މިސައިޓްތަކުގެ ތެރެއިން ދިވެހިބަސް ބޭނުންކޮށްފައިވާ ހުރިހާ ސައިޓެއްގައިވެސް ފޮންޓުގެ މައްސަލަ ވަނީ ދިމާވެފައެވެ. ވިންޑޯސްގައި އާންމުކޮށް ބޭނުންކޮށް އުޅޭ "އިންޓަނެޓް އެކްސްޕްލޯރާ" އާއި "ފަޔަރ ފޮކްސް" އަދި "އޮޕެރާ" އިން މިއިން ސައިޓެއް ހުޅުވައިފިނަމަ ލޭއައުޓް އަރާރުންވާގޮތެއް ހުރެއެވެ. މިއީ ހައްލުކުރެވޭ މައްސަލައެއް ނަމަވެސް ދެއަހަރު ތިން އަހަރު ވެގެންދާއިރުވެސް މިކަމަށް ހައްލެއް ނައިސް ހުންނަތަން ފެނެއެވެ.
ސަރުކާރުގެ ވުޒާރާތަކުގެ ވެބްސައިޓްތަކުގެ ތެރެއިން ބަރާބަރަށް ދުވަހުން ދުވަހަށް އަޕްޑޭޓްވާ ވެބްސައިޓްތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓެވެ. މިދެސައިޓަކީވެސް ރާއްޖޭގެ އާންމުންނާއި ޚަބަރު ފަތުރާގިނަ ފަރާތްތަކުންވެސް އިސްކަމެއް ދީގެން ބަލާ ދެސައިޓެވެ. ނަމަވެސް މިދެސައިޓުގަވެސް ފޮންޓުގެ މައްސަލަ ކުރިމަތިވެފައިވާކަން އިނގެއެވެ.
މީގެ އިތުރުން ރާއްޖޭގެ ވެބްސައިޓްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަަލައަކީ މައުލޫމާތު ސައްހަ ނުވުމެވެ.
މިފަދަ ކަންތައްތަކަކީ ފަރުވާތެރިކަމާ އެކު ބަޔަކަށް ޚިދުމަތެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކުރެވިއްޖެ ނަމަ ރަގަޅު ކުރެވޭނެ ކަންތައްތަކެވެ. އަދި މައުލޫމާތު ލިބުމާއި ހޯދުމަކީ ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހައްޤެއްކަމަށް ދެކިގެން މިމަސައްކަތް ކުރުމަކީ މިކަން އެދެވޭ ގޮތެއްގައި ރަގަޅަށް ކުރެވޭނެ ކަމެކެވެ.
ތަރައްޤީގެ މަގުގައި ރާއްޖެ މިފަދަ ކުރިއަރާފައިވާ ޒަމާނެއްގައި ސަރުކާރުގެ ވެބްސައިޓްތައް ބަލަހައްޓައި އެސައިޓްތައް ރަގަޅަށް އަޕްޑޭޓްކުރުމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްގެ އިތުރުން މުސްތަޤުބަލުގެ ދަރިންނަށް ކޮށްދެވޭ ހެޔޮކަމެކެވެ.

VelidhooNews
Courtesy: Aafathis

No comments: