އިސްލާހު ގެނެވެން އޮތީ އެއް ކެންޑިޑޭޓް ނެރެގެން ކަމަށް ވާނަމަ އެކަންވެސް އިއްތިހާދުން ކުރާނެ: އިބްރާ
މިހާރު އަމަލުކުރާ ގާނޫން އަސާސީ ނިމި އާ ގާނޫން އަސާސީއަކަށް އަމަލުކުރުމާ ދެމެދު ގައުމު ހިންގުމަށް ވަގުތީ ސަރުކާރެއް ގާއިމް ނުކުރެވުނަސް, އެމަސައްކަތުގައި އުޅޭ ޕާޓީތަކުގެ ގުޅިފައިވާ އިއްތިހާދު ރޫޅިގެން ނުދާނެ ކަމުގައި އެ އިއްތިހާދުން ބުނެފި އެވެ
އިންތިގާލީ ސަރުކާރާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކުރުމަށްޓަކައި އެއިއްތިހާދުން އިއްޔެ ބޭއްވި ސެމިނާރގައި ޖަޒީރައިން ދެންނެވި ސުވާލަކަށް އިއްތިހާދުގައި ހިމެނޭ ސޯޝަލް ލިބަރަލް ޕާޓީގެ އިސްވެރިޔާ އިބްރާހީމް އިސްމާއީލް ވިދާޅުވީ މައުމޫނާ ވާދަކުރުމަށް އެއްކެނޑިޑޭޓަކު ނެގުމުގެ މަރުހަލާއަށް އަދި އިއްތިހާދުގެ މަސައްކަތް ނުދާކަމަށާއި އިއްތިހާދުގެ މިވަގުތުގެ މަސައްކަތަކީ ރާއްޖޭގައި ދެން ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން މުސްތަގިއްލު އިންތިހަބަކަށް ހެދުން ކަމަށެވެ
”އެކަން ކުރުން އިއްތިހާދުގެ މިހާރުގެ މަސައްކަތަކީ. ވަގުތީ ސަރުކާރެއް ބޭނުންވެޔޭ މިއިއްތިހާދުން މިބުނަނީ. އެކަން ނެވިނަމަވެސް އިއްތިހާދު ރޫޅިގެންނެއް ނުދާނެ. ދެންއޮތްގޮތާމެދު ވިސްނާނަން“ އިބުރާ ވިދާޅުވިއެވެ
އިބުރާ ވިދާޅުވީ އިއްތިހާދުގެ ބޭނުމަކީ މައުމޫނުގެ ވެރިކަން ނިންމާ ރާއްޖެއަށް އިސްލާހް ގެނައުން ކަމަށެވެ. އެކަން ނިމުމުގެ ކުރިން އިއްތިހާދު ރޫޅިގެން ނުދާނެ ކަމަށެވެ
”އިސްލާހް ގެނައުމަށްޓަކައި މައުމޫނާ ވާދަކުރަން އެއްކެނޑިޑޭޓަކު ނެރެން ޖެހިއްޖިއްޔާ ނެރޭނީ އެއް ކެނޑިޑޭޓަކު. އެކަމަކު ރަސްމީކޮށް އަދި އެކަމެއް ނުނިންމަން. ސަބަބަކީ މިހާރު މި ދައްކަނީ އެވާހަކަތަކެއް ނޫން. މިދައްކަނީ އިންތިހާބުގައި މައުމޫނާ ވާދަކުރާ ވާހަކައެއް ނޫން. އިންތިހާބު މިނިވަން ކުރެވޭނެ ގޮތްތަކެއްގެ ވާހަކަ. މައުމޫނާ ވާދަކުރުން އަދި އެއީ ފަހުގެ މަރުހަލާއެއް. އިއްތިހާދުގެ ބޭނުމަކީ އިސްލާހް ގެނައުން. އެކަމަށްޓަކައި ކުރެވެން އޮތްހާ ކަމެއް އިއްތިހާދުން ކުރާނަން“ އިބުރާ ވިދާޅުވިއެވެ
އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ ހުރިހާ ޕާޓީއެއްގެވެސް ވިސްނުން ހުރީ އެއްކެނޑިޑޭޓަކު ނެރުންކަން ޕާޓީތަކުގެ ވާހަކަތަކުން އެނގޭނެ ކަމަށެވެ
”އިރާދަކުރެއްވިއްޔާ އިއްތިހާދު ނުއެއް ރޫޅޭނެ. އެއްގޮތް ނެތިއްޔާ އަނެއްގޮތް ހޯދާނެ އިއްތިހާދުން“ އަންނި ވިދާޅުވިއެވެ
އަދާލަތުޕަޓީގެ ތަރުޖަމާން އަސަދުﷲ ޝާފިއީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހް ވަރަށް ރަނގަޅަށް އިއްތިހާދުން ބަލަމުންދާ ކަމަށާއި އިސްލާހު ގެންނަން އަލަން ޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅުއްވާނެ ކަމަށެވެ
”އިއްތިހާދު މިއޮތީ ހޭލާ. ވަރަށް ރަނގަޅަށް ސިޔާސީ މަޝްރަހް ބަލަމުން ދަނީ“ އަސަދުﷲ ވިދާޅުވިއެވެ
No comments:
Post a Comment