Wednesday, December 26, 2007

ފިއްލަދޫ އޮފީސް ހިސޯރު ކޮށްފައިވާ މައްސަލަ: ސުނާމީ ފައިސާތައް ބަލާ އައުމަށް އަތޮޅު އޮފީހުން އަންގައިފި

ު

ހއ.ފިއްލަދޫން ސުނާމީގައި ގެއްލުން ލިބުނު ގެތަކަށް ބަހާ ފައިސާއާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ނުކުމެ އެރަށު އޮފީސް ހިސާރުކޮށް އިތުރަށް ފައިސާ ބަހާނަމަ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގައި އަލިފާން ރޯކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށް އަތޮޅު އޮފީހުން ފައިސާތައް ބަހަމުން އެބަގެންދެ އެވެ

ހއ.އަތޮޅު ވެރިޔާ މުހައްމަދު ރަޝީދު ވިދާޅުވީ 15ގޭ ފިޔަވާ ހުރިހާ ގެއަކަށް ފައިސާ ބަލައި އައުމަށް އަންގާފައިވާ ކަމަށެވެ. އަދި މިއަދުގެ މެންދުރާ ހަމައަށް 967 ހާސް ރުފިޔާ ބަހާފައިވާ ކަމަށް އަތޮޅު އޮފީހުން ވަނީ ބުނެފަ އެވެ

” އަޅުގަނޑުމެން މިދަނީ އެ ބޭފުޅުންދޭ ޣައިރު ގާނޫނީ އިންޒާރުތަކަށް ބެލުމެއް ނެތި ފައިސާތައް ބަހަމުން. މިއަދުވެސް އަޅުގަނޑު ވާނީ 15 ގެއެއް ފިޔަވާ ހުރިހާ ގެއަކަށް ފައިސާ ބަލާ އައުމަށް އަންގާފައި. އެގޮތުން މިއަދުގެ މިހާތަނަށް 967 ހާސް ރުފިޔާއެއް ހަވާލު ކުރެވިއްޖެ. އެހެން ކަމުން މިވަނީ ޖުމްލަ 10 ގެއަކާ ފައިސާތައް ހަވާލުކުރެވިފައި“ މުހައްމަދު ރަޝީދު ވިދާޅުވި އެވެ

އަތޮޅުވެރިޔާ ވިދާޅުވީ ފިއްލަދޫއަށް ފައިސާ ބެހުމުގެ މައްސަލާގައި ފިއްލަދޫ އޮފީސް ބަންދުކޮފައިވާތީ އެކަންތައްތައް ސަރުކާރުގެ އިސް ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. އަދި އެޓޯލްސް މިނިސްޓްރީ މެދުވެރިކޮށް ފުލުހުންނަށްވެސް މައްސަލަ އަންގާފައިވާ ކަމަށް އަތޮޅުވެރިޔާ ވިދާޅުވި އެވެ

” ފިއްލަދޫން ކޮންމެ ފަހަރަކުވެސް ކަންތައްތައް ކުރަމުންދަނީ މިގޮތަށް. މިހާރު ހަތަރު ފަސް ފަހަރެއްގެ މަތިން އެތަނަށް އެކިއެކި ސާވޭތައް ކުރުމަށް މީހުންވަނީ ފޮނުވިފައި. އެހެން ނަމަވެސް ރައްޔިތުން ހަޅޭއް ފަޅޭއް ޖަހައިގެން އެކަން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައި. އެހެން ކަމުން އެފަދަ ބަޔަކު ބިރުދައްކައިގެން ފަސްޖެހޭ ގޮތަކަށް ނޫން މިތިބީ.“ އަތޮޅުވެރިޔާ ވިދާޅުވި އެވެ

އަތޮޅުވެރިން ވިދާޅުވީ އެންމެ ފަހުން ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމުން ރައްޔިތުންގެ ވޯޓުން ނިންމީ ފައިސާތައް ހަމަހަމައަށް ބެހުމަށް ކަމަށެވެ. އެހެން ނަމަވެސް ސުނާމީ ފައިސާތައް ހަމަހަމައަށް ނުބެހޭނެ ކަމަށް އަތޮޅުވެރިން ވިދާޅުވި އެވެ

” އެންމެ ފަހުންވެސް އަޅުގަނޑުމެން ބުނިން ކޮބާހޭ ތިތާހުރި މައްސަލައަކީ. މައްސަލައެކޭ ބުނީމަ ދެން ކުއްލިއަކަށް ބަޔަކު މީހުން ނުކުމެ ވޯޓެއް ނަނގައިގެން ރާޅު އެރިއަސް ނޭނރިއަސް ބޯބޮލަށް ކަނދުރު ބަހާހެން ގެއަކަށް 90 ހާސް ރުފިޔާ ބަހާލީމަ ނިމުނީ ނޫންހޭ ބުނާއިރު. އެކިގެއަށް ގެންލުންވެފައި ހުންނާނީ އެކިވަރަށް. “ 2 އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހއ.ގައި އަތޮޅުވެރިކަން ކުރަމުންދާ ރަޝީދު ވިދާޅުވި އެވެ

ފިއްލަދޫ ކަތީބު ވިދާޅުވީ އަތޮޅު އޮފީހާއި ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އެންގުމުގެ މަތިން ސުނާމީގައި ގެއްލުން ލިބިފައިވާ މީހުން އެއްކޮށްގެން ގޮތެއް ނިންމި ކަމަށާއި އެގޮތުން އެމީހުން އެއްބަސްވެފައިވަނީ ގެއަޅަން ޖެހޭ ފަރާތްތަކަށް 2 ލައްކަ ރުފިޔާ ދިނުމަށާއި އަދި ބޮޑެތި މަރާމަތުތައް ކުރަން ޖެހިފައިވާ ގެތަކަށް 1.5 ލައްކަ ރުފިޔާ ދިނުމަށެވެ. އަދި ދެން ބާކީވާ ފައިސާތައް ގެއްލުން ލިބުނު ގެތަކުގެ މެދުގައި ބަހާލުމަށެވެ

” ރައްޔިތުންގެ ވާހަކައަކީ މިތާގައި 3 އަހަރު ފަހުން އައިސް ރިޕޯޓެއް ނަގައިފިއްޔާ ސައްހަ ރިޕޯޓެއް ނުނެގޭނޭ. އެހެން ކަމުން ސުނާމީގައި ވެއްޓިފައިވާ ކޮންމެ ގެއަކަށް 2 ލައްކަ ރުފިޔާ. ބޮޑެތި މަރާމާތު ކުރަން ޖެހޭ ގެތަކަށް 1.5 ލައްކަ ރުފިޔާ ދީފައި ދެން ހުރި ފައިސާތައް ގެއްލުންވެފައިވާ ގެތަކަށް ބަހާލުމަށް“ ކަތީބު ވިދާޅުވި އެވެ

ކަތީބު ވިދާޅުވީ އެރަށު އޮފީސް ބަންދުކޮށްފައިވާ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ އަތޮޅު ވެރިޔާ ކަމަށެވެ. އަދި އެ މައްސަލަ މިހާރުވެސް ބޮޑު ކުރުމަށް މަސައްކަތް ކުރަމުން ދަނީ އަތޮޅުވެރިޔާ ކަމަށެވެ

” އަތޮޅު އޮފީސް މީގައި ގޯހީ. އެއީ ރައްޔިތުން ގާތުގައި ފައިސާ ބަހަން ގޮތެއް ނިންމާށޭ އަތޮޅުވެރިން ވިދާޅުވެފައި. އެގޮތަށް ރައްޔިތުން ނިންމީމާ, އެގޮތަށް އަމަލު ނުކުރަންޏާ އެއީ ގޯހެއް ނޫންތޯ.“ ކަތީބު ވިދާޅުވި އެވެ

ފުލުހުންބުނީ ފިއްލަދޫ އޮފީސް ބަންދުކުރި މައްސަލައިގެވާހަކަ އެއްވެސް ފަރާތަކުން ރަސްމީކޮށް އަންގާފައި ނުވާކަމަށެވެ. ފިއްލަދޫ އޮފީސް ހިސޯރުކޮށްފައި ހުންނަތާ މިއަދަށް 22 ދުވަސް ވަނީ ވެފައެވެ. އެކަމަށް ސަރުކާރު އެއްވެސް ވުޒާރާއަކުން ފިޔަވަޅެއް އަދި އަޅާފައެއް ނުވެއެވެ

No comments: