Sunday, December 23, 2007

ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް މިނިވަން އިލެކްޝަން ކައުންސިލެއް ގާއިމް ކުރުމަށް އީޔޫއިން ގޮވާލައިފި


އަންނަ އަހަރުގެ އިންތިޚާބުގެ ކުރިން ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް މިނިވަން މުސްތަގިއްލު އިލެކްޝަން ކައުންސިލެއް ގާއިމް ކުރުމަށް ޔޫރަޕިއަން ޕާލިމެންޓުން ރާއްޖެއަށް ގޮވާލައިފި އެވެ

ޔޫރަޕިއަން ޕާލިމެންޓްގެ 9 ބޭފުޅަކު ރާއްޖެއަށް ކުރެއްވި ދަތުރު ފުޅު ނިންމަވާ ލައްވަމުން ނޫސްވެރިންނަށްދިން ބަސްދީގަތުމެއްގައި ބުނީ އަންނަ އަހަރުގެ އިންތިޚާބުތައް ބޭއްވުމުގެ ކުރިން ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭގޮތަށް މުސްތަގިއްލު އިލެކްޝަން ކައުންސިލެއް ގާއިމް ކުރަން ޖެހޭ ކަމަށެވެ

” އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އިންތިޚާބުގެ ކުރިން ބައެއް އިންސްޓިޓިއުޓްތައް އެބަޖެހޭ މިނިވަން މުސްތަގިއްލު ތަންތަނުގެ ގޮތުގައި ހަދަން. ޚާއްސަކޮށް ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭގޮތަށް އިލެކްޝަން ކައުސިލެއް ގާއިމް ކުރަން އެބަޖެހޭ,“ އީޔޫ ވަފްދުގެ ވެރިޔާ ރޮބާރޓް އީވަން ވިދާޅުވި އެވެ

ބުރާސްފަތި ދުވަހުގެރޭ ބޭއްވުނު ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮބާރޓް ވިދާޅުވީ އިންތިޚާބު ބޭއްވުމުގެ ކުރިން ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ނެތުމަށްވެސް އަދި އޮތުމަށްވެސް އީޔޫއިން ތާއީދު ނުކުރާ ކަމަށާއި އެކަމަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު ބޭއްވޭނީ ހަމަސްދުވަހުގެ އިންތިގާލީ މަރުހަލާއެއް ކަޑައްތު ކުރުމަށް ފަހުގައި ކަމަށް އީޔޫއިން ވަނީ ލަފާއަރުވާފަ އެވެ

” އާ ގާނޫނުއަސާސީއަށް ވާސިލް ވުމަށްޓަކައި އެންމެން އެއްބަސްވާ ގޮތެއްގެ މަތިން ހަ މަހުގެ އިންތިގާލީ މުއްދަތެއް ބާއްވަން އެބަޖެހޭ“ ރޮބާރޓް ވިދާޅުވި އެވެ

ރޮބަރޓް ވިދާޅުވީ މި ވަފްދުގެ ފަރާތުން ސަރުކާރުގެ ވަޒީރުންނާއި, އިދިކޮޅު ޕާޓީތައް ގުޅިގެން ހަނދާފައިވާ އިއްތިހާދާއި ބައެއް ޖަމްއިއްޔާ ޖަމާއަތްތަކާ ބައްދަލުކޮށް އިސްލާހީ އެޖެންޑާއާ އާ ގާނޫނުއަސާސީގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ

ހުރިހާ މަޝްވަރާ ތަކަކީވެސް ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކަމުގައި ފާހަގަ ކުރައްވައި, 2008 ވަނަ އަހަރުގެ ކުރީކޮޅު އާ ގާނޫނު އަސާސީ ލިޔެ ނިމޭނެ ކަމަށް މި ހުރިހާ ފަރާތްތަކުންވެސް ދެކޭކަމަށް ރޮބާރޓް ވަނީ ވިދާޅުވެފަ އެވެ

No comments: