މޯލްޑިވް ގޭހުގެ ބިލްތަކަށް އައިޖީއެމްއެޗުން ފައިސާ ނުދައްކައިގެން މެޑިކަލް އޮކްސިޖަން ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި
މޯލްޑިވް ގޭހުގެ ބިލްތަކަށް އައިޖީއެމްއެޗުން ފައިސާ ނުދައްކައިގެން މެޑިކަލް އޮކްސިޖަން ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް އިތުބާރު ހުރި ގޮތެއްގައި ޖަޒީރާއަށް މައުލޫމާތު ލިބިއްޖެ އެވެ
މޯލްޑިވް ގޭހުގެ ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދެ މިލިއަން ރުފިޔާއަށް އަރާކަަމަށް ވެ އެވެ. މިއީ މިއަހަރުގެ ތެރޭގައި ފޮނުވާފައިވާ ބިލްތަކަށް ވާ ފައިސާގެ ޖުމްލަ އެވެ
މޯލްޑިވްސްގެ ގޭހުން ބުނީ އައިޖީއެމްއެޗުން ރިކްއެސްޓްކުރާ ވަރަކަށް މެޑިކަލް އޮކްސިޖަން ދޫކުރަމުން ގެންދާ ކަމަށާއި, ފައިސާގެ މައްސަލައަކާހުރެ އޮކްސިޖަން ދޫކުރާ މިންވަރު މަދުކޮށްފައި ނުވާ ކަމަށެވެ
” އެއީ ވެސް ސަރުކާރުގެ ތަނެއް. ބިލްތަކަށް ލިބެންޖެހޭ ފައިސާ ވެސް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. އެހެން ކަމަށް ވާނަމަ އެކްސިޖަން ދޫނުކޮށް ހިފަހައްޓަންޖެހޭ ސަބަބެއް ނެތް. އެހެން ނޫނަސް އޮކްސިޖަން ދޫނުކޮށް ވެސް ވާކަށް ނޯންނާނެ“ މޯލްޑިވްސް ގޭހުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވި އެވެ
މިކަމާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ އިސްވެރިއެއްގެ ބަހެއް ހޯދުމަށް ނޫސް ޗާޕަށް ދިޔައިރުވެސް ވަނީ ގުޅޭ ގޮތް ނުވެފަ އެވެ
ބިލްތަކަށް ފައިސާ ނުދެއްކުމާ ގުޅިގެން, ދެ ދުވަހުން އެއްދުވަހު ސަތޭކަ ފުޅި އޮކްސިޖަން އައިޖީއެމްއެޗަށް ދޫކުރާއިރު, ހޯމަ ދުވަހާއި އަންގާރަ ދުވަހު ދޫކޮށްފައި ވަނީ އެންމެ ވިހި ފުޅި އެވެ
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެޑިކަލް އޮކްސިޖަންގެ ގޮތުގައި 50 ފުޅި އޮކްސިޖަން ދުވާލެއްގެ މައްޗަށް އެ ހޮސްޕިޓަލަށް ބޭނުންވެ އެވެ
” އިއްޔެއާ އޭގެ ކުރީ ދުވަހު ދޫކުރީ ދުވަލަކަށް އެންމެ ވިހި ފުޅި, އޮކްސިޖަން ހޯދަން މިއަދު މިތަނަށް ގުޅުމުން މޯލްޑިވް ގޭހުން ބުނެފައި ވަނީ ބިލްތަކުގެ ކަންތައް ވަކިގޮތަކަށް ނުނިންމަނީސް ދޫނުކުރަން އަންގާފައިވާ ކަމަށް“ އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ބުންޏެވެ
މޯލްޑިވްސް ގޭހުން ހަ ސައިޒެއްގެ މެޑިކަލް އޮކްސިޖަން ފުޅި ވިއްކަމުން ދެ އެވެ. ތިން ލީޓަރުގެ އެންމެ ކުދި ފުޅި ވިއްކަމުން ދަނީ 150 ރުފިޔާ އަށެވެ. 46.6 ލީޓަރުގެ އެންމެ ބޮޑެތި ފުޅި ވިއްކަނީ 556 ރުފިޔާ އަށެވެ
އައިޖީއެމްއެޗްގެ އިތުރަށް އެހެން ފަރާތްތަކަށް ވެސް މޯލްޑިވްސް ގޭހުން ދަނީ މެޑިކަލް އޮކްސިޖަން ވިއްކަމުންނެވެ
No comments:
Post a Comment