Thursday, December 27, 2007

ރައްޔިތުން ނުކުމެ ޅޮހީ އޮފީސް ހިސޯރުކޮށްފި

ު

ނ. ޅޮހީ އޮފީސް ދޮށަށް އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ރަށު އޮފީސް ހިސޯރު ކޮށްފި އެވެ

ޅޮހީ އޮފީސް ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރޭން ބަޔަކު އޮފީސްދޮށަށް އެއްވެފައި ވާކަމަށާއި އެމީހުން އެދޭގޮތް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވާނެކަމަށެވެ

އަހުމަދު ވިދާޅުވީ ރައްޔިތުން ނުކުމެ ރަށުއޮފީސް ބަންދުކޮށްފައި ނުވާކަމަށާއި ނަމަވެސް ރައްޔިތުންގެ ތެރެއިން 40 ވަރަކަށް މީހުން ރަށު އޮފީސް ތެރެއަށްވަދެ އެތާ, ނިދާ ކައިބޮއި ހަދަމުންދާ ކަމަށެވެ

” އޮފީސް ބަންދެއް ނުކުރޭ. ނަމަވެސް އެމީހުން ތިބެނީ އޮފީސް ތެރޭގައި. ރޭވެސް އޮފީސް ބަންދެއް ނުކުރޭ. ކައި ހަދަނީވެސް އެތަނުގައި. އެމީހުން ތިބެނީ ޑިއުޓީ ބަހައިގެން,“ އަހުމަދު ވިދާޅުވި އެވެ

އަހުމަދު ވިދާޅުވީ ރައްޔިތުން ބުނަމުންދަނީ ރަށުގެ ދޯނި އެހެލާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަށް ކަމަށެވެ

” އެމީހުން ބޭނުންވަނީ ދޯނި އެހެލާ ސަރަހައްދު ހިމަޔާތް ކުރަން. ސިމެންތި ބަސްތާ ޖަހައިގެން 200 ފޫޓްގެ ތޮއްޓެއް ހަދަން.“ އަހުމަދު މުހައްމަދު ވިދާޅުވި އެވެ

އަހުމަދު ވިދާޅުވީ އެބޭފުޅުން މިކަމަށް އެދިގެން އުޅޭތާ 21 ދުވަސް މިހާރު ވެދާނެ ކަމަށެވެ

” އަތޮޅު އޮފީސް ތުރޫކޮށް ޕަބްލިކް ކޮމްޕްލެއިން ބިއުރޯ މިއަދު ޖަވާބު ފޮނުވީ. ޖަވާބުގައި އެފަރާތުން ބުނެފައި ވަނީ ތިކަންތައް ކޮށްދެވިދާނެ ކަމަށް.“ އޭނާ ވިދާޅުވި އެވެ

” ނަމަވެސް ރައްޔިތުން އެޖަވާބެއް ގަބޫލެއް ނުކުރޭ. އެމީހުން ބުނަނީ އެއްހެން ބުނި އެތައް ކަމެއް ނުވެ ހުރިކަމަށް. އެމީހުން އަދިވެސް ތިބީ އޮފީސްތެރޭގައި,“ މީގެ މަހެއްކުރިން ރަށު އޮފީސް ހިންގުމާ ހަވާލުވެލެއްވި އަހުމަދު ވިދާޅުވި އެވެ

އެރަށުގެ ރައްޔިތަކު މިއަދު ބުނީ އޮފީސް ތެރައަށް ވަދެ ރައްޔިތުން ތިބީ އެމީހުންނަށް ކޮށްދޭނަމޭ ބުނެފައިވާ ކަންތައްތައް ކޮށް ނުދީގެން ކަމަށެވެ

”އަތޮޅުވެރިން އައިސްފަވެސް ކޮންމެ ފަހަރަކުވެސް ފޮނި ވާހަކަތައް ދައްކާފައިދަނީ. ވާއެއްވެސް ކަމެއް ނޯވޭ. ދޯނި އެހެލާ ސަރަހައްދު ހިމަޔާތް ކުރުމަށް އެދިގެން އުޅޭތާވެސް މިހާރު 7 މަސް ވެއްޖެ.“ ޅޮހީގެ ރައްޔިތަކު ކިޔައި ދިނެވެ

އޭނާ ބުނީ އެމަސައްކަތް ކުރެވިދާނެކަމަށް ބުނެ ރަށު އޮފީހުން ޖަވާބު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ އެމީހުން ދައްކާ ދަޅައެއް ކަމަށް ރައްޔިތުން ބުނަމުންދާކަމަށްވެސް އޭނާ ބުންޏެވެ

ޖަވާބާ ދޭތެރެ އެއްވެސް ގޮތެއް ރައްޔިތުން ނުނިންމާ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ

މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ހއ. ފިއްލަދޫ އޮފީސްވެސް ހުންނަނީ ހިސޯރުކޮށްފަ އެވެ


    ކިޔުންތެރިންގެ ޚިޔާލު

  1. ދެން ކީކޭ ބުނާނީވެސް. ކަމެއް ނުވާއިރަށް ދުވެފައިގޮސް އޮފީސްތައް ހިސޯރުކުރުން މިއި މިހާރަކަށް އައިސް ބޮޑުވެއްޖެ މައްސަލައެއް. މިނޫންހައްލެ މިކަންކަމަށް ހަމަނެތިބާ؟ ސަރުކާރުން ކޮށްދޭނަމޭ ބުނާކަންތައްތައް ރައްޔިތުން އެދޭ ގޮތަކަށް ކޮށްދެން ޖެހޭނެ. މިހެންވާންޖެހެނީ އެހެން ނުވާތި. އެކަމަކު ގަދަކުޑޭއެއް ނުދާނަން އޮފީސް ހިސާރުކުރާކަށް. އެއީ ވަރަށް ލަދުވެތި ކަމެއް. ރަށު އޮފީސްތަކާއި މިނޫންވެސް އޮފީސްތަކަކީ ރައްޔިތުންގެ ޚުދުމަތުގައި ހުންނަންޖެހޭ ތަންތަން ކަމަށްވެފައި މިއިންކަމަކުން އެތަންތަނުން ލިބެންޖެހޭ ޚިދުމަތެއް މެދުކެނޑިގެން ހިނގައްޖެނަމަ މިކަމުގެ ގެއްލުން ވާނީ ރައްޔިތުންނަށް. ގަދަކުޑޭއަށް ވިސްނޭގޮތުގައި ރަށުއޮފީސް ތަކުގެ ވެރިންގެ މައްސަލަވެސް މީގައި އެބައުޅޭ. ރައްޔިތުންނަށް ކަމެއް ދަތިވެގެން އެކަމުގެ ޝަކުވާ އޮފީސް ހިންގާ މީހާއަށް މިކަން ރިޕޯޓްކުރުމުން މިކަމާއި ނޫޅޭ އަމިއްލަކަންކަމަށް ވަގުތު ހުސްކޮށް، ފަރުވާކުޑަކުރެވޭ ގޮތްވުން މިއީ ވެސް މައްސަލައެއް. އޮފީސް ހިސޯރުކުރަން އުޅޭ މައުލޫމާތު އެކަން ހިނގުމުގެ ކުރިން އޮފީހުގެ ވެރިންގެ ކަންފަތްތަކަށް އަރާނެ. މިދަނޑިވަޅުގައި ސީދާ މިކަމަށް އަވަސް ހައްލެއް ގެނެސް ކަމާބެހޭ ފަރާތްތަކަށް މިކަން އަންގަވާ މިސާލަކަށް ފަޅުގެ މައްސަލައިގައި މިވެނި އެވެނި ކަމެއް ހިނަގަން ބަޔަކު އެބައުޅެޔޭ، އަވަހަށް ބަޔަކު ފޮނުވައިގެން މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާށޭ ކިޔާހަދާނަމަ މިހެންވުމަށް މެދުވެރިވުން ގާތްކަމަށް ފެނެއެވެ. އަތޮޅުވެރިން ރަށަށް ޒިޔާތަތްކުރެއްވީމާ ކުކުޅު ކާންދީފައި ފޮނުވައިލިޔަކަށް ކަމަކު ނުދާނެއެވެ. ރަށުގެ ހާލަތު ކިޔައިދީ ރައްޔިތުން އެދޭގޮތުގެ ޥާހަކަ އިއްވަން ޖެހޭނެއެވެ. ނުވިތާކަށް ލަދުކަނޑާލާފައި މިކަމާއި އުނދަގޫ ކުރަންޖެހޭނެއެވެ. މިއީ ގަދަކުޑޭ ދެކޭ ގޮތެވެ. - ގަދަކުޑޭ


  2. މިއީ ސަރުކާރުން ރައްޔިތުންނަށް ދަސްކޮށްދޭ ކަންތައްތައް... ކޮއްދޭނަމޭ، ކޮއްދޭނަމޭ، ކޮއްދޭނަމޭ، ވިދާޅުވަނީ ދުވަހަކު ކޮއްދެވޭ ތަނެއް ނުދައްކަވަ...މިގޮތައް ކޮއްދޭތޯ ރައްޔިތުން އަގަނަގައިގެން ތިބޭތާ އެތައްދުވަހެއް ވާފަހުން އަނެއްކާ ދެވަނަ ފަސްއަހަރު ލައިގަންނަނީ...އަނެއްކާވެސް، ކޮއްދޭނަމޭ، ކޮއްދޭނަމޭ....،މިހެންތިއްބާ މިއައި ގަދަފަދަ އޮއިވަރުގައި ސަރުކާރުން ކޮއްދޭންޖެހޭ އަސާސީ ކަންކަމާއި ތަރައްޤީގެ މަސައްކަތްތަކާއި، ލުއިފަސޭހަގޮތްތަކާއި މިކަންކަމަކީ ސަރުކާރަކުން ރައްޔިތުންނައްޓަކައި ކޮންމެހެންވެސް ކޮއްދޭންޖެހޭ ކަންތައްތަކެއްކަން ރައްޔިތުންނައް ރޯފިލައި، ކުރަމުންދާ ޕުރެޝަރު ތަކުގައި ގަދަފަދަ މީހުންނައް އެއްކަލަ ކޮއްދޭންބުނިކަންތައް، ސަރުކާރުންކޮއްދޭންފަށައިފި... ނަތީޖާއަކީ ކޮންމެމީހަކުވެސް ސަރުކާރުން ކަމަކަށްއެދެނީ ނަމަ އެރަށެއްގެ ރަށުއޮފީސް ނުވަތަ ރަށުކޯޓު ބައްދުކޮށް ވެރިން ހައޖެކްޓްކުރުމަކީ، ކުރިން ރައްޔިތުން ކުރިއާދޭސްތައްނުކޮށް، ބޮޑުގެ ފައިގައި ބޮސްނުދީ ވާކަންތައް ކަންކަން ވުމަށްފަސޭހަ ގޮތެއްކަމަށް ސަރުކާރުން ވަނީ ދައްކައިދީފަ.... ކުރިން ކޮއްދޭނަމޭ ބުނިކަންތައް ބަޖެޓުނެތޭ ކިޔާފައި ކޮންމެވެސް ގޮތަކުން އޮއްބާލަނީ...، މިހާރު މިހެން ގަދަދައްކާލުމުން ހުރިތާކުން ނެރެގެން ނުވަތަ ދަރަންޏައްނަގައިގެންވެސް އެއްކަލަ ކަންތައްތައް ކޮއްދޭ ފޯމަށް ސއރުކާރުވަނީ އެޅިފަ...މިއީ އޮޅުވާލުމާއި ޙަޤީޤަތް ރައްޔިތުންނަށް ހާމަ ނުކުރުމުގެ ނަތީޖާވެސްމެ...، އަޅުގަޑުމެންނަކީ އަދި މާފުދުންތެރި ބަޔައް ނޫންކަމާއި ކޮންމެ ރަށަކަށް ފަޅެއް، ރަށުއޮފީހެއް، ރަށުކޯޓެއް، ޞިއްޙީމަރުކަޒެއް ދެވޭވަރުނުވާ ބައެއްކަމާއި، ގިނަރައްޔިތުން އެއްފަޅުބޭނުންކުރެވޭހެން ބިންބޮޑު އެއްތަނަކަށް ބަދަލުކުރުން ނުވަތަ ހިޖުރަކުރުން އެއީ ހުރިހާ ޚިދުމަތެއްގެ ފެންވަރު ރަގަޅުވެ ދިރިއުޅުން ތަނަވަސްވާނެ ކަމެއްކަން ކިޔައިނުދިނުމުގެ ނަތީޖާވެސްމެ

  3. މިއީ ވަރަށް ދެރަކަމެއް. ރައްޔިތުން ވިޔަސް މިގޮތަށް ކަންތައް ކޮއްގެންނުވާނެ. ކޮންމެ ސަރުކާރެއް އޮތަސް ބުނާހައިކަމެއް ބުނިގޮތަކަށްވެސް ކޮށެއްނުދޭނެ. މިފަދަ ކަންކަމާ މިނޫން އެހެން ގޮތަކަށް ވިސްނަންވެއްޖެ. މަސް ނުކިރޭއިރަށް މަސްކޮޅު އޮފީހަށް. ކަމެއް ނުވާއިރަށް އޮފީސް ބަންދު. މީ އުސޫލެއްނޫން. މީ ފެށުނު ވަރަށް ދެރަކަމެއް. މިފަދަ ކަންތަށް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދީ މިކަން ހުއްޓުވަން ޖެހޭނެ. މިކަމުންވެސް ދޭހަމިވަނީ ފޭލް ވެފައިތިބޭ ބަޔަކު ސަރުކާރު ހިންކަން ތިބޭކަން

No comments: