Wednesday, December 26, 2007

ރައްޔިތުން އަމިއްލައަށްދޭ ކަރަންޓް އަގުހެޔޮކުރުމަށް 200 މިލިއަން ރުފިޔާގެ ސަބްސީޑީއެއް ދިނުމަށް ހުށަހަޅައިފި

ު

އަންނައަހަރަށް ސަރުކާރުން ކަނޑައަޅާފައިވަ ބަޖެޓަށް އިތުރު ހުށަހެޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހުށަހަޅުއްވައިފި އެވެ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ ހުށަހެޅުއްވީ އަތޮޅުތަކުގެ ކަރަންޓް އަގުހެޔޮކޮށްދިނުމަށް ދެވޭ ސަބްސިޑީ, ސްޓެލްކޯއިން އަގުހެޔޮކޮށް ކަރަންޓް ދިނުމަށް ދެވޭ ސަބްސިޑީއެކޭ އެއްފަދައިން މިހާރު ހުށަހަޅާފައިވާ 110 މިލިޔަން ރުފިޔާއިން 200 މިލިއަން ރުފިޔާއަށް ބޮޑުކުރެއްވުމަށެވެ

އަތޮޅުތަކުގެ ރަށްރަށަށް ކަރަންޓް ލުމަށް ލޯނު ދޫކުރާ ރިވޯލްވިންގ ފަންޑުގެ ދަށުން ދޫކުރެވޭ ލޯނުތަކުގެ އިންޓްރަސްޓް 8 ޕަސެންޓުން 1 ޕަސެންޓަށް ކުޑަކުރުމަށާއި ސަރުކާރުގެ ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގެ ކެޕިޓަލް ދޫކުރާ ފަންޑުން ދޫކުރާ ލޯންތަކުގެ އިންޓްރަސްޓް 10 ޕަސެންޓަށް ބޮޑުކުރުމަށްވެސް ހަމްޒާ ހުށަހެޅުއްވި އެވެ. އަދި ހައުސިންގ މިނިސްޓްރީއަށް ކަނޑައަޅުއްވާފައިވާ 118،548،321ރުފިޔާ, ސުނާމީގައި ގެދޮރު ނެތިފައިވާ މީހުންނަށް ގެދޮރު ހޯދައިދިނުމަށް ކަނޑައެޅުމަށްވެސް ހަމްޒާ ވަނީ ހުށަހަޅުއްވާފަ އެވެ

ހަމްޒާގެ ހުށަހެޅުންތަކަށް ތާއީދުކުރައްވާފައިވަނީ ތ އަތޮޅު މެންބަރ ހަސަން އަފީފެވެ

މާލޭ މެންބަރ އިބްރާހީމް އިސްމާއީލް ހުށަހަޅުއްވާ ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފް ތާއީދުކުރެއްވި ހުށަހެޅުންތަކުގައިވަނީ ބަޖެޓްގައި ލިބޭނޭކަމަށް ބަޔާންކޮށްފައިވަ އާމްދަނީ ނުލިބިއްޖެނަމަ ޚަރަދު އުނިކުރާނޭ ބައިތައް ފާހަގަކޮށް އަންނަމަހުގެ ނިޔަލަށް ހުށަހެޅުމާއި ޑެފިސިޓް ނުވާނޭ ގޮތަކަށް ޚަރަދު ކުރުމާއި, މިއަހަރުގެ ބަޖެޓުން އިތުރު ޚަރަދެއް އަންނައަހަރު ނުކުރުމަށާއި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް އަންނަ އަހަރުގެ ބަޖެޓްގައި އިތުރުކުރުމަށް ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މެންބަރުންނަށް އެހީތެރިވާނޭ މުވައްޒަފުން އިތުރު ކުރުމަށެވެ

ދ އަތޮޅު މެންބަރ އަހުމަދު ނާޝިދު ހުށަހަޅުއްވައި ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފް ތާއީދުކުރެއްވި ހުށަހެޅުންތަކުގައިވަނީ ބަޖެޓްގައި މޯލްޑިވްސް ޑިފެންސް ފޯސްއަށް (ސިފައިންނަށް) ކަނޑައަޅާފައިވާ 424،716،233 ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މަސްވެރިކަމާއި ދަނޑުވެރިކަމަށް ދިނުމަށެވެ. އަދި ސަރުކާރުގެ ފައިސާއާއި ތަކެތި ހޭދަކުރުމުގައި މިހާރު ހެދިފައިވާ ގަވައިދާ ޚިލާފަށް އެއްވެސް މަޝްރޫއެއް ނުވަތަ ޕްރޮޖެކްޓެއް ޓެންޑަރ ނުކުރުމަށާއި ކޮންމެ 6 މަހަކުން އެއްފަހަރު ނުވަތަ ”މިޑް އިޔަރ ރިވިއުއެއް“ ބައްވައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގެ އަލީގައި މަޖިލީހުގައި ބަހުސް ކުރުމަށް ހުށަހެޅުއްވިއެވެ

ޅ އަތޮޅު މެންބަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ބަޖެޓަށް ކުދިކުދި އިސްލާހް ގެނައުމަކީ މައްސަލަތަކާއި ކުރިމަތިވާނޭ ކަމެއް ކަމަށާއި އިސްލާހްތަކަށް ވާހަކަދައްކައިގެން އަލުން ބަޖެޓް އިސްލާހް ކުރަންވީ ކަމަށެވެ

ބަޖެޓްގެ ވޯޓަށް އެހުން އޮންނާނީ މާދަމާގެ ޖަލްސާގައެވެ

No comments: