Sunday, December 30, 2007

ސްޕޮންސަރގެ ގޮތުގައި ލައްކައަށްވުރެ ގިނަ ޑޮލަރު ހޯދައިގެން މައުމޫންގެ ހަޔާތްޕުޅާބެހޭ ފޮތެއް ލިޔަނީ

ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް ގައްޔޫމުގެ ހަޔާތްޕުޅާ ބެހޭ ފޮތެއް (ބަޔޯގްރަފީއެއް) ލިޔުމުގެ މަސައްކަތް ކުރިއަށް ދާކަމުގެ މައުލޫމާތެއް ޖަޒީރާއަށް ލިބިއްޖެ އެވެ

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިބަޔޯގްރަފީ ލިޔުމަށް ސްޕޮންސަރ ކުރާނެ ފަރާތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން, ރާއްޖޭގެ ބައެއް ކުންފުނިތަކުން އެކަމަށް ފަންޑް ދީފައިވާ ކަމަށް ވެއެވެ

މި ފޮތް ލިޔުމަށް ފަންޑްދިން ފަރާތްތަކުގެ ތެރޭގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮންޕެނީއާއި, ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި ދިރާގާ ގުޅިފައި އޮންނަ ކޭބަލް އެންޑް ވަޔަރލެސްގެ އިތުރުން ސީޕްރިއާ ފަދަ ބައެއް ކުންފުނިތަކުން ސްޕޮންސަރޝިޕް ދިން ކަމަށް ވެއެވެ

އެއްލަކަ ފަންސާސްހާސް ޑޮލަރާއި ދެލައްކަ ޑޮލަރުގެ އަދަދަކަށް ޚަރަދުވާ މިކަމުގައި ސަރުކާރުގެ އެއްވެސް ފައިސާއެއް ހިމެނިފައެއް ނުވެއެވެ. އަދި ސަރުކާރުގެ ކުންފުންޏެއްގެ ފައިސާއެއްވެސް ހިމެނިފައި ނުވާކަމަށް ވެއެވެ

ޖަޒީރާއަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ސުނާމީގެ ސަބަބުން ގައުމު އޮތް ހާލަތާ ގުޅިގެން ސަރުކާރުގެ އެއްވެސް ހިއްސާއެއް މިކަމަށް ކުރަން ބޭނުންނުވީ ރައީސް މައުމޫންގެ ސީދާ އެދިވަޑައިގަތުމުން ކަމަށް ވެއެވެ

”ރައީސް މައުމޫން ބޭނުންފުޅުނުވީ މިކަމުގައި ސަރުކާރުގެ އެއްވެސް ފައިސާއެއް ނުހިމަނަން“ ޖަޒީރާއަށް މައުލޫމާތު ފޯރުކޮށްދިން ފަރާތަކުން ބުންޏެވެ

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރުގެ ބަޔޮގްރަފީ ލިޔަނީ އިނގިރޭސިވިލާތުގެ މީހެއް ކަމަށްވާ ގްރާމް ވިލްސަން ކިޔާ މީހެކެވެ

މައުލޫމާތު ލިބިފައިވަނީ މިދިޔައަހަރުގެ ތެރޭގައިފެށި މިމަސައްކަތް ނިންމުމަށްފަހު މިއަދު (ރައީސް މައުމޫންގެ އުފަންދުވަހު) އެބަޔޮގްރަފީ ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ

ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރާމްސް ވިލްސަމް މިކަން ފެށީ ސްރީލަންކާ ހައިކޮމިޝަން މެދުވެރިކޮށް ރާއްޖެއައިސް ރައީސާ ބައްދަލުކުރުމަށް ފަހުގައެވެ. އަދި ވިޔަފާރި ވެރިންގެ އަތުން ފައިސާ ހޯދުމަށް ފެށި މަސައްކަތް އޭނާއަށް ކާމިޔާބު ވެފައި ނުވާކަމަށާއި ދެން އެކަމުގައި ފަންޑު ހޯދުމަށް މަސައްކަތް ފެށީ ދިވެހިން ކަމަށް ވެއެވެ

މިއީ ކުރިން ނެރެފައިވާ ބަޔޮގްރަފީގެ އަޕްޑޭޓެއް ކަމަށްވެސް ޖަޒީރާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ

No comments: