Sunday, December 23, 2007

އިބްރާގެ ޕާޓީ ރަޖިސްޓްރީކުރުމަށް ނަމާއި އައިޑީކާޑް ނަންބަރު ދިމާނުވާ 780ށް ވުރެ ގިނަމީހުން ހުށަހަޅާފައިވޭ: އިލެކްޝަންސް

ު

ސޯޝަލް ލިބަރަލް ޕާޓީ ރަޖިސްޓްރީ ކޮށްފައި ނުވަނީ އެ ޕާޓީން ހުށަހަޅާފައިވާ ލިސްޓްގައި އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުންނާއި ނަމާއި އައިޑީކާޑް ނަމްބަރު ދިމާ ނުވާމީހުން ގިނައަދަދަކަށް ހިމެނޭތީ ކަމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން ބުނެފި އެވެ

ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނެރެނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސޯޝަލް ލިބަރަލް ޕާޓީ ރަޖިސްޓްރީ ކުރުމަށް މ. ބޯގަންވިލާ އިބްރާހިމް އިސްމާއިލް އެކޮމިޝަނަށް ހަތަރު ފަހަރެއްގެ މަތިން 3989 މީހުންގެ ސޮއި ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން ތަފާތު އެކި ސަބަބުތަކާ ހުރެ 2372 މީހުން ބާޠިލްކޮށްފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ. މީގެތެރޭގައި ހިމެނެނީ މިހާރު ރަޖިސްޓްރީ ކޮށްފައިވާ ފަސް ޕާޓީއަށް ނިސްބަތްވާ 1371 މީހުންނާއި ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް ފުރިހަމަ ނުވެ އޮތް ފަސް ޕާޓީގައި ހިމެނޭ 12 މީހުންނާއި ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން ތަފާތު ހަތް ސަބަބަކަށްޓަކައި ބާޠިލްކޮށްފައިވާ 989 މީހުންނެވެ

އިލެކްޝަންސް އޮފީހުން ބުނީ, ސިޔާސީޕާޓީގެ ދަށުން ތަފާތު ހަތް ސަބަބަކަށްޓަކައި ބާޠިލް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ނަމާއި އައިޑީކާޑް ނަމްބަރު ދިމާނުވާތީ ބާޠިލްކޮށްފައިވާ 788 މީހުންނާއި, ނެޝަނަލް ރަޖިސްޓްރޭޝަންގައި ރަޖިސްޓްރީކޮށްފައި ނުވާ 100 މީހުންނާއި, އުމުރުހަމަނުވާ 82 މީހުންނާއި, ބާޠިލްވެފައިވާ އައިޑީކާޑް ހުށަހަޅާފައިވާ 13 މީހުންނާއި, އެއްފަހަރަށްވުރެ ގިނަ ފަރާ ތަކުރާރުވެފައިވާ ހަތަރު މީހުންނާއި, މަރުވެފައިވާ މީހަކާއި, އައިޑީކާޑް ނަމްބަރު ސާފްނުވާ މީހެއްގެ ނަމެވެ

ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށް އިބްރާހިމް އިސްމާއިލް ހުށަހަޅާފައިވާ ކޮންމެ މީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނުނު އަސާސީގައި ނުވަތަ ގާނޫނުގައި ނުވަތަ ސިޔާސީޕާޓީގެ ގަވާއިދު 2005 ގައި ހުރަހެއް ނެތް މީހެއް ކަމުގައި ގަބޫލުކޮށް ބަލައިގަނެވެން ކޮމިޝަނަށް ނެތް ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ. އަދި ސޯޝަލް ލިބަރަލް ޕާޓީ ރަޖިސްޓްރީކުރުމަށް ބޭނުންވާ ސައްޙަ ގޮތުގައި ބަލައިގަނެވޭނެ 1383 މީހުންގެ ސޮއި ހުށަހެޅުމަށް 15 ނޮވެމްބަރުގައި އިބްރާހިމް އިސްމާއީލަށް އަންގާފައި ވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ

ކޮމިޝަނާގެ އޮފީހުން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމަށާއި ޕާޓީ އުފެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ހުށަހަޅާ ނަންތަކުގެ ސައްހަ ކަމާމެދު ޝައްކު އުފެދޭ ގޮތް ދިމާވެއްޖެ ނަމަ އައިޑީކާޑުގެ ބޭނުން ހިފެންޖެހޭނެ ކަމަށެވެ. ލިސްޓްގައި ހިމަނާ އައިޑީކާޑްގެ ނަމްބަރުތަކަކުން އެ ކާޑެއްގެ މުއްދަތު ހަމަވާކަން ނުވަތަ ނޫންކަން ދެނެގަންނާނެ ގޮތެއް ނޯންނާނެ ތީވެ އައިޑީކާޑްގެ ކޮޕީއެއް ހުށަހެޅުއްވުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ ހައިސިއްޔަތުން ( ސިޔާސީ ޕާތީތަކުގެ ރަޖިސްޓްރާއެއްގެ ގޮތުން) ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ޕާޓީއެއްގެ ކަންކަމުގައި އިސްވެ ހަރަކާތްތެރި ވެވަޑައިގަންނަވާ ބޭފުޅަކަށް ދެންނެވުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 9 އޮގަސްޓް 2007 ދުވަހުން ފެށިގެން 24 އޮކްޓޯބަރު 2007 ދުވަހުގެ ނިޔަލަށް އިބްރާޙިމް އިސްމާއިލް ހުށަހަޅުއްވާފައިވާ 3989 މީހުންގެ ތެރޭގައި އޭގެ ދެ އަހަރު ކުރިން ނިޔަވެފައިވާ މީހެއްގެ ސޮއިވެސް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނޫސް ބަޔާނުގައި ވެ އެވެ. މީގެ އިތުރަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ޕާޓީ ތަކުގައި ހިމެނޭ 1371 މީހުންގެ ސޮއި ހިމަނާފައި ވުމާއި, ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދާ ފަސް ޕާޓީއެއްގެ 12 މީހަކު ސޮއިކޮށްފައި ވުމާއި ގަވާއިދު ނިޔާކުރާ ގޮތުން އެކި ސަބަބާހުރެ ހިމަނާ ނުދެވޭނެ 989 މީހުންގެ ސޮއި އިބްރާ ހުށަހޅާފައިވާ ކަމަށް ތިން ސަފްހާގެ އެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ

” މިއިން ކޮންމެ ހާލަތެއްވެސް ދެނެގަނެވެން އަންނަނީ އައިޑީކާޑް ހުށަހަޅުއްވައިގެންނެވެ. އައިޑީކާޑްގެ ކޮޕީ ހުށަހެޅުއްވުމަށް 28 ނޮވެމްބަރު 2007 ދުވަހު ދެންނެވިފައި ވަނީ ކުރިން ދެންނެވި މަރުވެފައިވާ މީހާގެ މައްސަލައާއި މީގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ޕާޓީތަކުގެ މެމްބަރުންގެ ނަމުގައި ސޮއި ހުށަހަޅުއްވާފައިވާ ކަމަށް ބެލެވޭ ސަބަބުތަކެއް މެދުވެރިވަފައިވާތީ އެވެ.“ އިލެކްޝަންސްގެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ

ކޮމިޝަނުން ބުނެފައި ވަނީ ސޯޝަލް ލިބަރަލް ޕާޓީ ރަޖިސްޓްރީ ކޮށްދީފައި ނުވަނީ ޕާޓީ އުފެއްދުމަށް ދީފައިވާ ނުވަ މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ހުރިހާ ގޮތަކުން ސައްޙަ ކަމަށް ބަލާ 3000 މީހުންގެ ސޮއި ހުށަހަޅާފައި ނުވާތީ އެވެ

” ކަން މިހެން އޮތުމާއެކު ސޯޝަލް ލިބަރަލް ޕާޓީ އަކީ ދިވެހި ސަރުކާރުގެ ކަމާބެހޭ މުއައްސަސާގައި ގަވާއިދުން ރަޖިސްޓްރީ ވެފައިވާ ޕާޓީއެއް ނޫންކަން މި ނޫސްބަޔާނުން އާއްމު ކުރަމެވެ. އަދި ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށް ކުރަންޖެހިވަޑައިގަންނަވާ އެންމެހާ ކަންކަން ކުރެއްވުމަށް 6 ޑިސެމްބަރު 2006 ދުވަހު އަރުވާފައިވާ ހުއްދަ 10 ޑިސެމްބަރު 2007 ދުވަހު ބާޠިލްކޮށްފައިވާކަން އިބްރާހިމް އިސްމާއީލަށް ވާނީ ސިޓީއަކުން އަންގަވާފައެވެ.“ ނޫސް ބަޔާން ނިންމާލަމުން ބުނެފައި ވެ އެވެ

No comments: