Friday, December 28, 2007

ރައްޔިތުންނަށް މެޑިކަލް އިންޝުއަރެންސް ހޯދައިދިނުމަށް ދިރާސާއެއްކޮށް, 2009 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ކަނޑައެޅުމަށް ފާސްކޮށްފި


ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މެޑިކަލް އިންޝުއަރެންސް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދިރާސާއެއްކޮށް, އެކަމަށް ބޭނުންވާ ފައިސާ 2009 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅުމަށް ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެމްބަރުން ފާސްކޮށްފި އެވެ

ފ.އަތޮޅު މެންބަރ އަހުމަދު ހަމްޒާ ހުށަހަޅުއްވާ ތ އަތޮޅު މެންބަރ ހަސަން އަފީފް ތާއީދުކުރެއްވި އިސްލާހުގައި ބުނެފައިވަނީ މެޑިކަލް އިންޝުއަރެންސް ދިނުމަށް ކުރަން ޖެހޭ ދިރާސާއަށް ބޭނުންވާ ފައިސާ, ފިނޭންސް މިނިސްޓްރީގެ އަންނަ އަހަރުގެ ކޮންޓިންޖެންސީ ބަޖެޓުގައި ކަނޑައެޅުމަށެވެ

މެޑިކަލް އިންޝުއަރެންސް ހޯދައިދިނުމަށް މަގު ފަހިވާގޮތަށް މެމްބަރުން ހުށަހެޅުއްވި ގިނަ އިސްލާހުތަކެއް ވަނީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ ތާއިދު ނުލިބުމުން ފާސްނުވެފަ އެވެ

ސޯޝަލް ސެކިއުރިޓީގެ ގޮތުގައި އެކި އިދާރަތަކުގައި ހިމަނާފައިވާ ހުރި ހުރިހާ ފައިސާއެއް އެއް އިދާރާއަކަށް ޖަމާކޮށް, ކަނޑައެޅި ބަޔާންކޮށް އާއްމުކުރެވިފައިވާ އުސޫލަކުން އެހީ ދިނުމުގެ ކަންތައްތައް ހަމަޖެއްސުމަށް މާލޭ މެމްބަރު އިބްރާހިމް އިސްމާޢިލް ހުށަހެޅުއްވި އިސްލާހުވަނީ އެންމެ ވޯޓެއް މަދުވެގެން ފާސްވާގޮތް ނުވެފައެވެ

ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ރިޔާސީ ގަނޑުވަރަށް ކަނޑައަޅާފައިވާ 65 މިލިއަން ރުފިޔާ ސޯޝަލް ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކުރުމަށް ހަމްޒާ ހުށަހެއްޅުއްވި އިސްލާހަށް ލިބިފައިވަނީ އެންމެ 16 ވޯޓެވެ. މިނިމޭ އަހަރުގެ ބަޖެޓްގައި ރިޔާސީގަނޑުވަރުގެ ސޯޝަލް ސެކިއުރިޓީގެ ބަޔަށް ކަނޑައެޅި ފައިސާ އުނިކުރުމަށް ބަޖެޓްޖަލްސާގައި ވާހަކަދެއްކި ނަމަވެސް އެކަންވަނީ ނާކާމިޔާބު ވެފައެވެ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބަޖެޓަކަށް ފުރަތަމަ ފަހަރަށް ބުރާސްފަތި ދުވަހު ވަނީ އިސްލާހު ހުށަހަޅައި ފާސްކޮށްފަ އެވެ

އަންނަ އަހަރަށް ފާސްކުރި ބަޖެޓަށް މެންބަރުން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރެއިން ތިން އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހްތަކުގެ ތެރެއިން ފާސްވެފައި ވަނީ މެޑިކަލް އިންޝުއަރެންސް ގާއިމުކުރުމަށް ހަމްޒާ ހުށަހެޅި އިސްލާހުގެ އިތުރުން ހަމްޒާ ހުށަހަޅުއްވާ ތ އަތޮޅު މެންބަރ ހަސަން އަފީފް ތާއީދުކުރެއްވި ” އަތޮޅުތަކުގެ ރަށްރަށަށް ކަރަންޓް ލުމަށް ލޯނު ދޫކުރާ ރިވޯލްވިން ފަންޑުގެ ދަށުން ދޫކުރެވޭ ލޯނުތަކުގެ އިންޓްރަސްޓް އެއް ޕަސެންޓް ކުޑަކޮށް, ސަރުކާރުގެ ވިޔަފާރި އުސޫލުން ހިންގާ ތަންތަނުގެ ކެޕިޓަލް ދޫކުރާ ފަންޑުން ދޫކުރާ ލޯންތަކުގެ އިންޓްރަސްޓް 10 ޕަސެންޓް ބޮޑުކުރުމަށް“ ހުށަހެޅުއްވި އިސްލާހެވެ

މީގެ އިތުރުން އައްޑުއަތޮޅު މެންބަރ މުހައްމަދު އަސްލަމް ހުށަހަޅުއްވާ އއ އަތޮޅު މެންބަރ ޢަބްދުލް މުހްސިން ޢަބްދުﷲ ތާއީދު ކުރެއްވި ”މަސްވެރިންނަށް ތެޔޮ އަގުހެޔޮކޮށް ދިނުމަށްޓަކައި 100 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް“ ފާސްވި އެވެ

މިތިން ހުށަހެޅުން ފާސްވިއިރު ވަރަށް މުހިއްމު ރައްޔިތުންނަށް އެހާމެ ފައިދާހުރި ހުށަހެޅުންތަކެއް ވަނީ ފަސްނުވެ, ފޭލްވެފަ އެވެ. ބައެއް ހުށަހެޅުން އެންމެ ވޯޓެއް ނުލިބިގެން ފާސްނުވިއިރު މިހުށަހެޅުންތަކަށް މައިގަނޑުގޮތެއްގައި ވޯޓު ނުދެއްވަނީ ޑީއާރުޕީ މެންބަރުންނެވެ

އެގޮތުން ފ. އަތޮޅު މެންބަރ އަހުމަދު ހަމްޒާ ހުށަހަޅުއްވާ ތ އަތޮޅު މެންބަރ ހަސަން އަފީފް ތާއީދުކުރެއްވި ” އަތޮޅުތަކުގެ އަގުހެޔޮކޮށްދިނުމަށް ދެވޭ ސަބްސިޑީ ސްޓެލްކޯއިން އަގުހެޔޮކޮށް ކަރަންޓް ދިނުމަށް ދެވޭ ސަބްސިޑީއެކޭ އެއްފަދައިން 110 މިލިއަން ރުފިޔައިން 200 މިލިއަން ރުފިޔައަށް ބޮޑުކުރުމަށް“ ފާހެއް ނުވިއެވެ. ލިބުނީ އެންމެ 23 ވޯޓެވެ

ފ އަތޮޅު މެންބަރ އަހުމަދު ހަމްޒާ ހުށަހަޅުއްވާ ތ އަތޮޅު މެންބަރ ހަސަން އަފީފް ތާއީދުކުރެއްވި ހައުސިންގ މިނިސްޓްރީއަށް ކަނޑައަޅާފައިވާ 118،548،321 ރުފިޔާ ސުނާމީގައި ގެދޮރު ގެއްލުނު މީހުންނަށް ގެދޮރު ހޯދައިދިނުމަށް ދޭކަށް ފާހެއް ނުވިއެވެ. ލިބުނީ 19 ވޯޓެވެ


ކިޔުންތެރިންގެ ޚިޔާލު

އަޅުގަނޑުމެން ސަރުކާރުގައި ނޫޅޭ، ނޫނީ އެފުރްޞަތު ނުލިބޭ ޢާންމުންނާ ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުންވެސް އަދި އެފަދަ އެހެންފަރާތްތަކުންވެސް ހަދާންވަނީ ވަރަށް މަދު ފަހަރަކުއޭ ދެންނެވުމަކީ މުޅިއަކުން ކުށަކަށްނުވާނެ. އަބަދުވެސް ވިސްނަވާތަން މިފެންނަނީ ސަރުކާރުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނަށް ދެރައެއްވެދާނެތީ ދެކޮޅު ނުޖެހިދާނެތީ އުޅުއްވާތަން. އެކަންވެސް ކުރައްވަންވާނެ. އެކަމަކު އެންމެ ބޭފުލުންވެސް ހަދުމަފުޅު ބަހައްޓަވަންވާނެ މިޤައުމުގެ އާބާދީގެ ވަރަށްބޮޑުބަޔަކީ ސަރުކާރުގައި އުޅުމުގެ ނަސީބުނެތް ބައެއްކަން. އެމީހުންވެސް ބަލިވާނޭކަމާ، ބަނޑުހައި ވާނޭކަމާ، އުފާކުރަންވެސް ބޭނުންވާނޭކަން ހަނދުމަފުޅު ބަހެއްޓެވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގަ ދެކެން

No comments: