ބަޖެޓް މައްސަލާގައި ޔާމީނުގެ ގުރޫޕުން ގާސިމަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
ސަރުކާރުން ހުށަހަޅާ ބަޖެޓް, ދިރާސާކުރާ ކޮމެޓީން ސަރުކާރަށް ހުށަހަޅާ ހުށަހެޅުންތަކަކަށް ޢަމަލެއް ނުކުރާ ކަމަށާއި ސަރުކާރުން ބަޖެޓަށް އަމަލުކުރަނީ ހިތުހުރިގޮތަކަށް ކަމަށް ވިދާޅުވެ ރައީސް މައުމޫނުގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީނުގެ ޕީއޭ (ޕީޕަލް އެސޯސިއޭޝަން) ގުރޫޕުގެ ބައެއް މެންބަރުން ބަޖެޓަށާއި ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ޖަލްސާގައި ވާހަކަދައްކަވަމުން މ.އަތޮޅު މެންބަރ އަހުމަދު ނާޒިމް ވިދާޅުވީ މިދިޔައަހަރުގެ ބަޖެޓްކޮމެޓީގެ ރިޕޯޓުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ސަރުކާރަށް ހުށަހަޅުއްވާފައިވާނޭ ކަމަށާއި އެކަންތައްތައް ކުރައްވާފައި ނުވާކަމަށާއި ފިނޭންސް މިނިސްޓްރީން ބައެއް ކަންތައްތައް ކުރެއްވިކަމަށް ވިދާޅުވާ ވިދާޅުވުމަކީވެސް ހަގީގަތެއް ނޫން ކަމަށެވެ
”ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ހޯލްޑިންގ ކުންފުންޏެއް ހަދަން އޮންނާނެ ބުނެފައި. އެކަމެއް ނުވޭ. ފިނޭންސް މިނިސްޓަރ ވިދާޅުވީ ކެބިނެޓުން ކަމަށް ރިޖެކްޓް ކުރީ“ ނާޒިމް ވިދާޅުވިއެވެ
ނާޒިމް ވިދާޅުވީ މާދަމާއަކީ ކޮޅުފުށީ ރައްޔިތުން ގޮނޑުދޮށުގައި ތިބޭތާ 3 އަހަރު ފުރޭ ދުވަސް ކަމަށާއި މިއަހަރު އެމީހުންގެ ގެދޮރު އަޅައިދޭން ޖެހޭނެކަމަށް ކޮމެޓީގެ ރިޕޯޓުގައި ހިމަނާފައިވާއިރު އެކަން ކުރެވިފައި ނުވާ ކަމަށެވެ
”މިހާރު މިދައްކަނީ އިހަވަންދިއްޕޮޅުގައި ހަދާ ޓްރާންޝިޕް ބަނދަރާ ބެހޭ ވާހަކަ. އެބަނދަރުގެ އެއްވެސް މަސައްކަތެއް ކުރެވިފައެއްނެތް ކުރެވޭނެގޮތްތަކެއް ޕްލޭނެއް އެއްޗެއްވެސް ނެތް. އެއީ ހަގީގަތަކަށް ހެދޭނެކަމުގެ އެއްވެސް ޔަގީންކަމެއް ފިނޭންސް މިނިސްޓަރަކަށް ނުދެވޭ. އެއިން ލިބޭނޭ ކަމަށް ބުނާ ފައިސާ ނުލިބިއްޔާ އަންނައަހަރުގެ ބަޖެޓުގެ 22 ޕަސެންޓް ޑެފިސިޓް ވާނެ“ ނާޒިމް ވިދާޅުވި އެވެ
ނާޒިމް ވިދާޅުވީ ގުޅިފަޅެއްގެ ވާހަކަވެސް ދެއްކުނު ކަމަށާއި މިއަހަރު ސުވާލުކުރުމުން ދެމަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް ވިދާޅުވިއިރު އަހަރު ނިމިގެން ދިޔައިރު އެއިން އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށެވެ
ނާޒިމް ވިދާޅުވީ މަޖިލީހުން ފާސްކޮށް ކުރަން ބުނާ ކަންތައްތައް ނުކުރަންޏާ މަޖިލީހަކީ ކީއްކުރާ ތަނެއްތޯއާއި ހަގީގީ އިސްލާހެއް ނާންނާނެ ކަމަށެވެ
ނާޒިމް ވިދާޅުވީ މަޖިލީހުން ކުރަން ބުނާ ކަންތައްތައް ނުކުރިއަސް ކުރެވޭކަމެއް ނޯންނަކަމަށާއި އަނެއްކާވެސް އަނެއް އަހަރު ރަނގަޅުކުރަން ދޭންޖެހެނީ ކަމަށެވެ
”މިދިޔައަހަރު ބުނި ކަންތައް ނުކުރީ. ދެން އަނެއްކާ އެކަންތައް ރަނގަޅުކުރަން އަންނަ އަހަރު ދޭންވީ. އަންނައަހަރު ނުކުރީމާ އަނެއް އަހަރު ދޭންވީ. ދެންވެއްޖެއްނު މިކަންތައްތައް ހުއްޓާލަން.“ ނާޒިމް ވިދާޅުވިއެވެ
”ސަރުކާރުން މިކުޅޭ ކުޅިގަނޑުވެއްޖެ ހުއްޓާލަން. ހިތުހުރިގޮތަކަށް މިކަން ނުކުރަން ވެއްޖެ. ސަރުކާރުގެ ސިޔާސަތު އެއްކަމެއްގައިވެސް ދެއުޅިއެއް ނުވޭ. ކިތަންމެ ވަރަކަށް އިސްލާހު ގެންނަނީއޭ ކިޔަކަސް މިހެން ކަންތައް ކުރަންޏަކާ މިކަމެއް ނުވާނެ,“ ނާޒިމް ވިދާޅުވި އެވެ
ގދ.އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ ސަރުކާރު ހިންގާ އިންޖީނު, ހިންގާ ތެލަކީ ބަޖެޓް ކަމަށާއި އިންޖީނުގައި މައްސަލަ އުޅެންޏާ ތަރައްގީއެއް ނުވާނެ ކަމަށެވެ
”އިންޖީނު ބާވެއްޖެ. އިންޖީނުގައި މެކޭނިކް މައްސަލަތަކެއް އެބައުޅޭ. އޯވަހޯލް ނުކުރަންޏާ ފިއުލް ކޮންސަޕްޝަން ވާނީ ބޮޑު“ ޖާބިރު ވިދާޅުވިއެވެ
ޖާބިރު ވިދާޅުވީ މަޖިލީހުގައި ދައްކާވާހަކައެއް ސަރުކާރުން އަޑެއް ނަހާ ކަމަށާއި ބަޖެޓް ފާސްކުރަނީ މަޖިލީހުން ކަމަށާއި އެހެންކަމަށްވާނަމަ މަޖިލީހުގެ އިޚްތިޔާރެއްވެސް އޮންނަން ޖެހޭނެ ކަމަށެވެ
”މިހާރު މިތަނުގެ އަގުވައްޓާލަނީ. މިތަނުން ފާސްކުރަން އުޅުނީމާ ނުކޮށް ކަންތައްތަކެއް ކުރަނީ. މިސާލަކަށް ފޮތްފަންސުރު ދިނުން“ ޖާބިރު ވިދާޅުވި އެވެ
ޖާބިރު ވިދާޅުވީ ކެބިނެޓްގައި ވަޒީރުން އޮޅުވާލިނަމަވެސް މަޖިލީހުގައި އޮޅުވާނުލުމަށާއި މިފަހަރު ސަރުކާރާ ވާހަކަދައްކައިގެން ދެފަރާތް އެއްބަސްވާގޮތަކަށް ބަޖެޓްގެ ކަންތައް ކުރުމަށް ގޮވާލައްވާ ކަމަށެވެ
ނ އަތޮޅު މެންބަރ ޢަބްދުﷲ ޔާމީން ވިދާޅުވީ މިއަހަރާ އަންނައަހަރުގެ ބަޖެޓުގައި ތަފާތެއް ނެތް ކަމަށާއި މަޖިލީހުގެ މެންބަރުން ފާސްކުރާގޮތަށް ބެލުމެއް ނެތި ޢަމަލުކުރަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަމަށެވެ
”މިއީ ރިއަލިސްޓިކް ބަޖެޓެއް ނޫން. މިއަހަރުވެސް ލޯނު ނުނަގާށޭ ބުނީމާވެސް ބަޖެޓްގެ ތިލަފަތް ހަމަކުރަން ދަރަންޏަށް ލޯނު ނަގަނީ“ ޔާމީން ވިދާޅުވިއެވެ
ޔާމީން ވިދާޅުވީ ޕީއެސްއައިޕީއަށް ކަނޑައަޅާ ވަރަށް ޚަރަދެއް ނުކުރާ ކަމަށާއި އެއަށް ޚަރަދު ނުކޮށް ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ
”މިއީ އެއްގޮތަކަށްވެސް އެކަށީގެންވާ ބަޖެޓެއް ނޫން. މިއަކު ކެޕިޓަލް ފޯމޭޝަނެއް ނެތް“ ޔާމީން ވިދާޅުވިއެވެ
ބަޖެޓަށް ވޯޓަށް އެހުން އޮންނާނީ މާދަމާގެ ޖަލްސާގައެވެ
-
މިދިޔަ ދެ އަހަރުގެ ބަޖެޓް ޖަލްސާތައް ވެގެންދިޔައީ ވަރަށް ހޫނުވި ޖަލްސާތަކަކަށް. ހަޤީޤަތުގައިވެސް ރައްޔިތުންނަށާއި މުޅި ގައުމުގެ ހެވާ ލާބައަށް ވަކާލާތުކުރާ މެންބަރުން މިހާރު މަޖިލީހުގައި އެބަތިބި. މަޖިލީހުން ސަރުކާރަށް ވަކި ކަމެއް ކުރުމަށް އެންގުމުން އެކަމެއް ނުކޮށް ސަރުކާރުން ބޭނުން ގޮތަކަށް ލޯނުތައް ނަގާ ޖީބުތަށް ފުރަމުން އެދަނީ ރައްޔިތުންގެ މަތިން ހަނދާން ނައްތާލުމަށް ފަހު. ނާޒިމް އެ ދެއްކެވި ވާހަކަ ފުޅަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން. -- ނަހާސްކީރާއްޖެ --
-
ދެން ޤާސިމް ފަކީރަށް އެންމެން ބަވަނީ އެވެ!. ޙަގީގަތަކީ ކޮބައިތޯ ޤާސިމް ވިދާޅުވެ ދެއްވަންވީ ނޫންތޯ އެވެ
-
ކީކުރާނީ ގާސިމް ވެސް ހިސާބަށްވުރެ ފިޑިވީމަވާނީ އެހެން
-
ނާޒިމުމެންގެ ވާހަކަވެސް ގަބޫލް ނުކުރެވެނީ ދެފަހަރު ދެއަނގައިން ވާހަކަ ދައްކާތީއެވެ. މިހާރު ޔާމީނު ބުނިކޮނމެ ގޮތެއް ރަނގަޅު ހަކުރާ ހުރާ ރިސޯޓް ހަދަން ލިބުމުން އޭރަކު ސަރުކާރު ވަރެއް ނެތް. ރައްޔިތުންނަށް އޮޅުވާލަންވެސް ތިވަރު ތަންފުކެއްބޮޑު ހެންހީވަނި. މާސޭ
No comments:
Post a Comment