Wednesday, December 26, 2007

ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ހިމަނާފައި ހުރި ހުރިހާ ފައިސާއެއް, އެއް އިދާރާއެއްގެ ދަށަށް ބަދަލުކޮށް އެހީ ދިނުމުގެ ކަންތައް ހަމަޖެއްސުމަށް އިބްރާ ހުށަހަޅުއްވައިފި

ު

ސޯޝަލް ސެކިރިއުޓީގެ ގޮތުގައި އެކި އިދާރާތަކުގައި ހިމަނާފައި ހުރި ހުރިހާ ފައިސާއެއް އެއް އިދާރާއެއްގެ ދަށަށް ބަދަލުކޮށް އެހީ ދިނުމުގެ ކަންތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވައިފި އެވެ

އަންނަ އަހަރަށް ލަފާކޮށް, ހުށަހަޅާފައިވާ ބެޖެޓާ ބެހޭ ގޮތުން މިއަދު އޮތް ޖަލްސާގައި އިބްރާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެކި އިދާރާތަކުގައި ހުރި އެ ފަދަ ފައިސާ އެއް އިދާރާއަކަށް ޖަމާކޮށް ކަނޑައެޅި, ބަޔާންކޮށް އާންމުކުރެވިފައިވާ އުސޫލަކުން އެހީ ދިނުމުގެ ކަންތައްތައް ހަމަޖެއްސުމަށެވެ

އިބްރާގެ ދެ ވަނަ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ, ޓޫރިސްޓް ރިސޯޓުތަކުގެ ބެޑް ރެންޓު އެންމެ ކުޑަ އަދަދަކީ 5،000 ޑޮލަރުކަމުގައި ހަމަޖައްސައި, މިގޮތުން އިތުރުވާ އާމްދަނީ ހުރިހައި ރައްޔިތުންގެ މެޑިކަލް އިންޝުއަރެންސް ނެގުމަށް ޚާއްސަ ކުރުމަށެވެ

އިބްރާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ތ. މެމްބަރު މުހައްމަދު ޝަރީފު (ސެންކޯ)އެވެ

އިބްރާގެ ހުށަހެޅުއްވުމުގެ އިތުރުން މި އަދުގެ ޖަލްސާ ގައި ވަނީ ތިން މެމްބަރަކު ބަޖެޓަށް އިސްލާހު ހުށަހެޅުއްވާފަ އެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވަނީ ފ. އަތޮޅު މެމްބަރު އަހުމަދު ހަމްޒާއާއި އައްޑު އަތޮޅު މެމްބަރު މުހައްމަދު އަސްލަމާއި ދ. އަތޮޅު މެމްބަރު އަހުމަދު ނާޝިދެވެ. ހަމްޒާ ވަނީ ރިޔާސީގަނޑުވަރަށް ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވާ 65 މިލިއަން ރުފިޔާ ސޯޝަލް ސިކިއުރިޓީ މިނިސްޓްރީގެ ބަޖެޓަށް ބަދަލުކޮށް މެޑިކަލް އިންޝުއަރެންސް ނެގުމަށް އެ ފައިސާ ހަރަދުކުރުމަށް ހުށަހަޅުއްވާފަ އެވެ. އޭނާ ގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ ތ. އަތޮޅު މެމްބަރު ހަސަން އަފީފެވެ

ހަމްޒާގެ ފަސް ވަނަ ހުށަހެޅުއްވުމުގައި ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މެޑިކަލް އިންޝުއަރެންސް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދިރާސާއެއްކޮށް, އެ ފައިދާ 2009 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅުމަށްޓަކައި, އެ ދިރާސާއަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކަނޑައެޅުމަށެވެ

ސޯޝަލް ސިކިއުރިޓީގެ ގޮތުގައި ރިޔާސީގަނޑުވަރަށް ކަނޑައަޅާފައިވާ ފައިސާ އާ ބޭހޭ ގޮތުން އައްޑު އަތޮޅު މެމްބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ އިސްލާހު ވަނީ ހަމްޒާގެ އިސްލާހު ރަނގަޅުކަމަށް ވިދާޅުވެ ނަންގަވާފަ އެވެ

No comments: