ވަޒީފާއާބެހޭ ކަންތައް ހަވާލުކުރުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނާ މައްސަލަ: މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދަން ޖެހިދާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެ
ސަރުކާރު މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންތައްތައް ސިވިލް ސާވިސް ކޮމިޝަނާ ހަވާލުކުރުމަށް ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ބުނާ މައްސަލަ ހައްލުނުވެދާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ
ފުވައްމުލަކު މެމްބަރު މުހައްމަދު އިބްރާހީމް ދިދީ (މޮޑީ) ވިދާޅުވީ ސިވިލް ސާވިސްއިން ވަޒީފާއާބެހޭ ކަންތަކާ ހަވާލުވުމަށް ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށެވެ
” ސަބަބަކީ ސިވިލް ސާވިސް ކޮމިޝަނަކީ ކުރިން ރާއްޖޭގައި އޮންނަ ތަކެއް ނޫން. އެހެން ވީމާ ގާނޫނެއް އެކަމަށް ހަދާ ފާސްކުރުމުގެ މަގުސަދާއި ރޫހަކީ އެކަން އަވަހަށް ތަންފީޒުކުރަން ފެށުން. އެކަން ތަންފީޒު ކުރަން ސަރުކާރުން އެއްބާރުލުން ނުދޭ ކަމަށް ވަންޏާ އެއިން ދޭހަ ވަނީ ސަރުކާރުން ބޭނުންވާ ކަމެއް ނޫނޭ ސިވިލް ސާވިސް މިނިވަން މުއައްސަސާއެއްގޮތަށް ހިންގުމަކީ,“ މޮޑީ ވިދާޅުވި އެވެ
މޮޑީ ވިދާޅުވީ އަންނަ މޭ މަހުގެ އެއް ވަނަ ދުވަހު ތަންފީޒުކުރަން ޖެހޭ ސިވިލް ސާވިސް ގާނޫނަށް އަމަލުކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމުގެ ގޮތުން ކޮމިޝަނުން އެދޭ އެދުންތަކަށް އިޖާބަ ދޭން ޖެހޭނެ ކަމަށެވެ
” ވަގުތު ބޭނުންވާ ކަމަށް ވާ ނަމަ ދަންނަވަން އޮތީ ސަރުކާރަށް ވަގުތު ލިބިއްޖެއޭ އެކަންކަން ހަވާލުކުރަން ތައްޔާރުވާން. ގާނޫނު ފާސްވެ މެމްބަރުން އައްޔަންކުރިތާ ހަތަރު މަސް ވީ އިރު ތައްޔާރުނުވެވި އޮތް ނަމަ އެއީ އެ ބައެއްގެ މައްސަލައެއް. އަމަލުކުރަން ފެށުމަށްޓަކައި ދުރާލާ ކަންތައްތައް ކުރަން ފެށުމަކީ ރަނގަޅު ގޮތެއް. އެކަމަށް ޖެހޭނެ ސަރުކާރުން ވެސް އިހުތިރާމު ކުރަން,“ މޮޑީ ވިދާޅުވި އެވެ
އޭނާ ވިދާޅުވީ އެކަންކަމަށް ތަރުހީބުނުދޭ ނަމަ އެ މައްސަލަ ހައްލުކުރަން މަޖިލިސް ތެރެއިން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް މިނިވަން ހިޔާލުގެ މެމްބަރުން ތިއްބަ ވާނީ ތައްޔާރަށް ކަމަށެވެ
ތ. އަތޮޅު މެމްބަރު މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވީ މިހާރުގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރިޔާސީ ބޭނުމަށް ވަޒީފާތަކުގައި ތިބޭ މުވައްޒަފުންނަށް ތަފާތު ނުފޫޒުތައް ފޯރުވަމުން ދިއުމެވެ
” އެ ފަދަ ސަބަބު ތަކަށްޓަކައި ވީހާ ވެސް އަވަހަށް ސަރުކާރު މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައް ކޮމިޝަނާ ހަވާލުކުރަން ޖެހޭނީ. އަދި އެކަމަށް ސަރުކާރުން ތަރުހީބުވެސް ދޭން ޖެހޭނެ. ނުދޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް,“ ޝަރީފު ވިދާޅުވި އެވެ
ނ. އަތޮޅު މެމްބަރު އަލީ މުހައްމަދު ވިދާޅުވީ ވަޒީފާގެ ކަންތައްތަކާ ހަވާލުވުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ތަރުހީބުދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އެޅުމަކީ ރަނގަޅު ގޮތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ
” އެ ގާނޫނަށް އަމަލުކުރަން ފެށުމަށްޓަކައި ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތަށް އެއްބާރުލުން ދޭންވާނެ,“ ސިވިލް ސާވިސް މަގާމެއްގައި މިހާރު ހުންނެވި އަލީ މުހައްމަދު ވިދާޅުވި އެވެ
މާލޭ މެމްބަރު މުހައްމަދު ޝަހީބު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައް ސިވިލް ސާވިސް ކޮމިޝަނަށް ހަވާލުކުރުމަށް ރައީސް އޮފީހުން އެއްބާރުލުން ނުދޭ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ
” ގާނޫނަށް އަމަލުކުރަން ޖެހޭ ތާރީހަކީ މޭ މަހުގެ އެއް ވަނަ ދުވަސްކަމަށް ވިޔަސް އަމަލުކުރަން ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވުމަށް އެއްބާރުލުން ދޭން ވާނެ. އެގޮތުން ކަމަށް ފެންނަނީ ވަޒީފާގެ ކަންތަކާ ހަވާލުވާން އުޅުއްވަނީ. އެ ނޫނަސް އެއް ދުވަހުން ހުރިހާކަމެއް ނުނިމޭނެ. އެ ސަބަބަށްޓަކައި ވެސް ޖެހޭ ދުރާލާ ކަންތައްތައް ހިންގަން ފަށަން,“ ޝިހާބު ވިދާޅުވި އެވެ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ނިސްބަތްވާ އައްޑު އަތޮޅު މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ވަޒީފާގެ ކަންތައް ހަވާލުކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށެވެ
”ސަރުކާރުން އެއްބާރުލުން ދޭނެ. ސަރުކާރުން އެކަމަށް ހުރަސް އަޅާކަން ނޫޅޭނެ. ސަރުކާރުން ވެސް ބޭނުން ވަނީ އެކަންކުރަން,“ ކުރިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި އުޅުއްވާފައިވާ ޝަރީފު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ އަންނަ މޭ މަހު އަމަލުކުރަން ޖެހޭ ގާނޫނު ހިންގުމަށްޓަކައި ދުރާލާ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ފަދަ މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދޭން ޖެހެނެ ކަމަށާއި އެއްބާރުލުން ނުދޭ ނަމަ އެއީ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ
” އެއްބާރުލުން ނުދޭކަމަށް ދައްކާ ވަހަކައަކީ ތެދެއް ކަމަށްވާ ނަމަ އެ މައްސަލަ މަޖިލީހުން ވެސް ބެލޭނެ. އަދި ބަލަން ވެސް ޖެހޭނެ,“ އޭނާ ވިދާޅުވި އެވެ
ސަރުކާރު މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންތައްތައް ހަވާލުކުރުމަށް ސަރުކާރުން އެއްބާރުލުންނުދޭ ވަހަކަ އާއި އެކަމާ ގުޅިގެން ރައީސް އޮފީހަށް ފޮނުވާފައިވާ ގިނަ އަދަދެއްގެ ސިޓީތަކަށް ޖަވާބު ނުދޭ ކަމަށް ސިވިލް ސާވިސް އިން ވަނީ ބުނެފަ އެވެ
މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ވަޒީފާގެ ކަންތައް ހަވާލުކުރުމަށް އެކުލަވާލާފައިވާ ތާވަލަށް އަމަލުކުރަން ބޭނުންވާކަން އަންގާފައިވާ ތާވަލަށް ވެސް ރައީސް އޮފީހުން ވަނީ އެއްވެސް ޖަވާބެއް ނުދީފަ އެވެ