Sunday, January 27, 2008

ހަތް އަހަރަށް ފަހު ރާއްޖޭގެ އަމިއްލަ ފްލައިޓެއް ޓްރިވެންޑްރަމަށް ދަތުރުތައް ފަށައިފި


ހަތް އަހަރަށް ފަހު ރާއްޖޭގެ އަމިއްލަ ފްލައިޓެއްގައި އިއްޔެ އިންޑިޔާގެ ޑްރިވެންޑްރަމަށް ދަތުރުތައް ފަށައިފި އެވެ

އެއަރ މޯލްޑިވްސް ބަނގުރޫޓް ވުމާއެކު އުފެއްދި ދެ ވަނަ އެއަރލައިން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން އިންޑިޔާއަށް ފެށި ދަތުރުތަކުގައި ބޭނުން ކުރަމުންދަނީ 150 މިލިޔަން ރުފިޔާއަށް ގަނެފައިވާ 50 ގޮނޑީގެ ޑޭޝް 8ގެ ފުލައިޓެކެވެ

ފުރަތަމަ ފްލައިޓުން ޑްރިވެންޑްރަމަށް އަންނަ މީހުންނަށް މާލޭ އެއަރޕޯޓްގެ ފިނިފެންމާ ލޯންޗްގައި މަރުހަބާ ކިއުމަށްފަހު ބޯޓް ފުރާފައި ވަނީ މެންދުރު ފަހު 3:30 ހާއިރުގަ އެވެ. އެއްގަޑި ފަންސަވީސް މިނިޓްގެ ދަތުރަކަށްފަހު ޑްރިވެންޑްރަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ބޯޓް ޖައްސާފައި ވަނީ މިތަނުގެ ގަޑިން 5:30 ހާއިރު އެވެ

ދިވެހިންގެ އަވަށެއްގެ ގޮތުގައި ދިވެހިންގެ ބައެއް މީހުން ސިފަކުރާ ޑްރިވެންޑްރަމުގެ އެއަރޕޯޓުން ފުރަތަމަ ފްލައިޓްގެ ބައިވެރިންނަށް ފިނިފެންމަލުގެ މަރުހަބާއެއް ކިޔާފައި ވަނީ އައިލެންޑް އޭވިއޭޝަނުގެ މުވައްޒަފުން ނެވެ. އަދި އެއަރޕޯޓުން ނުކުތުމުން މިތަނުގައި ދިރިއުޅެމުންދާ ބައެއް ދިވެހިން ވެސް ވަނީ ފުރަތަމަ ފްލައިޓްގެ ބައިވެރިންނަށް މަރުހަބާ ކިއުމުގެ ގޮތުން ފިނިފެންމާ ހަދިޔާ ކޮށްފަ އެވެ

ފުރަތަމަ ފްލައިޓުން އިންޑިޔާއަށް ދަތުރުކުރި މީހުން ރާއްޖޭގެ ފްލައިޓެއް އަނެއްކާ ވެސް ޑްރިވެންޑްރަމަށް ދަތުރުތައް ފެށުމުން އެކަމާ ވަރަށް އުފާކޮށް އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ބުންޏެވެ. އެގޮތުން ފުރަތަމަ ދަތުރުގެ ބައިވެރިއެއް ކަމަށްވާ އަބުދުﷲ ސައީދު ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއަރ މޯލްޑިވްސްއަށް ޖެހުނު ހާލު ނުޖެހި މިކުންފުނި ކުރިއަށް ދިއުމަށް އެނދޭ ކަމަށެވެ

” ފަންސާސް މީހުންގެ ޖާގައިގެ ފްލައިޓެއްގައި ފެއްޓިއަސް އެއްވެސް ޝަކުވާއެއް ނެތް. މިގޮތައް ކުރިއަށް ދިއުމަށް ވިސްނަންވީ. މިއީ ގިނަ ދިވެހިން އިންތިޒާރު ކޮންގެން ތިބި ދުވަހެއް“ ފުޅާ ދާއިރާއެއްގައި މާލޭގައި ވަޑާމުގެ ވިޔަފާރި ކުރައްވަމުންދާ ސައީދު ވިދާޅުވި އެވެ

އިއްޔެ ފެށި ދަތުރުތައް އިތުރަށް ފުޅާކޮށް އިތުބާރާއެކު ދަތުރުތައް ކުރުމަށް, އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ފްލައިޓެއް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފަ އެވެ. އަދި އޭގެ ފަހުން ބޮޑު ފްލައިޓެއް ގެނައުމަށް ވިސްނާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ

ފްލައިޓްގެ ދަތުރުތައް ފެށިއިރު ވެސް ޑްރިވެންޑްރަމުގައި ވަނީ ރިޒަވޭޝަން އޮފީހަކާއި ކާގޯ އޮފީހެއް ހުޅުވައި ހިދުމަތްދޭން ފަށާފަ އެވެ

އިއްޔެ ޑްރިވެންޑްރަމަށް ކުރި ދަތުރަށް ލިބިފައިވާ ފައިސާއާ އަދި ބައެއް މީހުން ހަދިޔާކޮށްފައިވާ ފައިސާތައް އައިލެންޑް އޭވިއެޝަނުން ވަނީ ވިލިގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކޮށްފަ އެވެ. އައިލެންޑް އޭވިއެޝަނުން ހަދިޔާކުރި ރަމްޒީ ޗެކްގެ ޖުމްލައަކީ 315،777 ރުފިޔާ އެވެ

No comments: