މުޒާހަރާކުރުމަށް ހުއްދަ ނަގަން ނުޖެހޭގޮތަށް ފާސްކޮށްފި
މުޒާހަރާކުރުމުގެ ކުރިން ސަރުކާރުން ހުއްދަ ނަގަން ނުޖެހޭގޮތަށް އިސްލާހް ކުރެވޭ ގާނޫން އަސާސީގައި ލިޔުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފި އެވެ
މިއަދު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 249 ވަނަ ޖަލްސާއިން ފާސްކުރި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 12 ވަނަ މާއްދާގެ (ޅ) ޑްރާފްޓްގައިވާގޮތަށް ފާސްވީ އެވަގުތު ވަޑައިގެން ތިއްބެވި 77 މެންބަރުންގެތެރެއިން 69 މެންބަރަކު އެކަމަށް ތާއީދުކުރައްވާ ވޯޓު ދެއްވައިގެންނެވެ. ފެނިވަޑައި ނުގަންނަވާކަމަށް ވޯޓް ދެއްވި އެއްވެސް މެންބަރަކު ނެތްނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވާ 5 މެންބަރަކު ތިއްބެވި އެވެ. މިމައްދާގައި ބުނެފައިވަނީ ” ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު މީސްތަކުން އެއްވެ އުޅުމުގެ މިނިވަންކަން“ ލިބިދޭ ކަމަށެވެ
މިއަދުގެ ޖަލްސާގައި 12 ވަނަ މައްދާގެ (ކ) ވެސް ޑްރާފްޓްގައިވާގޮތަށް ވަނީ ފާސްވެފައެވެ. އެއީ ” އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު“ ލިބިދޭ ކަމަށެވެ
މި ދެ އަކުރަށްވެސް ވޯޓަކަށް އެހުމުގެ ކުރިން މެންބަރުން ފޮނުވާފައިވާ އިސްލާހްތަކަށް ވޯޓަށް އަހައިގެން ވަނީ ފާސްނުވެފަ އެވެ
މިމާއްދާގެ (ޅ) އަށް ތ އަތޮޅު މެންބަރ ރިޔާޟް ރަޝީދު ހުށަހަޅުއްވައި ރ އަތޮޅު މެންބަރ އަލީވަހީދު ތާއީދުކުރައްވާފައިވާ އިސްލާހުގައި ވަނީ ” ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ދެކޮޅުވެރިކަމެއް ނެތި މީސްތަކުން އެއްވެ އުޅުމުގެ މިނިވަންކަން“ ލިބިދޭ ކަމަށެވެ
މިއަކުރަށް ބ އަތޮޅު މެންބަރ ޢަލީފާއިޒް ހުށަހަޅުއްވައި ގއ އަތޮޅު މެންބަރ އަދުނާން ހަލީމް ތާއީދުކުރައްވާފައިވާ އިސްލާހުގައި ވަނީ ” ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކުމީސްތަކުން އެއްވެ, އެބައިމީހުންގެ ބޭނުންތައް ހާމަކުރުމުގެ މިނިވަންކަން“ ލިބިދޭ ކަމަށެވެ
މިމާއްދާގެ (ކ)އަށްވެސް އިސްލާހެއް ހުށަހަޅުއްވާފައިވެއެވެ. ބ އަތޮޅު މެންބަރ ޢަލީފާއިޒް ހުށަހަޅުއްވައި ގއ އަތޮޅު މެންބަރ އަދުނާން ހަލީމް ތާއީދުކުރައްވާފައިވާ އިސްލާހުގައި ވަނީ ”އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގުގެ ޔަގީންކަން. ފަހެ ސަރުކާރުގެ ފަރާތަކުން ވިޔަސް, އަދި އަމިއްލަ ފަރާތަކުން ވިޔަސް އެމީހެއްގެ މައްޗަށް އަދްލު އިންސާފްގެ މަގުން ޝަރީއަތަށް ސާބިތުނުވާ ކަމަކާމެދު ދޮގުމައުލޫމާތެއް ހާމަކޮށްގެން ނުވާނެއެވެ“
މިމައްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުން ވަނީ ފާސްނުވެފަ އެވެ. ގއ.އަތޮޅު މެންބަރ އަދުނާން ހަލީމްހުށަހަޅުއްވައި ބ.އަތޮޅު މެންބަރ އަލީ ފާއިޒް ތާއީދުކުރައްވާފައިވާ މިހުށަހެޅުމުގައިވަނީ ”ސަރުކާރުން ނުވަތަ އެހެންފަރާތަކުން ވިޔަސް ދެމުންދާ ޚިދުމަތަކާމެދު ނުވަތަ ކުރަމުންދާ ކަމަކާމެދު ހިތްހަމަ ނުޖެހިގެން ދެކޮޅު ހެދުމުގެ ގޮތުން, އެއްބާރުލުން ދިނުމުގެ ގޮތުންނާއި, އުފާވެރިކަން ފާޅުކުރުމުގެ ގޮތުން ސުލްހަވެރިކަމާއެކު މުޒާހަރާކުރުމާއި ހިންގާލުން ބެއްވުމާއި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު“ ލިބިދޭ ކަމަށެވެ. މިއަކުރު އިތުރުކުރާކަށް ފާހެއް ނުވިއެވެ
No comments:
Post a Comment