Tuesday, January 22, 2008

ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ޚިލާފަށް ފަތުވާދެއްވަމުން ދަނިކޮށް ޑރ.އަފްރާޝިމަށް ޑިރެކްޓަރ ޖެނެރަލްކަން ދެއްވައިފި


ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަށް ހެދިފައިވާ ގާނޫނާ ޚިލާފަށް މަތީ މަޖުލީހުގެ ހުއްދައެއް ނެތި އާއްމުންނަށް ފަތުވާދެމުންދަނިކޮށް ހޯމް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު ޑރ.އަފްރާޝީމް އަލީ (ފޮޓޯ) އަށް ދެއްވައިފި އެވެ

ރާއްޖޭގެ ގާނޫނުގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގައި ދީނީ ތަގްރީރު ކުރުމާއި, އާންމުކޮށް ދީނީ ހުކުމްތައް ބަޔާންކޮށްދިނުމާއި, މިއިން ކަމެއް ކުރަން ވާނީ, ރައީސުލް ޖުމްހޫރިއްޔާއަށް ލިޔެ, އެކަމުގެ ހުއްދަ ލިއުމަކުން ލިބިގެނެވެ. ރައީސުލް ޖުމްހޫރިއްޔާ އެހުއްދަ ދިނުމަށް ވަކި ފަރާތެއް ކަނޑައަޅާފައިވާނަމަ, އެކަމަށް އެދި ލިޔާނީ އެފަރާތަކަށެވެ. އަދި ހަމަ އެގާނޫނުގެ ތިންވަނަ މާއްދާގައި ބުނެފައިވަނީ މި ހުއްދަ ދޭންވާނީ ދިވެހި ސަރުކަރުން ގަބޫލުކުރާ ޔުނިވާރސިޓީއަކުން ސެޓްފިކެޓް ލިބިފައިވާ މީހަކަށް ނުވަތަ ސަރުކާރުން ގަބޫލުކުރާ ފެންވަރަކަށް ދީނީ ތައުލީމު ހާސިލްކޮށްފައިވާ މީހަކަށެވެ. އަދި މިހުއްދަ ދެވޭނީ ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން މުސްލިމަކަށް ކަންވެސް އެގާނޫނުގައި ބުނެފައިވެ އެވެ

މި ގާނޫނުގެ ދެވަނަ މާއްދާގެ ދަށުން ދީނީ ތަގްރީރުތައް ކުރުމަށް ހުއްދަދެއްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލީހުން ނެވެ. އެމަޖުލީހުން ބުނެފައި ވަނީ ދީނީ ތަގްރީރު ދިނުމުގެ ހުއްދަ ދެވޭނީ ދީނީ ތައުލީމު ހާސިލްކޮށްގެން ގައުމަށް އަންނަތާ އެއްއަހަރަށް ފަހުން ކަމަށެވެ. އަދި ޑރ.އަފްރާޝީމަށް އެހުއްދަ ދެވިފައި ނުވާ ކަމަށްވެސް އެތަނުން ވަނީ ބުނެފަ އެވެ

ރ. އުނގޫފާރަށް އުފަން ޑރ. އަފްރާޝީމަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި އިސްލާމިކް ރިވީލްޑް ނޮލެޖު އެންޑް ހެރިޓޭޖް (ފިގުހު އަދި އުސޫލުލް ފިގުހު) ގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު މިދިޔަ އަހަރު ރާއްޖެ ވަޑައިގެންނެވި ބޭފުޅެކެވެ

އޭނާ މިހާރު ގެންދަވަނީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އުފެއްދުމުގެ ނަމުގައި ޓީވީ މެދުވެރިކޮށް އާމުންނަށް ދީނީ ފަތްވާ ދެއްވަމުންނެވެ. އެގޮތުން ޓީވީއެމުން ވަނީ ޑރ.އަފްރާޝީމް ހިމަނުއްވައިގެން ދީނީ ފަތްވާދޭ ޕްރޮގްރާމެއްވެސް ފަށާފަ އެވެ. ނަމަވެސް ޓީވީގައި އަފްރާޝީމް ދައްކަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން ބައެއް މީހުންގެ ތެރޭގައި ހިޔާލުތަފާތުވެ, ބައެއް ފަރާތްތަކުން ގެންދަވަނީ ޝަކުވާ ވެސް ކުރަމުންނެވެ. އަދި އެކަން ހުއްޓާލުމަށް މަތީމަޖުލީހުންވަނީ އަފްރާޝީމަށް އަންގަވާފަ އެވެ

ނަމަވެސް ޓީވީއެމްއާއި އިންފޯމޭޝަން މިނިސްޓްރީން ބުނަމުންދަނީ ޑރ.އަފްރާޝީމަކީ ފަތްވާދިމުގެ ހުއްދަ އޮތް މީހެއް ކަމަށާއި އޭނައަށް ލިބިފައިވާ ސެކެޓްފިކެޓަކީ ދީނުގެ ފަތްވާތައް ދެވުމުގެ ހުއްދައެއް ކަމަށެވެ

މިކަމާ ގުޅިގެން މިނިސްޓަރު ނަޝީދު ވިދާޅުވެފައިވަނީ އެއްބައިވަންތަ ކަމުގެ ގަވައިދު ހެދިފައިވަނީ ގާނޫނުގެ ދަށުން ނޫންކަމަށާއި އެހެންވެ އެއަށް ތަބާވާން ނުޖެހޭ ކަމަށެވެ

No comments: