Wednesday, January 23, 2008

މަހެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭނެ ކަމަށް ޝަހީދު ޒަކީ ވިދާޅުވެއްޖެ


ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރު އިބްރާހީން ޝަހީދު ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ

ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝަހީދު ވިދާޅުވީ ގާނޫނެއްގެ ދަށުން ޕާޓީތައް ހިންގަން ފެށުމުން ޕާޓީއަކާ ގުޅިވަޑައިގަތުމަށް ވިސްނި ވިސްނުން ދޫކޮށްލެއްވުމަށް ފަހު ޕާޓީއަކާ ގުޅިވަޑައިގެންނެވުމަށް ނިންމެވީ ގާނޫނަކުން ޕާޓީ ހިންގުމުގެ ފުރުސަތު ނުލިބި, ދިގުލައިގެން ހިނގައިދާނެކަމަށް ފެންނާތީ ކަމަށެވެ. އޭނާ ގުޅިވަޑައިގަންނަވާނީ ކޮން ޕާޓީއަކާ ކަމެއް ޝަހީދު ވިދާޅެއްނުވެ އެވެ

ސޮއިކުރައްވާނެ ޕާޓީއެއްގެ ނަން ވިދާޅުނުވި ނަމަވެސް ޝަހީދު ވިދާޅުވީ ތިން މަސް ދުވަހުގެ ކުރިމަގަށް ވިސްނާފައި އެއްވެސް ޕާޓިއަކަށް ސޮއިނުކުރައްވާނެ ކަމަށާއި އެ އަށް ވުރެ ދުރަށް ވިސްނާނެ ކަމަށެވެ

”ސިޔާސީ ޕާޓީއަކާ ގުޅެނީ ސިޔާސީގޮތުން ކުރިއަށް ދިއުމަށް. އެ ބޭނުމުގައި ގުޅޭ އިރު ކުރިމަގު އޮތް ކަމަށް ފެންނަ ޕާޓީއަކާ ގުޅޭނީ,“ ޝަހީދު ވިދާޅުވި އެވެ

ރައްޔިތުންގެ މަޖިލިހާއި ޚާއްސަ މަޖިލިސްގައި ވަރަށް މިނިވަންކޮށް ބަހުސް ކުރައްވަމުންގެންދަވާ ޝަހީދު ވިދާޅުވީ ޕާޓީއަކާ ގުޅުމުގެ ސަބަބުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތަށް ފުރިހަމަކަމެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ

ސަފީރުކުގެ މަގާމުގައި ހުންނަވަނިކޮށް އެޑިޝަނަލް ސެކެރެޓަރީ އަކަށް ބަދަލުކުރެއްވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވާ ޝަހީދު ވިދާޅުވީ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށް ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރެއްވި ކަމަށާއި އެ ހުރިހާ ކަމަކަށް ވިސްނުމަށް ފަހު އެންމެ ރަނގަޅު ކަމަށް ފެންނަގޮތަކަށް ނިންމަވަނީ ކަމަށެވެ

No comments: