Monday, January 28, 2008

އިސްތިއުފާދެއްވި ތިން ވަޒީރުން ނިއު މޯލްޑިވްސް މޫމަންޓްގެ ނަމުގައި ހަރަކާތްތެރިވަނިކޮށް އެހެން ބަޔަކު އެނަމުގައި ޖަމްއިއްޔާއެއް ރަޖިސްޓްރީ ކޮށްފި

ސަރުކާރުގެ އިސްލާހީ އެޖެންޑާ ފެއިލްވެފައިވާ ކަމަށް ވިދާޅުވެ މިދިޔަ އަހަރު އިސްތިއުފާދެއްވި ތިން ވަޒީރުން ހިންގަވަމުން ގެންދެވި ނިއު މޯލްޑިވްސް މޫމަންޓްގެ ނަމުގައި އެހެން ބަޔަކު ޖަމްއިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ

ނިއު މޯލްޑިވްސްގެ ނަމުގައި ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ޖަމިއްޔާގެ މަސްއޫލުވެރިންނަކީ ގ.ކޮއްދިއްޕަރު ހަސަން ހަބީބާއި ހއ. ކެލާ ދިލްހުސީ އިބްރާހިމް ސާއިދެވެ. އެ ޖަމްއިއްޔާގެ އެއް މުއައްސިސު އިބުރާހިމް ސާއިދު ވިދާޅުވީ އެޖަމްއިއްޔާއަކީ އެހެން ޖަމްއިއްޔާތައް ފަދައިން އިޖްތިމާއި ޖަމްއިއްޔާއެއް ކަމަށެވެ

” އަޅުގަނޑުމެންގެ މަގުސަދަކީ އިޖްތިމާއީ ކުރިއެރުމަށް މަސައްކަތް ކުރުން. އެގޮތުން ސިޔާސީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްވެސް މަސައްކަތް ކުރެވޭނެ“ ސާއިދު ވިދާޅުވި އެވެ. އިސްތިއުފާދެއްވި ތިންވަޒީރުން ނިއު މޯލްޑިވްސްގެ ނަމުގައި ހިންގަވަމުންގެންދަވާ ޖަމްއިއްޔާއިން ބުނީ މިއީ ސަރުކާރުން ކުރި ތާކުންތާކު ނުޖެހޭ ހަނޑި އަމަލެއް ކަމަށެވެ. އަދި މިއީ ޑރ.ހަސަން ސައީދު ރައީސް ކަމަށް ކުރިމަތި ލައްވާނެތީ އެކަމަށް ހުރަސް އެޅުމަށް ކުރިކަމެއް ކަމަށްވެސް ޝަހީދު ވިދާޅުވި އެވެ

” މިއީ މިސަރުކާރުގެ ތާކުންތާކު ނުޖެހޭ ކުޑަކުދިންގެ އަމަލެއް. މިއީ ޑީއާރުޕީގެ ރޭވުމަކުން ކުރިކަމެއް. އަދި އެފަރާތުން ބޭނުންވަނީ ޑރ.ހަސަން ސައީދު ރައީސް ކަމަށް ކުރިމަތިލިޔަ ނުދިނުމަށް. އެކަމަކު މިއަމަލުގެ ސަބަބުން އެކަމަށް ހުރަހެއް ނޭނޅޭނެ“ ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވި އެވެ

No comments: