ހިމަންދޫ މައްސަލައިގެ ޝަރީއަތް: ވަކިން ޖަމާއަތް ހަދައިގެން ހިމަންދޫގައި ނަމާދު ކުރި ދާރުލްޚައިރު ކުއްޔަށް ދީފައިވާކަމަށް ގޭގެ ވެރިފަރާތުން ބުނެފި
މިއަދު ހެދުނު ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަލީ ރަޝީދު ދެންނެވި ސުވާލަކަށް ޖަވާބު ދެމުން ދާރުލް ހައިރު ވެރިފަރާތް ހިމަންދޫ, ވެނީލާގޭ މޫސާ އަބޫބަކުރު ބުނީ އެގެ ވާނީ މަހަކު 1000ރ އަގަކަށް އަހުމަދު ޝަކީބު ކިޔާ މީހަކަށް ކުއްޔަށް ދީފައި ކަމަށެވެ
މޫސާ އަބޫބަކުރު ބުނީ އޭނާ ދިރިއުޅެމުން ދަނީ ވެސް މާލޭގައި ކަމަށާއި ވަރަށް މަދުން ދޭތެރެއަކުން ރަށަށް ގޮސްލައި އުޅޭ ކަމަށެވެ
” އަޅުގަނޑު ކައިރީގައި އޭނާ އެހީ ގޭގައި ނަމާދު ކުރިއަސް އެންމެ ރަނގަޅު ހޭ. އަޅުގަނޑު ބުނިން ނަމާދު ކުރިއަސް އެންމެ ރަގަޅު ކަމަށް.“ މޫސާ އަބޫބަކުރު ބުންޏެވެ
މޫސާ އަބޫބަކުރުގެ ވާހަކައާ ގުޅިގެން ގާޒީ ވިދާޅުވީ ކުރިން ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ހުއްދަ ދީފައިވާނެ ކަމަށް ބުނެފައި ވަނީ ކީއްވެ ތޯ އެވެ. ގާޒީގެ މިސުވާލަށް ޖަވާބު ދެއްވަމުން މޫސާ އަބޫބަކުރު ބުނީ އެދުވަހު ވަކި މީހެއްގެ ވާހަކަ ބުނެފައި ނުވާތީ ކަމަށެވެ
މި ޝަރީއަތުގެ މަޖިލީހުގައި މޫސާ އަބޫބަކުރުގެ ވަކީލު އަހުމަދު ޒަނީނު ވިދާޅުވީ ދައުލަތުން އޭނާގެ މުވައްކިލުގެ މައްޗަށް ކުރާ ދައުވާ އަށް އިންކާރުކުރާ ކަމަށާއި މައްސަލަ ސާފު ނުވާ ކަމަށެވެ
ޒަނީނު ވިދާޅުވީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރާ ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާގެ މުވައްކިލު ކޮށްފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ
ދައުލަތުގެ ވަކީލު އަލީ ޝާހު ވިދާޅުވީ މުސާ އަބޫބަކުރު އޭނާގެ ގެއެއްގައި ބަޔަކު މީހުން ވަކިން ޖަމާއަތް ހަދައިގެން ނަމާދާއި ހުކުރު ކުރުމަށް ދިން ހުއްދައިގެ ސަބަބުން ހިމަންދޫގެ ދީނީ އެއްބައިވަންތަކަމާއި އެކުވެރިކަމާއި ވަހުދަތު ގެއްލި ބިރުވެރިކަން އުފެދި ރަށްރަށުން މީހުން އެރަށަށް ބަދަލުވެ މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސްފައިވާކަން ސާފުކޮށް ފެންނާން އެބައޮތް ކަމަށެވެ
No comments:
Post a Comment