އިންތިޚާބުތަކުގައި މައުމޫނުގެސަރުކާރުން ވޯޓު އޮޅުވާލުމަށް ފޯރުވާފައިވާ ނުފޫޒުތަކުގެ ހާދިސާތަކެއް އަދާލަތުން އިނގިރޭސި ހައިކޮމިޝަނަށް ދީފި
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު ޙުސެއިން ރަޝީދު އަޙްމަދާއި ޕާޓީގެ ނާއިބްރައީސް ޑރ. މަޢުރޫފް ހުސެއިން, ކޮލަމްބޯގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރު މރ. ޖޯން ކުލޭ އާ އިއްޔެ މެންދުރުފަހު ބޭއްވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ބެހޭ ގޮތުންނާއި, ރާއްޖޭގެ މިހާރުގެ ސިޔާސީ މަޞްރަހާ ބެހޭގޮތުންނެވެ
އަދާލަތުން ބުނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނު ވެރިކަމުގައި ހުންނަވައިގެން މިނިވަން އަދި އިންސާފުވެރި އިލެކްޝަނެއް ބޭއްވޭނެ ކަމަށް ޢަދާލަތު ޕާޓީއަށް ޤަބޫލުކުރެވޭތޯ މރ. ކުލޭ ސުވާލުކުރެއްވި ކަމަށެވެ. އެއީ މާޒީގައި ކަންތައްތައް ހިނގާފައިވާ ގޮތަށް ބަލާއިރު މައުމޫނު ވެރިކަމުގައި ހުންނަވައިގެން އެކަން ކުރުމަކީ ނާދިރު ކަމެއް ކަމަށް އެ ޕާޓީން ދެންނެވި ކަމަށް ވެސް ޖަޒީރާއަށް އަދާލަތުން މައުލޫމާތު ދީފައި ވެ އެވެ. އެހެން ކަމުން އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ އިއްތިޙާދުން ބުނަމުން ގެންދާ ވަގުތީ ސަރުކާރަކީ މިވަގުތަށް ކޮންމެހެން ބޭނުންކަމެއް ކަމަށް ވެސް އައްޝައިޚު ޙުސައިން ވަނީ ހައިކޮމިޝަނުގައި ދަންނަވާފަ އެވެ
މައުމޫނުގެ ސަރުކާރުން މީގެ ކުރިން ވޯޓް އޮޅުވާލުމަށް އިންތިޚާބުތަކުގައި ހިންގާފައިވާ ކަންތައްތަކާބެހޭ މައުލޫމާތު ވެސް މރ. ކުލޭއަށް ޢަދާލަތު ޕާޓީގެ ފަރާތުން އޮޅުންފިލުވައި ދީފައިވެ އެވެ. އެގޮތުން ރަށް ރަށުގައި ކަތީބުން ވޯޓް ކަރުދާސް ކޮޅުތަކުގައި ފާހަގަ ޖެހުމުގައި ރައްޔިތުންނަށް ބިރުދެއްކުމާއި ގަދަބާރުން އެކަން ކޮށްފައިވާގޮތާއި ވޯޓް ގުނުމުގައި މީގެ ކުރިން ސަރުކާރުން ކަންތައްތައް ކޮށްފާވާ ގޮތް ކިޔައިދީފައިވާނެ ކަމަށް އަދާލަތުން ބުނެ އެވެ
މިބައްދަލުވުމުގައި އިނގިރޭސި ހައިކޮމިޝަނާއި އެކު ޢަދާލަތު ޕާޓީން އިތުރު ބައްދަލުވުންތައް ބޭއްވުމަށް ދެ ފަރާތުން ވަނީ އެއްބަސްވެ ފަ އެވެ. އަދި ޢަދަލާތު ޕާޓީއަށް ސިޔާސީ ގޮތުން އެހީތެރިކަމާއި އެއްބާރުލެއްވުން އިނގިރޭސި ހައިކޮމިޝަނުން ދެއްވާނޭ ކަމަށްވެސް މރ. ކުލޭ ވިދާޅުވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ
No comments:
Post a Comment