Wednesday, January 23, 2008

ސްޓެލްކޯގެ މުވައްޒަފުންގެ މުސާރަ 30-40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފި


ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން 30-40 އިންސައްތަ ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފި ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ

ޑިޕިއުޓީ ޑިރެކްޓަރ ހަސަން ހުސައިން ވިދާޅުވީ ސަރުކާރުން ހިންގާ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފައިވަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ބޮޑުކުރުމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ މަގާމުތަކުގެ ވެރިންނަށް ބޮޑުކޮށްފައިވަނީ 30 އިންސައްތަ ކަމަށެވެ. އޭގެ ދަށުގެ މުވައްޒަފުންނަށް ބޮޑުކޮށްފައިވަނީ 40 އިންސައްތަ ކަމަށެވެ

ގެއްލުމުގައި ހިންގާ ސަރުކާރުގެ ކަރަންޓް ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާއެކު ލިބޭނީ ބޮޑު މުސާރަ ކަމަށާއި އެންމެ ކުޑަ މުސާރައެއް ލިބޭ މީހަކަށް މުސާރައިގެ 40 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށާއި ބޮޑު މުސާރަ ލިބޭ މުވައްޒަފަކަށް 30 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ހަތް ސަތޭކަ އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ސްޓެލްކޯގެ ސީނިޔަ އޮފިސަރަކަށް މުސާރައިގެ ގޮތުގައި މަހަކު މިހާރު ލިބެނީ 2،800ރ. އެވެ. ޖޫނިޔަރަ އޮފިސަރަކަށް މުސާރައިގެ ގޮތުގައި މަހަކު ލިބެނީ 2،170ރ. އެވެ

މުސާރަ ބޮޑުކޮށްފައިވަނީ އެވެރެޖްކޮށް 32.5 އިންސައްތަ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ

ސްޓެލްކޯގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފައިވާއިރު ކުރިން ލިބެމުން ދިޔަ ލިވިން އެލަވަންސް ބޮޑު މުސާރައާއެކު އުނިކޮށްފައިވާ ކަމަށްވެ އެވެ

މިމަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ވެސް ވަނީ 20-60 އިންސައްތައާ ދެމެދު ބޮޑުކޮށްފަ އެވެ

ސްޓެލްކޯއަކީ މިއަހަރުގެ ބަޖެޓުންވެސް 200 މިލިއަން ރުފިޔާގެ ސަބްސިޑީޒް އެއް ދީފައިވާ ކުންފުންނެކެވެ

No comments: