ރައީސް މައުމޫނަށް ވަޅިން ހަމަލާދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުންނަށް ގާނޫނީ ވަކީލެއް ބޭނުންކުރުމުގެ ފުރުސަތު ނުދިން މައްސަލަ ހިއުމަން ރައިޓްސްއަށް ހުށަހަޅައިފި
ޤާނޫނީ ވަކީލުންގެ ފުރުސަތު ނުދީގެން ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ރައީސް މައުމޫނަށް ވަޅިން ހަމަލަ ދިނުމަށް މަސައްކަތް ކުރި ހޯރަފުށީ ކިނާރާ މުހައްމަދު މުރުޝިދު(20އ) ގެ ބައްޕަ ޢަބްދުލް މުހްސިން ޢަބްދުﷲ އެވެ
މުރުޝިދުގެ ބައްޕަ ހިއުމަންރައިޓްސްކޮމިޝަނަށް މިމަހުގެ 24 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ މުރުޝިދުހައްޔަރުކުރި ފަހުން އޭނާއާ ބައްދަލުކުރުމަށް ކުރިމަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށާއި މައްސަލައިގެ ބާވަތުން ދަރިފުޅާ ބައްދަލު ނުކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ
މީގެ އިތުރުން މުރުޝިދަކީ ބޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ޤާނޫނީ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީ ވެވޭނެ ކުއްޖެއް ނޫންކަން ޔަޤީން ކުރެވޭތީ ޤާނޫނީ ވަކީލެއް ބޭނުން ކުރުމުގެ ފުރުސަތަށް އެދުމުން ތަހުގީގް ކުރާ ފަރާތްތަކުން އެފުރުސަތު ދީފައި ނުވާ ކަމަށެވެ
މުރުޝިދުގެ ބައްޕަ ހިއުމަންރައިޓްސް ކޮމިޝަނުގައި އެދިފައި ވަނީ ޤާނޫނީ ވަކީލަކާ ނުލައި މުރުޝިދުގެ ތަހުގީގް ކުރިއަށް ގެންދާ ގެންދިއުން ބަލައި ދިނުމަށެވެ
މިމަައްސަލާގައި ހައްޔަރުކޮށްފައިވާ ދެބޭންކަމަށްވާ ހޯރަފުށީ މާވިނަ އަހުމަދު ހަފީޒާއި އެރަށު އަންދަލީބުގޭ އިބްރާހީމް ހަފީޒްގެ އާއިލާގެ ފަރާތުން ވެސް ވަނީ އެ ދެބެއިންނަށް ޤާނޫނީ ވަކީލެއް ބޭނުންކުރުމުގެ ފުރުސަތު ނުދިން މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަލާފަ އެވެ
މިދެމީހުންގެ ބޭބެ އަހުމަދު ފާއިޒް ހިއުމަންރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާގެ ދައްތަގެ ދެ ދަރިން ހައްޔަރުކުރި ފަހުން ބައްދަލުކުރުމަށް ކުރިމަސައްކަތް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތަހުގީގު ޤާނޫނީ ވަކީލެއް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ
އަހުމަދު ފާއިޒްވެސް ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސް އަހުމަދު ސަލީމްގެ އަރިއަހުން އެދިފައި ވަނީ ވަކީލަކާ ނުލައި އެ ދެމީހުންގެ ތަހުގީގް ކުރިއަށް ގެންދާ ގެންދިއުން ބަލައި ދިނުމަށެވެ
ފުލުހުން ބުނީ އެމައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންނަށް ޤާނޫނީގޮތުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދީފައި ވާނޭ ކަމަށެވެ
No comments:
Post a Comment