ސަރުކާރު ސްކޫލުތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުގެނެސްފި
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސުކޫލު ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލުތައް އެމިނިސްޓްރީއަށް ލިބިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި އަދި އެގެނެވުނު ބަދަލުތައް މިއަދުން ފެށިގެން ސުކޫލުތަކަށް އަންގަވަމުންދާ ކަމަށެވެ
”މި ބަދަލަކީ ސަރުކާރު މުވައްޒަފުންނަށް ގެނެވުނު ބަދަލާއެކު ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގެނުވުނު ބަދަލު. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ އޮނިގަނޑުގެ ދަށުން އަދި އިތުރު ބަދަލުތަކެއް އަންނާނެ“ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އިބުރާހިމް އިސްމާއިލް ވިދާޅުވި އެވެ
މިއަދު އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ފޮނުވާފައިވާ އޮނިގަނޑުގައި ބުނާގޮތުން އެދާއިރާގެ މުވައްޒަފުންނަށްވެސް މުސާރަ ބޮޑުވެފައިވަނީ 20 އިންސައްތައާ 60 އިންސައްތައާ ދެމެދުގެ އަދަދަކަށެވެ. އެގޮތުން އެންމެ މަތީ އިންސައްތައެއް ބޮޑުކޮށްފައިވަނީ ސުކޫލުތަކުގެ މަސައްކަތު މީހުން ނަށެވެ
ސުކޫލުތަކުގެ މަސައްކަތު މީހުންނަށް ވަނީ 62.5 އިންސައްތައިގެ ކުރިއެރުމެއް ދީފަ އެވެ. އެގޮތުން ކުރީގައި 1600 ރުފިޔާ ލިބެމުން އައި މަސައްކަތު މީހަކަށް މިމަހުން ފެށިގެން 2600 ރުފިޔާ ލިބޭނެ އެވެ. އެސިސްޓެންޓް ޓީޗަރެއްގެ މުސާރައަށް 52.5 އިންސައްތަ ބޮޑު ކޮށްފައިވާއިރު ޓީޗަރެއްގެ މުސާރައަށް ބޮޑުކޮށްފައިވަނީ 35 އިންސައްތަ އެވެ. އެސިސްޓެންޓް ޓީޗަރ ނުވަތަ ޓީޗަރ ގްރޭޑް އެކެއްގައި އުޅެމުންދާ މީހުންނަށް ކުރިން ލިބެމުންދިޔަ 2170ރގެ ބަދަލުގައި މިހާރު ލިބެމުންދާނީ 3310 ރުފިޔާ އެވެ. އަދި ޓީޗަރެއް ނުވަތަ ޓީޗަރ ގްރޭޑް 5ގައި އުޅެމުންދާ މުސާރައަށް ކުރިން ލިބެމުން އައި 3660ރގެ ބަދަލުގައި މިމަހުން ފެށިގެން ލިބޭނީ 4940ރ އެވެ
އިންސައްތައިގެ ގޮތުން އާދައިގެ މީހުންނަށް ބޮޑުވެފައިވީ ނަމަވެސް ލިބޭ އެއްޗެއްގެ ގޮތުން އެންމެ ބޮޑަށް ލިބިފައިވަނީ މަތީ މަގާމުތަކަށެވެ. އެގޮތުން އާދައިގެ މަސައްކަތު މީހަކަށް 1000 ރުފިޔާ ބޮޑުވިއިރު ޕްރިންސިޕަލެއްގެ މުސާރައިން ވަނީ 1700 ރުފިޔާ ބޮޑުވެފަ އެވެ
ސުކޫލުތަކުގެ މެނޭޖްމަންޓް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު ކުރިން 3660 ރުފިޔާ ލިބޭ ހެޑްމާސްޓަރުންގެ މުސާރައިގެ 35 ޕަސެންޓަށްވާ 1280ރ. ބޮޑުކުރުމުން 4940ރ. ލިބޭނެ އެވެ. އަދި ކުރިން 8555ރ ލިބެމުންދިޔަ ޕްރިންސިޕަލުންނަށް މި މަހުންފެށިގެން އެމީހުންގެ މުސާރައަށް ގެނެވުނު 20 ޕަސެންޓަށްވާ 1707ރ އެއްކުރުމުން 10،265 ރުފިޔާ ލިބޭނެ އެވެ
No comments:
Post a Comment