ރައްޔިތުންގެ މަޖިޅީހުގެ ގޮނޑިއަށް ކުރިމަތި ލެވޭނީ އެދާއިރާއެއްގެ މީހުންނަށް ކަމަށް ހުށަހަޅައިފި
އިސްލާހް ކުރެވޭ ޤާނޫން އަސާސީގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ބާބުން ފާސްނުވެ ދިޔަ މާއްދާތައް ޑްރާފްޓްކޮށްގެން ގެނައުމުން އެއަށް ތޯރިގް ހުށަހަޅުއްވާ ރ އަތޮޅު މެންބަރ މުހައްމަދު އާތިފް ތާއީދު ކުރެއްވި އިސްލާހުގައި ވަނީ ”ކޮންމެ އިންތިޚާބީ ދާއިރާއަކުންވެސް ކުރިމަތިލެވޭނީ އެދާއިރާއެއްގެ ރައްޔިތަކު ފިޔަވާ އެހެން ދާއިރާއެއްގެ ރައްޔިތަކު ނަމަ އެދާއިރާއެއްގައި ރަޖިސްޓްރީ ވިތާ އެއްއަހަރު ވުމާއެކު މެދުނުކެނޑި ހަމަސް ދުވަހު އެދާއިރާއެއްގައި ދިރިއުޅެފައިވާ މީހުން“ ކަމަށެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ބާބުގެ 4 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ
ބޭރު މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނެ ގޮތާމެދު ތަފާތު ހުށަހެޅުންތައް ހުށަހަޅުއްވާފައިވެ އެވެ. އޭގެތެރޭގައި ތ އަތޮޅު މެންބަރ ރިޔާޟް ރަޝީދު ހުށަހަޅުއްވާ ރ އަތޮޅު މެންބަރ އަލީވަހީދު ތާއީދު ކުރައްވާފައިވާ ހުށަހެޅުމުގައި ވަނީ ބޭރުމީހަކަށް ކުރިމަތިލެވޭނީ އޭނާ ދިވެހިރައްޔިތަކަށް ވީތާ 10 އަހަރު ފުރުމުން ކަމަށާއި އަދި ދިރިއުޅެމުން ގެންދާތާ 15 އަހަރު ފުރުމުންނެވެ
ގދ އަތޮޅު މެންބަރ މުހައްމަދުވަހީދު އަލީ ހުށަހަޅުއްވާ އެއަތޮޅު މެންބަރ ޢަބްދުﷲ ލަތީފް ތާއީދު ކުރައްވާފައިވާ ހުށަހެޅުމުގައި ވަނީ ބޭރުމީހަކަށް ކުރިމަތިލެވޭނީ އޭނާ ދިވެހިރައްޔިތަކަށް ވީތާ 7 އަހަރު ފުރުމުން ކަމަށާއި އަދި އެމީހަކީ ރާއްޖޭގައި ދިރިއުޅެމުންދާ މީހަކަށް ވުމުން ކަމަށެވެ
ވ އަތޮޅު މެންބަރ މޫސާ ނިޒާރު ހުށަހަޅުއްވާ ހދ އަތޮޅު މެންބަރ ޢަބްދުﷲ ނަސީރު ތާއީދު ކުރައްވާފައިވާ ހުށަހެޅުމުގައި ވަނީ ބޭރު މީހަކަށް ކުރިމަތިލެވޭނީ އޭނާ ދިވެހިރައްޔިތަކަށް ވީތާ 5 އަހަރު ފުރުމުން ކަމަށާއި އަދި އަދި އެމީހަކީ ރާއްޖޭގައި ދިރިއުޅެމުންދާ ދިވެހި ބަހުން ވާހަކަ ދައްކަން ދަންނަ މީހަކަށް ވުމެވެ
ރައްޔިތުންގެ މަޖިލީހުގެ ބާބުން ފާސްނުވެ ދިޔަ މާއްދާތައް އަލުން ޑްރާފްޓްކޮށްގެން ގެނައުމުން އެޑްރާފްޓަށް 46 އިސްލާހެއް ވަނީ ހުށަހަޅާފައެވެ. ނުރަސްމީ ބައްދަލުވުމެއް ނުބާއްވާ ކުރިއަށް ގެންދިޔަ އިސްލާހު ހުށަހެޅުމާއި ބަހުސްކުރުން މިއަދުގެ މެންދުރު ކުރީގެ ޖަލްސާގައި ވަނީ ބާއްވާފަ އެވެ. މިމާއްދާތަކަށް ވޯޓަށް އެހުން މިއަދު މެންދުރުފަހު ޖަލްސާގައި ކުރިއަށް ގެންދާގޮތަށް އޮތީ ހަމަޖައްސާފަ އެވެ
No comments:
Post a Comment