Sunday, December 2, 2007

ގެމަނަފުއްޓާއި ހިޔާލީ މަރުގެ މެޗަކަށް ނުކުންނަނީ

ު

ޒޯން ޗެމްޕިއަންސްލީގުގައި މާދަމާރޭ ވަރުގަދަ މެޗެއް ކުޅޭނެ އެވެ. މިމެޗުގައި ބައްދަލުކުރާނީ ގެމަނަފުށީ ޔޫތު އެސޯސިއޭޝަނާއި ވެލިދޫ ހިޔާލީ ސްޕޯޓްސް އެވެ

ޒޯން ޗެމްޕިއަންސްލީގުގައި ކުޅުނު ފަހު މެޗުންވެސް އައްޑޫ ސްޕޯޓްސް ރޭ ވަނީ ކާމިޔާބު ހޯދާފައެވެ

އައްޑޫ ރޭ މޮޅުވީ ނައިވާދޫ ޒުވާނުންގެ ޖަމްއިއްޔާ އާއި ވާދަކޮށް އުނދަގޫތަކަކަށްފަހު 1-3 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓްގައިވެސް ނައިވާދޫން ވަނީ އައްޑޫއަށް ވަރުގަދަ ރައްދެއް ދީފައެވެ. އިތުބާރު ކުޅުންތެރިޔާ ރަގްވީރު ސިންގް އަނިޔާގެ ސަބަބުން ނުކުޅުމުން ރޭ އައްޑޫގެ ކުޅުން ފެނުނީ އެހެން ރޭރެއަށްވުރެ ނިކަމެތިކޮށެވެ. ސެޓްގައި ހަމަ ހަމަ ކުޅުމެއް ދައްކަމުން ގޮސް ފަހު ވަގުތު ހެދުނު ގޯސްތަކުން 22-25ން ސެޓް ގެންދިޔައީ އައްޑޫ ސްޕޯޓްސް އެވެ

ދެވަނަ ސެޓް ވަރަށް ފަސޭހަކަމާއެކު 14-25ން އައްޑޫ ސެޓް ގެނައި ނަމަވެސް 3 ވަނަ ސެޓް ވަރަށް ތަފާތެވެ. ނައިވާދޫ ލީޑްގައި އޮވެގެން ކުޅެމުން ގޮސް ފަހު ވަގުތު އައްޑޫއަށް ދިމާވި މައްސަލަތަކުގެ ތެރޭގައި 19-20ން ނައިވާދޫ ކުރީގައި އޮއްވާ އައްޑޫގެ އެސިސްޓެންޓް ކޯޗު އިބްރާހީމް ރަޝީދު(ސަތޯ) ރެފްރީންގެ ނިންމުމަށް ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ސަބަބުން ދެއްކި ރީނދޫކާޑުން އިދިކޮޅު ޓީމަށް ލިބުނު ޕޮއިންޓް ހިމެނެއެވެ. މިސެޓް ނައިވާދޫ ހޯދީ 23-25ންނެވެ. މިއީ މުބާރާތުގައި އައްޑޫއަށް ގެއްލުނު ދެވަނަ ސެޓެވެ. އެޓީމުން ވަނީ ކަނދޮޅުދޫ އަތުންވެސް ސެޓެއް ގެއްލިފައެވެ. 4 ވަނަ ސެޓްގައިވެސް ލީޑްގައި އޮވެގެން 20 އާއި ހަމައަށް ކުޅުނީ ނައިވާދޫއެވެ. އެހެން ނަމަވެސް ކުޅުންތެރިންނަށް ކައިރި ކައިރީގައި ހެދުނު 3 ގޯހުގެ ސަބަބުން 23-25ން ސެޓް ގެނެސް މެޗު ކާމިޔާބުކުރީ އައްޑޫ ސްޕޯޓްސް އެވެ. މޮޅު ކުޅުންތެރިއަކީ އައްޑޫ ސްޕޯޓްސްގެ އިންޑިއާ ކުޅުންތެރިޔާ ޓޮމް ޖޯސަފް އެވެ

މި ކާމިޔާބާއެކު އައްޑޫ ކުޅުނު 3 މެޗުންވެސް މޮޅުވެގެން ފައިނަލަށް ހޮވުނީ 8 ޕޮއިންޓާއެކުގައެވެ

ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް މާދަމާރޭ ހިޔާލީ ސްޕޯޓްސް އާއި ގެމަނަފުށީ ޔޫތު އެސޯސިއޭޝަން ނުކުންނާނެ އެވެ. ގެމަނަފުށި އިއްޔެ ވަނީ ކަނދޮޅުދޫ ސްޕަރ ސްޓާރ އަތުން ސީދާ 3 ސެޓުން މޮޅުވެފައެވެ. ސެޓްތައް ގެމަނަފުށި ގެންދިޔައީ 18-25, 19-25 އަދި 21-25ންނެވެ. މޮޅު ކުޅުންތެރިއަކީ ގެމަނަފުށީގެ ލަންކާ ކުޅުންތެރިޔާ މަންގަލާ އެވެ

މާދަމާރޭގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ

މިއަދު ހަވީރު މާލޭލީގުގެ އެންމެ ފޯރިގަދަ މެޗު ކުޅެވޭނެ އެވެ. އެސް އާރު ސީ އާއި ބަނޑޮސް ބައްދަލުކުރާ މެޗުން ނުކުންނަ ނަތީޖާއަކުން ކޮންމެ ޓީމެއްވެސް ކަޓާފާނެ އެވެ. ބަނޑޮސް މޮޅުވެއްޖެނަމަ އެޓީމާއެކު ފައިނަލުގައި ކުޅޭނީ ޕޮލިހެވެ. އެސް އާރު ސީ މޮޅުވެއްޖެނަމަ 3 ޓީމު ޕޮއިންޓްގެ ގޮތުން އެއްވަރުވެ ސެޓް ގުނައިގެން ފައިނަލަށްދާނެ ދެ ޓީމު ކަނޑައަޅަން ޖެހޭނެ އެވެ. އަދި ނަތީޖާ ނުކުންނަ ގޮތަކުން ޕޮއިންޓްވެސް ގުނަން ޖެހިދާނެ އެވެ

No comments: