ޓެކްސް ނެގުމުގެ ގާނޫނުގެ ބިލް ރައީސް އޮފީހަށް ފޮނުވާފައިވާތާ ދޮޅު އަހަރުވެއްޖެ ކަމަށް ގާސިމް ވިދާޅުވެއްޖެ
މި އަހަރަށް ފާސްކުރި ބަޖެޓާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ޓެކްސް ނެގުމުގެ ނިޒާމެއް ތައާރަފުކުރުމަށްޓަކައި އެކަމަށް ބޭނުންވާ ގާނޫނެއް ހެދުމަށްޓަކައި ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށާއި އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ބިލް މި އަހަރުތެރޭގައި މަޖިލީހަށް ފޮނުވާނެ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ
”ޓެކްސް ނެގުމުގެ ނިޒާމަކީ ކޮންމެ ގޮތަކަށް ވިޔަސް ގިނަ މަސައްކަތްތަކަކާއި ތައްޔާރީތަކެއް ވާން ޖެހޭނެ ކަމެއް. އެކަންކަން ކުރުމަށްޓަކައި ވަގުތު ނަގަނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު އަޅުގަނޑު އަދާކުރަން ޖެހޭ ވާޖިބު ވަނީ މީގެ އެއް އަހަރާ ނުވަ މަސް ދުވަސްކުރިން އަދާކޮށްފައި,“ އާމްދާނީ ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކުރެވެނީ ކޮން މަސައްކަތެއްތޯ ނުސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވި އެވެ
ރައީސް އޮފީހަށް ބިލް ފޮނުވިތާ ދެ އަހަރުވާން ކައިރިވެފައިވާއިރު ބިލް މަޖިލީހަށް ނުފޮނުވިގެން އުޅެނީ ކީއްވެގެން ކަމެއް ސީދާ ނޭގުނު ނަމަވެސް ގާސިމް ވިދާޅުވީ އެ ފަދަ ނިޒާމެއް ގާއިމުކުރަން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ
ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އާންމު ރައްޔިތުން ބޭނުންކުރާ މުދަލުންނަގާ ޑިއުޓީން ކަމަށް ވާއިރު އެންމެ ބޮޑު ފައިދާ ލިބޭ މަސައްކަތަކީ ޓޫރިޒަމް ކަމަށްވާއިރު އެ ފައިދާއިން ޑިއުޓީ ނުނަގަނީ ކީއްވެތޯ ކުރި ސުވާލަށް ގާސިމް ވިދާޅުވީ ރިސޯޓް ހިންގާ މީހުން ނިކަމެތިކުރަން ސަރުކާރު ހިންގަން ތިބި މީހުން ބޭނުންފުޅު ނުވާކަމަށެވެ
މިހާރު އޮތް ސަރުކާރުގެ އެންމެ މަތީ މަގާމުތައް ކަމަށްވާ ވަޒީރުންގެ މަޖިލީހުގައި ޓޫރިޒަމް ވިޔަފާރި ކުރާ ހަތަރު ވަޒީރަކު ހިމެނިވަޑައިގަންނަވަ އެވެ. އޭގެތެރޭގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާ ގާސިމް އިބްރާހިމަކީ އެންމެ ގިނަ ރިސޯޓް އޮޕަރޭޓް ކުރައްވާ ފަރާތެވެ. ދެން ހިމެނިވަޑައިގަންނަވަނީ އެޓޯލްސް މިނިސްޓަރ އަހުމަދު ތަސްމީން އަލީ އާއި ފިޝަރީޒް މިނިސްޓަރ ހުސައިން ހިލްމީ އާއި ޔޫތް މިނިސްޓަރ މުހައްމަދު ވަހީއްދީން (ޑީން) އެވެ. ގާސިމަކީ ރައްޔިތުންނަށް ވަރަށް ފުޅާ ދާއިރާއެއްގައި އެހީތެރިވެ ވަޑައިގަންވަމުންގެންދަވާ ބޭފުޅެކެވެ
No comments:
Post a Comment