Sunday, January 6, 2008

ސަލްޓަން ޕާކްގައި ބޮން ގޮއްވާލި ހާދިސާ: ސިމްތަކުގެ ވެރިފަރާތްތަކުން އަނެއްކާވެސް ދައުވާއަށް އިންކާރުކޮށްފި

ު

މިދިއަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު މާލޭ ސަލްޓަންޕާކްގައި ގޮއްވާލި ބޮން ގޮއްވާލުމާއި އެކަމަށް މުއާމަލާތް ކުރުމަށް ބޭނުންކުރި ސިމްތަކުގެ ވެރިފަރާތުން ދައުވާއަށް މިއަދުވެސް އިންކާރުކޮށްފި އެވެ

މިއަދު މެންދުރު ފަހު 1:30 ގައި ޖިނާއީ ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދ. ރިބިދޫ, ކުންނާރުގޭ މޫސާ ފަޒީލު ,28, ސ. ހިތަދޫ ހަރުދަލުގޭ މުހައްމަދު ހުސެއިން ,32,މައްޗަށް ދައުލަތުން ކުރި ދައުވާގެ ސީޣާއަށް ކުޑަބަދަލެއް ގެނެސް އަލުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެދައުވާއަށް އެދެމީހުންވެސް އިންކާރުކޮށް ކުރިންވެސް ދެމުންއައި ޖަވާބު ވަނީ ތަކުރާރުކޮށްފަ އެވެ

ދައުލަތުގެ ވަކީލު ހުށަހެޅުއްވި ދައުވާގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ ބޮންގޮއްވަލުމުގައި އެ ދައުވާގައި ބުނާ ގޮތުގައި ފަޒީލު ސިމް ކާޑް ނަގައިދީފައި ވަނީ ބޮމުގެ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތަށެވެ. އެ މީހާ ފަޒީލު ގާތުގައި ބުނި ކަމަށް ވަނީ އެހެން މީހެއްގެ ނަމުގައި ސިމް ކާޑެއް ނަގައިދިނުމަށާއި ސިމް ނަގަން ބޭނުން ވަނީ ތުނބުޅިމަތިމަސް ނެތް މީހެއްގެ ނަމުގައި ކަމަށާއި އަދި އެމީހާ އެގޮތަށް ފަޒީލު ގާތުގައި ބުނުމުން އެކަމުގައި ނުބައި މަގުސަދެއް އޮތް ކަމަށް ވިސްނުނު ކަމަށް ފަޒީލު ބުނާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. ދައުވާގައިވާ ގޮތުގައި ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަކީ ފަޒީލު ދަންނަ ރައްޓެހިންނެވެ

ފަޒީލުގެ ވަކީލު ހުސްނުއްސުއޫދު ޖަވާބުގައި ވިދާޅުވީ އެސިމް ނަގައިދީފައިވާ ޢަބްދުއްލަތީފަކީ ފަޒީލުގެ ކާފައާއި ދެބޭން ކަމަށާއި އާއިލާގެ މީހަކަށް ކަމެއް ކޮށްދިނުމަކީ ގޯހެއް ނޫން ކަމަށެވެ. އަދި ގޯސްނިޔަތެއް އޮތްކަން ފަޒީލަށް އެނގޭނަމަ ފަޒީލުގެ އަމިއްލަ ނަމުގައި ސިމެއް ނުނަގާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ. އަދި އެމީހުންނަކީ ފަޒީލުގެ ރައްޓެހިންކަން ސާބިތު ކުރެވޭނެ ގޮތެއް ހުށަހަޅާފައި ނުވާކަމަށެވެ

ދައުވާގައި ދައުލަތުގެ ވަކީލު ވިދާޅުވީ މުހައްމަދު ހުސައިނަކީ ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ފޯނުން މުއާމާލާތްކުރުމަށް ބޭނުންކުރި ސިމް ކާޑްގެ ވެރިފަރާތް ކަމަށާއި އެ ސިމަކީ މުހައްމަދު ހުސައިން އޭނާގެ ކޮއްކޮއަކަށް ދީފައިވާ ސިމެއް ކަމަށް އޭނާ ބުނިކަމުގައި ވިޔަސް އެކޮއްކޮއަކީ ކާކުކަމެއް ހުށަހަޅައިދެވިފައި ނުވާކަމަށެވެ

މުހައްމަދު ހުސައިން ބުނީ އޭނާގެ ފުރަތަމަ ބަޔާނުގައިވެސް އޭނާގެ ކޮއްކޮއަކީ ސ ހިތަދޫ ހަރުދަލުގޭ ހުޒައިމަތު ހުސައިންކަމާއި އޭނާ މިހާރުވެސް މާލޭގައި އުޅޭކަން ބުނެދީފައިވާނޭ ކަމަށެވެ

”އަޅުގަނޑަށް މިހާރު ޝައްކު ދައުލަތުގެ ވަކީލު އެގެންގުޅުއްވަނީ އަޅުގަނޑު ސޮއިކޮށް އިނގިލީގެ ނިޝާން ދީފައިވާ ބަޔާން ކަމާމެދު“ މުހައްމަދު ހުސައިން ބުންޏެވެ

މުހައްމަދު ހުސައިން މިހެން ބުނުމުން ޤާޒީ ވިދާޅުވީ ދައުލަތުގެ ވަކީލު, މުހައްމަދު ހުސައިންގެ ބަޔާން އިއްވައިދިނުމަށެވެ. އެބަޔާނުގައި މުހައްމަދު ހުސައިން ސިމް ނަގައިދީފައި ވަނީ އޭނާގެ ކޮއްކޮ ހުޒައިމަތަށްކަން ބުނެފައިވެއެވެ

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވި ދައުލަތުން ސީޣާ ބަދަލުކޮށް ހުށަހެޅި ދައުވާއަށް ފަޒީލާއި މުހައްމަދު ހުސައިން އެއަށް އިތުރަށް ވިސްނެވުމަށް ފުރުސަތު ދެއްވަމުންނެވެ. ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މިދެމީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުންނެވެ

No comments: