އާ ގާނޫނު އަސާސީއަށް ވާސިލުވުމަށްޓަކައި ރައީސްކަމާއި ވަޒީރުންގެ މަގާމު ގެއްލޭކަށް ތާއީދެއް ނުކުރާނެ: ނަޝީދު
އާ ގާނޫނު އަސާސީ އަށް ވާސިލުވުމަށް ޓަކައި ރައީސް ކަމުގެ މަގާމާއި ވަޒީރުންގެ މަގާމު ގެއްލޭ ގޮތަކަށް ބާބެއް ފާސްކުރާކަން ސަރުކާރުން ތާއިދެއްނުކުރާނެ ކަމަށް ލީގަލް ރިފޯމް މިނިސްޓަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
ދި އެފްއެމުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިއްޔެ ރޭ ނަޝީދު ވިދާޅުވީ އިންތިގާލީ އުސޫލުތަކުގެ ވާހަކަތައް އެ ބޭފުޅުން ދައްކާ ކަމަށްވަންޏާ އެ ދައްކާ ހުރިހާ ކަމަކަށްވެސް އަޅުގަނޑުމެން ގަބޫލުވާނެ ކަމަށެވެ
” އެހެން ނަމަވެސް އިންތިގާލީ އުސޫލުތަކުގެ ތެރޭގައި ވެސް ކެބިނެޓާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުތައް ހުސްކޮށް, އެހިސާބު އެ މަގާމުތަކަށް ނިމުން ގެނެސް ވަގުތީ ކެބިނެޓާއި ވަގުތީ ރައީސުލްޖުމްހޫރިއްޔާއެއް ގެންނަ ގޮތަކަށް ސަރުކާރުން ތާއިދެއް ނުކުރާނެ. އެ ކަންތައްތައް ހިމަނާ ނަމަ އެ ހިސާބުން މައްސަލަ ޖެހެނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މިހާރުގެ ގާނޫނު އަސާސީގެ ދަށުން, ގާނޫނީ ގޮތުން އައިސްގެން ތިބި ބަޔަކަށް ކުއްލި އަކަށް ހުއްޓާލާފައި ދާން ޖެހޭނެކަމަށް,“ ނަޝީދު ވިދާޅުވި އެވެ
އޭނާ ވިދާޅުވީ އިންތިގާލީ އުސޫލުތަކޭ ކިޔައިގެން ސިޔާސީ ޕާޓީތައް އެކުލެވޭ ވަގުތީ ސަރުކާރެއް ގާއިމުކުރަން ވެސް ބޭނުންނުވާކަމަށާއި އާގާނޫނު އަސާސީއަށް ވާސިލުވުމަށް ބޭނުންވަނީ ރޯޑް މެޕެއް ކަމަށެވެ
”އާ ގާނޫނު އަސާސީއަށް ދާން, ރޯޑްމެޕެއް ބޭނުންވާކަން ގަބޫލުކުރަން. ތާރީހުތަކެއް ބޭނުންވާކަން މިވެނި ދުވަހަކަށް މިވެނިކަމެއް ވާން ޖެހޭނެއޭ, ކިޔާފައި, ހިޖުރަކުރުމުގެ ބައެއް އޮންނަން ތާއިދުކުރަން. މިހާރު އޮތް ގާނޫނު އަސާސީން އާ ގާނޫނު އަސާސީ އަށް ހިޖުރަކުރަކޮށް ނިންމުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވަކިވަކިން ބަޔާނުކުރެވި, އެއިން ކޮންމެ ކަމެއް ހިނގާނެ ތާރީހުތައް ކަނޑައެޅިފައި ހުންނަން އަޅުގަނޑުމެން ވެސް ބޭނުންވޭ.“ އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ގޮވާލަމުންދާ ގޮވާލުންތަކާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ
ރައީސް މައުމޫނާއި އޭނާގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވައި އެހެން ވާދަވެރިންނާއެކު އިންތިހާބުގައި ވާދަކުރުމުގެ ގާބިލުކަން ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ކިބައި ނެތީތޯ ދެންނެވި ސުވާލަކަށް ރިފޯމް މިނިސްޓަރު ވަނީ ޖަވާބު ނުދެއްވާ އެ ސުވާލަށް ޖަވާބު ދެއްވުމަށް ވާހަކަ ފުޅު ވެސް ނުދައްކަވާ ދޫކޮށްލައްވާފަ އެވެ
އިންތިގާލީ ބާބަކީ އަސާސީ ސިފަތަކުގެތެރޭގައި ހިމެނޭ ކަމެއްކަމަށާއި އެ ބާބު ގާނޫނު އަސާސީގައި އޮންނަން ޖެހޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ވަނީ ރޭ ބުނެފަ އެވެ
ދި އެފްއެމުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ އިސް ތަރުޖަމާނު އިބްރާހީމް ޝާފިއު ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް ގާނޫނު އަސާސީގައި އެ ބާބު ނުހިމަނާ ގާނޫނު އަސާސީ ނިމުނުކަމަށް ނުބެލެވޭނެ ކަމަށާއި އެހެން ކަމުން އެ ބާބު އޮންނަން ޖެހޭނެ ކަމަށާއި ނަމަވެސް މައްސަލަ ޖެހިގެން އުޅެނީ އެޖެންޑާއަށް ބަދަލުގެނައުމަށް ބާރު އަޅަމުންދާތީ ކަމަށެވެ
އިދިކޮޅު ތިން ޕާޓީންނާއި އިސްލާހަށް މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ބުނަމުންދާނީ މިހާރު އޮތް ސަރުކާރު އޮވެގެން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަމަށާއި އާ ގާނޫނު އަސާސީ އަށް ވާސިލުވުމަށް ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ ވަގުތީ ސަރުކާރެއް ހަދަން ޖެހޭނެ ކަމަށާއި އެކަން ކުރާނެ ގޮތް ގާނޫނު އާސާސީގެ އެންމެ ފަހު ބާބެއްގެ ގޮތުގައި އެކަން ލިޔަން ޖެހޭނެ ކަމަށެވެ
އިންތިގާލީ ސަރުކާރެއް ގާއިމުކުރުމާ ބެހޭ ބާބުގެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ހާއްސަ މަޖިލީހުގެ ދެ ޖަލްސާ ވެސް ވަނީ ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހިފަ އެވެ
No comments:
Post a Comment