ދީނީ ތަގުރީރު ދިނުމާ ބެހޭ ގޮތުން އަމަލުކުރާ ގަވާއިދަކީ ގާނޫނީ އޮނިގަނޑުން ބޭރުގައި ހަދާފައިވާ ގަވައިދެއް : ނަޝީދު
ދީނީ ނަސޭހަތް ދިނުމާ ބެހޭ ގޮތުން އަމަލުކުރާ ގަވާއިދަކީ ގާނޫނީ އޮނިގަނޑުން ބޭރުގައި ހަދާފައިވާ އެއްޗެއް ކަމަށް ލީގަލް ރިޕޯމް މިނިސްޓަރ މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ
ނަޝީދު ވިދާޅުވީ ދީނީ އެއްބައިވަންކަން ހިމާޔާތްކުރުމާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފިޔަވާ އިތުރު ޝަރުތެއް ގަވައިދަކުން ނުހިމެނޭނެ ކަމަށެވެ
”ތިޔަ މައްސަލަ ޖެހިގެން އުޅޭނީ ޑރ. އަފްރާޝީމް ޓީވީގައި އޭނާ އަށް ފެންނަ ގޮތްތަކެއް ހާމަކުރަމުންދާތީ. އެކަމަކީ އޭނާ އަށް ގާނޫނީގޮތުން ކުރެވޭނެ ކަމެއް. އަނެއްކާ ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ވެސް އޭނާގެ ކިބައިގައި އެބަހުރި,“ ނަޝީދު ވިދާޅުވި އެވެ
ހުއްދަ ދެވޭނީ އެއް އަހަރު ނުވަތަ ދެ އަހަރުވަންދެން ރާއްޖޭގައި އުޅެފައިވާ މީހަކަށް ކަމަށް ގަވާއިދެއްގައި ބުނެފައިވާ ނަމަ އެކަމަކީ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނާ ޝަރުތުތަކުގެ ބޭރުގައި ކުރެވޭ ކަމެއް ކަމަށާއި ގާނޫނުގައި ޝަރުތު ކަނޑަ އަޅާފައިވާ އިރު އެ ހަނިކުރެވޭނެ ގަވާއިދެއް ނުހެދޭނެ ކަމަށެވެ
ދީނީ އެއްބައިވަންތަކަން ހިމާޔާތް ކުރުމާބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައިވަނީ ” މި ގާނޫނުގެ ދެ ވަނަ މާއްދާގައި ބުނެފައިވާ ހުއްދަ ދޭންވާނީ ދިވެހި ސަރުކާރުން ގަބޫލުކުރާ އިސްލާމީ ޔުނިވަސިޓީއަކުން ނުވަތަ އެ ފެންވަރުގެ ތަނަކުން މަތީ ތައުލީމުގެ ސެޓްފިކެޓް ލިބިފައިވާ މީހުންނަށާއި ދިވެހި ސަރުކާރު ގަބޫލުކުރާ ފެންވަރަކަށް ދީނީ ތައުލީމު ހާސިލުކޮށްފައިވާ މީހުންނަށެވެ. އަދި މި ހުއްދަ ދެވޭނީ ދިވެހި ސަރުކާރުން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން މުސްލިމުންނަށެވެ“
ދީނީ ވާހަކަތައް ނުދެއްކުމަށް ޑރ. އަފްރާޝީމަށް އިސްލާމީކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން އަންގަވާފައިވާއިރު, އެ ފަދަ ވާހަކަ ދެއްކުމުގެ ފުރުސަތު ޓީވީން ދެއްވަނީ ކީއްވެތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ޑރ. އަފްރާޝީމު ޓީވީގައި ވާހަކަ ދައްކަވަމުންދަނީ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް ބޭނުންކޮށްގެން ކަމަށާއި އެއީ ފަހަރެއްގައި ވެސް ދީނީ ތަގުރީރުދެނީ ނޫން ކަމަށެވެ
”ޓީވީން އޭނާއާ ކުރާ ސުވާލަކަށް ޖަވާބު ދެއްވުމަކީ ގާނޫނުގައި ބުނެފައިވާ ދީނީ ތަގުރީރު ދިނުން ކަމަކަށް ގަބޫލެއް ނުކުރެވޭ. އަނެއްކާ އޭނާ އަށް ލިބިގެންވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ވެސް އޭނާ އަށް އޮންނަން ޖެހޭނެ. ގާނޫނާ ޚިލާފަށް ކަމެއްކުރާ ނަމަ އެކަމެއް ހުއްޓުވާނެ,“ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ނަޝީދު ވިދާޅުވި އެވެ
މިނިސްޓަރު ވިދާޅުވީ އަފްރާޝީމުގެ މައްސަލާގައި ދެތިން ކަމެއް ފާހަގަކުރެވޭ ކަމަށާއި އޭ ގެތެރޭގައި އެއް ކަމަކީ އޭނާ އެ ދައްކާ ވާހަކަތަކަކީ ގާނޫނުގައި ބުނެފައިވާ ދީނީ ތަގުރީރު ދިނުން ނޫން ކަމަށާއި އަދި އޭނާ އެ ދައްކަވާ ވާހަކަތައް ގަބޫލުނުކުރެވޭ ބޭފުޅުންތަކެއް މަތީ މަޖިލީހުގައި އުޅުއްވާ ކަމަށާއި ނަމަވެސް އޭނާ ވާހަކަ ދައްކަވަނީ އެ ދާއިރާއިން ލިބިވަޑައިގެންފައިވާ ތައުލީމެއްގެ އަލީގައި ކަމަށެވެ
No comments:
Post a Comment