ރާއްޖޭގެ އެންމެ ބޮޑު ދެ ޑްރަގު ޑީލަރުން ހައްޔަރުކޮށްފި
ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ޑްރަގް ދެ ޑީލަރުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު އިއްޔެ ވިދާޅުވީ މިދެމީހުން ހައްޔަރު ކުރެވުނީ މިމަހުގެ 15 ވަނަ ދުވަހު ގަތަރު އެއަރ ވޭސް ފްލައިޓުން ރާއްޖެއައި ޕާކިސްތާނު ރައްޔިތެއް ކަމުގައިވާ އަޒުމަތު ހާނު ރާއްޖެ އެތެރެކުރަން އުޅުނު 2.18 ކިލޯ ކުރާމް ހޮރައިން އަތުލައިގަނެ އެމަސްތުވާތަކެއްޗާ ގުޅުން ހުރި އިތުރު މީހުން ހޯދުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ
އެ ދެމީހުންނަކީ ގ. ހިލުމަން އަބުދުލް ހަމީދު އަބުދުއް ސަމަދުއާއި ޏ. ފުވައްމުލަކު ދާލުގޭ ވަސީމް އަބުދުﷲ އެވެ
ރިޔާޒު ވިދާޅުވީ މިމައްސަލާގައި މިހާތަނަށް 8 މީހުން ފުހުން ހައްޔަރު ކޮށްފައިވާ ކަމަށާ މީގެ ތެރޭގައި ފުލުހުންގެ އޮފިޝަލަކު ވެސް ހިމެނޭ ކަމަށެވެ
ރިޔާޒު ވިދާޅުވީ މިހާރު މިމައްސަލާގައި ހައްޔަރު ކުރެވިފައިވާ 8 މީހުންގެ ތެރެއިން 7 މީހުން މިކަމަށް އެއްބަސްވެ, އެމީހުން މިކަމުގައި ބައިވެރިވެފައިވާ ގޮތް ތަހުގީގަށް ކިޔައިދެމުންދާ ކަމަށެވެ
ރިޔާޒު ވިދާޅުވީ މި މީހުންނަށް ގާނުން އެކަށިގެންވާ އަދަބެއް ދެވިއްޖެ ނަމަ މިހާރު ރާއްޖޭގައި ފެންނަމުންދާ މަސްތުވާ ތަކެއްޗަށް އެކަށީގެންވާ ބޮޑު ހުއްޓުމެއް އަންނާނެ ކަމަށެވެ
އިއްޔެ ހުސެއިން އާދަމް ބިލްޑިންގ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ކަސްޓަމްސް އަހުމަދު ނަޝީދު ވިދާޅުވީ މިމަސްތުވާތަކެތި އަތުލައިގަނެވިފައި ވަނީ ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތެއްގެ އަލީގައި ކަސްޓަމްސްއިން ކަމަށެވެ
” އަޅުގަނޑުމެންނަށް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިވަނީ ރާއްޖެއަށް ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަން. އަޅުގަނޑުމެން ދިޔައީ 15 ވަނަ ދުވަހުގެ 10 ދުވަސް ކުރިން ފެށިން ފާރަލަމުން.“ ނަޝީދު ވިދާޅުވި އެވެ
ނަޝީދު ވިދާޅުވީ މިދިޔަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު ހެދުނު އައި ޕާކިސްތާނު މިމީހާއަކީ ކަސްޓަމުން ޓާގެޓް ކުރަމުން ދިޔަ މީހެއް ކަމަށާ މިމީހާ އޭނާ އައުމުން އެއަރޕޯޓްގައި މަސައްކަތް ކުރާ ކަސްޓަމްސް އޮފިސަރުން މިމީހާއަށް ޓާގެޓްކޮށް, މާލޭގެ ހެޑް އޮފީހަށް އަންގާ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކަމަށެވެ. އަދި ކަސްޓަމުގެ ޓީމަކާއި ޕޮލިސްގެ ޓީމެއް އެއަރޕޯޓަށް ގޮސް މިމައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާއި މެދު އެއްބަސްވެ ކަސްޓަމްސް އިން ކުރަންޖެހޭ ގާނޫނީ ކަންތައް ނިންމުމަށް ފަހު ޕޮލިސް ސަރވިސް އާއި ހަވާލުކުރީ ކަމަށެވެ
ނަޝީދު ވިދާޅުވީ މިއީ މިއަހަރުގެ ތެރޭގައި މިގޮތަށް ޕާކިސްތާނު މަގުން އައި މަސްތުވާތަކެތި އަތުލައިގަތް ދެވަނަ ފަހަރު ކަމަށާއި, އާންމުކޮށް މަސްތުވާތަކެތި ޕާކިސްތާނު މަގުން އެތެރެކުރަން މަސައްކަތް ކޮށްފަވަނީ ފޮށީގައި ފޯލްސްބޮޓަމް އެއް ( ދެ ފޫ އަޅައިގެން ) ހަދައިގެން ކަމަށެވެ
އަޒުމަތު ހާނު ހައްޔަރު ކުރުމަށް ފަހު މިމައްސަލައާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގެ މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ އަޒުމަތު ހާނަށް ފަހު މިމައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރެވިފައި ވަނީ ތ. ބުރުނީ ސޯސަން ވިލާ އިބްރާހިމް ހަބީބު ކަމަށެވެ
ރިޔާޒު ވިދާޅުވީ މިމަހު 18 ވަނަ ދުވަހު ހަބީބު ހައްޔަރު ކުރެވުނީ, އަޒުމަތު ހާނު ހުރި ގެސްޓް ހައުސަށް މަސްތުވާތަކެތި ބަލައިދިޔުމުގެ ތުހުމަތުގައި ކަމަށެވެ
” އިތުރަށް ހޯދި ހޯދުމުން އެނގުނު ހަބީބު މިދިޔައީ އޭނާއާއި ގުޅުންހުރި އެހެން ދިވެއްސަކާ އެކީގައިކަން . އެމީހަކީ އަބުދުލް ހަމީދު އަބުދުއް ސަމަދު. އަޅުގަޑުމެން މީނަ ހައްޔަރު ކުރުމުން, މިހާ ހިސާބުން އަޅުގަޑުމެންނަށް މައުލޫމާތު ލިބުނީ މަސްތުވާތަކެތި ހިފައިގެން މާފަންނު ކޮޅުގައި ހުރި ގެސްޓް ހައުސަކަށް ދިއުމަށް އަޒުމަތު ޚާނަށް އެންގި ކަމަށް. އަޒުމަތު ޚާން އަމަލުކުރަމުން ދިޔައީ އޭނާއަށް އެންގި ގޮތަކަށް. މިހާ ހިސާބުން އެބަޔަކާ ބެހޭ މައުލޫމާތު ހޯދިއިރު މިއެއްޗެހި ބަލާ މިދިޔައީ މާފަންނު ރަންކޮކާ ހަސަން ސުމެއިދު ހުސެއިން ކަން އެނގުނު. އޭނާ މިއެއްޗެހި ހިފައިގެން ނައްޓައިލި ވަގުތު ފުލުހުން ވަނީ އޭނާވެސް ހައްޔަރު ކޮށްފައި. އިތުރަށް ހޯދި ހޯދުމުން އެނގުނު ހަސަން ސުމެއިދު ހުސެއިން ވެސް މިތަކެތި ބަލާ އައީ އޭނާކައިރީގާ އެހެންމީހަކު ބުނެގެން ކަމަން.“ ރިޔާޒު ވިދާޅުވި އެވެ
ރިޔާޒު ވިދާޅުވީ ތަހުގީގަށް އެނގިފައިވާ ގޮތުގައި ހަސަން ސުމެއިދު މިތަކެތި ބަލާ ދިޔައީ ޏ. ފުވައްމުލަކު ދާލުގޭ ވަސީލް އަބުދުﷲ ބުނެގެން ކަމަށެވެ. އެހެން ނަމަވެސް އެވަގުތު އޭނާ ހުރީ އައްޑޫގައި ކަމަށް ވުމުން ހަސަން ސުމައިދު ކައިރިއަށް މިތަކެތި ބަލާ ފޮނުވާފައިވަނީ ލ. އިސްދޫ ގުލްފާމުގެ އިބުރާހިމް ނައީމް ކަމަށެވެ
” އިބުރާހިމް ނައީމް މިތަކެއްޗާ ހަވާލުވުމަށް ހަސަން ސުމެއިދު ހުސެއިން ކައިރިއަށް ދިޔަ ވަގުތު އޭނާ ވެސް ވަނީ ހައްޔަރު ކޮށްފައި. މީގެއިތުރުން އައްޑުއަތޮޅުގައި ހުއްޓާ ވަސީމް އަބުދުﷲ ވެސް މިނޮވެމްބަރ މަހުގެ 22 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްގެން މާލެ ގެނެސްފައި.“ ރިޔާޒު ވިދާޅުވި އެވެ
ރިޔާޒު ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓްގައި މަސައްކަތް ކުރަމުންދިޔަ މއ. ބައިކެޑިގޭ ކޯޕްރަލް މަނާރު މުހައްމަދު ޝަރީފާއި އަބުދުލް ހަމީދު އަބުދުއް ސަމަދާއި ދެމެދު ގާތްގުޅުމެއް އޮންނަކަން އެގިފައިވާ ކަމަށެވެ. އަދި މުހައްމަދު ޝަރީފް މިކަމުގައި އެމީހުންނަށް އެހީތެރިވެދިން ގޮތްތައް ކިޔައިދީފައި ކަމަށެވެ
ފުލުހުން ވަނީ އިއްޔެ ނޫސްވެރިންނަށް މިމީހުން ހަރަކާތްތަކުގެ ސީސީޓީވީ ފުޓޭޖްތައް ދައްކާފަ އެވެ. މި ފުޓޭޖްތަކުން, ފުލުހުން ހަރަކާތްތެރިވި ސަރަހައްދުގައި, ފުލުހުން އޮޕަރޭޝަނެއް ހިންގައިގެން އުޅޭތޯ ބެލުމަށް ހައްޔަރުކުރި މީހުން އެދުނު އެދުމުގެ މަތިން ކޯޕްރަލް މަނާރު ހަރަކާތްތެރިވި މަންޒަރު ފެނިގެން ދެއެވެ
ރިޔާޒު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި ގެނައި ޕާކިސްތާނު މީހާއަކީ ރާއްޖެއަށް އަލަށް އައި މީހެއް ނަމަވެސް އޭނާއާ ގުޅުންހުރި އިތުރު ބޭރު މީހަކު ރާއްޖޭގައި ހުރި ކަމުގެ މައުލޫމާތު ތަހުގީގަށް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ
”ޕާކިސްތާނުގައި އޭނާއާ ގުޅުންހުރި ފަރާތްތައް ތިބިކަން ވަނީ އެނގިފައި. އާއްކޮށް މިހެން އަންނަ މީހުންނަކީ ޑްރަގް ބޭނުންކޮށް ވިއްކާ މީހުންނެއް ނޫން. އެތަކެތި ގެނެސް މިކޮޅުން އެއާ ހަވާލުވާ މީހާ އަވާލުކުރުމުން އެނިމުނީ.“ ރިޔާޒު ވިދާޅުވި އެވެ
ފުލުހުން ގެންދަނީ މިމައްސަލައާ ގުޅުން ހުރި އިތުރު މީހުން އަތުލައިގެތުމުގެ މަސައްކަތްތައް ކުރަމުން ނެވެ
No comments:
Post a Comment