Wednesday, January 16, 2008

ޓްރިވެންޑްރަމްގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ޚާއްސަ ފުލައިޓެއް ބާއްވައިފި

އިންޑިއާގެ ޓްރިވެންޑްރަމްގައި, ފްލައިޓުން ޖާގަ ނުލިބުމުގެ ސަބަބުން މާލެ ނާދެވި އެތައް ބަޔަކު އަދިވެސް އިންޑިއާގައި ތިބުމުން, އިތުރު ފްލައިޓެއް ޓްރިވެންޑްރަމުން މާލެ އަށް މިއަދު އޮޕަރޭޓްކުރަން ހަމަޖެހިފައި ވާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފައާޒުން ބުނެފި އެވެ

ފޮރިން އެފެއާޒުން ބުނީ އެކިއެކި ބޭނުންތަކަށް, ޓްރިވެންޑްރަމަށް ގޮސްތިބި ވަރަށް ގިނަ ޢަދަދެއްގެ ދިވެހިން އެނބުރި ރާއްޖެ އަންނަން ބޭނުންވި ނަމަވެސް ފްލައިޓުން ޖާގަ ނުލިބުމުގެ ސަބަބުން މާލެ ނާދެވިފައި ތިބުމުން ޓްރިވިންޑްރަމުން މާލެއަށް އިންޑިއަން އައަރލައިންސްގެ އެއަރ ބަސް- އޭ 320ގެ އިތުރު ފްލައިޓެއް މިއަދު އޮޕަރޭޓް ކުރަން ހަމަޖެހިފައި ވާކަމަށެވެ

ފޮރިން މިނިސްޓްރީން އިތުރަށް މައުލޫމާތުދިން ގޮތުގައި މި ފްލައިޓް އޮޕަރޭޓް ކުރާ ގޮތަށް ހަމަޖެހުނީ އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި, ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގަ ކޮންސިއުލޭޓާއި, ޑިޕާޓްމަންޓް އޮފް ސިވިލް އޭވިއޭޝަންގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުންނެވެ

އަދި މިފަދަ އިތުރު ފްލައިޓްތައް ބޭއްވޭތޯ އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް މަސައްކަތްކުރައްވަމުން އެބަ ގެންދަވާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ

No comments: