Wednesday, January 16, 2008

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް އުފެއްދިތާ އެއް އަހަރު ފަހުން އޮފީހުގެ ނަން ބޯޑު ހަރުކޮށްފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނެއް އުފައްދަވައި އެ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެއްވިތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޮފީހުގެ ނަން ބޯޑު ހަރުކޮށްފި އެވެ

ރައީސްގެ އިސްލާހީ އެޖެންޑާގައި ހިމަނައިގެން 30 އޯގަސްޓް 2006 ވަނަ ދުވަހު މުސްތަގިއްލު މުއައްސަސާއެއްގެ ގޮތުގައި ރައީސް އުފެއްދެވި ކޮމިޝަނުގެ ނަން ބޯޑް ހަރުކޮށްފައިވަނީ ހުރަވީ ބިލްޑިންގެ ތިން ވަނަ ފަންގިފިލާގައި ހުރި ބައެއްގަ އެވެ

ކޮމިޝަން އުފެއްދިތާ އެއް އަހަރާއި ހަތަރު މަސް ފަހުން ކޮމިޝަނުގެ ނަން ބޯޑް ހަރުކުރި ނަމަވެސް އެ އޮފީހުން ހިދުމަތެއް ނުދެ އެވެ. ޖަޒީރާގެ ނޫސްވެރިން މިއަދު މެންދުރު އެ ތަނަށް ދިޔައިރު ކޮމިޝަނުގެ ނަން ބޯޑު ހަރުކޮށްފައިވާ ތަން ހުރީ ތަޅުލާފަ އެވެ

އެ ކޮމިޝަނުގެ ނަން ބޯޑް ޖަހާފައިވާ ފަންގިފިލާގައި ހުންނަ އެހެން އޮފީހެއްގައި މަސައްކަތްކުރާ ބޭފުޅަކު ވިދާޅުވީ އެ ނަން ބޯޑް ހަރުކުރީ މީގެ ދެތިން ދުވަސްކުރިން ކަމަށާއި ނަން ބޯޑް ހަރުކުރި ނަމަވެސް ގިނަ ވަގުތު ހުންނަނީ ތަޅުލާފައިކަން ފާހަގަކުރެވޭ ކަމަށެވެ

ކޮމިޝަން އުފެއްދިނަމަވެސް ސިޓީއެއް ފޮނުވާނެ އެޑްރެހެއް ހިސާބު ވެސް އާންމުންނަކަށް ނޭނގެ އެވެ. އެއީ އެ ކޮމިޝަނުގެ އޮފީސް ހުންނަ ތަނެއް އިއުލާނުކޮށްފައި ނުވާއިރު ނަން ބޯޑެއްހާ ހިސާބު ވެސް ފެންނަ ނުހުންނާތީ ކަމަށް ވެއެވެ

ކޮމިޝަނަށް ރައީސް އައްޔަނުކުރައްވާފައިވަނީ މ. އެމޭޒަން ޑރ. އާއިޝަތު ޝެހެނާޒު އާދަމާއި ގ. ފިތުރޯނުވިލާ އަހުމަދު ނަޖާހާއި މއ. މާފުނަ މުހަންމަދު އިސްމާއީލުފުޅާއި މ. ބަގީޗާގޭ އާމިނަތު ހުސައިން ދީދީ އާއި ހއ. ދިއްދޫ އިކުލީލުގޭ އަހުމަދު ޝަފީގާއި ގ. ގޮފި އަހުމަދު އިއްޒަތު ސިދުގީ އާއި ސ. މީދޫ ޝަބްނަމްވިލާ ޝަބާބު ރަޝީދު އެވެ. އެ ބޭފުޅުންގެ ތެރޭގައި ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އެކި މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ

ގިނަ ދުވަސްތަކަކަށް ފަހު ކޮމިޝަނުގެ ވެރިއަކު ނެތުމަށް ފަހު މިހާރު ވަނީ ކޮމޝަނުގެ ރައީސް ކަމަށް ބޭފުޅަކު އިސްކުރައްވާފަ އެވެ. ރައީސް ކަމަށް އިސްކުރެއްވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ޑިޕިއުޓީ ޑިރެކްޓަރ އަހުމަދު ޝަފީގެވެ. އޭނާއަކީ ޕޯސްޓް ލިމިޓެޑް ހިންގެވުމާ ހަވާލުވެ ހުންނެވި ބޭފުޅާ އެވެ

No comments: