މާރާމާރީތައް ނުހުއްޓުވެނީ އެކަން ކުރާ ގްރޫޕްތަކުގެ ބޭނުން ސަރުކާރުން ހިފާތީ: މ.އަތޮޅު މެމްބަރު
މާލޭގައި ގްރޫޕް ހަދައިގެން ހިންގާ މާރާމާރީތައް ނުހުއްޓުވެނީ އެކަން ކުރާ ގްރޫޕްތަކުގެ ބޭނުން ދިވެހި ސަރުކާރުން ހިފަމުން އަންނާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މ އަތޮޅު މެންބަރ އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ
މިމަހުގެ ދެވަނަ ދުވަހުގެރޭ މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން މާލޭ މެންބަރު އިބްރާހީމް އިސްމާއީލް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިފަދަ މާރާމާރީތައް ތަކުރާރުކޮށް ހިންގަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެކަމަށާއި މިއީ ސިލްސިލާކަމެއް ކަމަށެވެ
”މިކަން ނުހުއްޓި ކުރިއަށްދަނީ ކީއްވެ؟މިކަން ކުރާ މީހުންނާއި އަޑީގައި ތިބި މީހުން އެނގޭނެ“ ނާޒިމް ވިދާޅުވިއެވެ
ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އަހުމަދު ނާޒިމް ވިދާޅުވީ ގަދަބާރުން ރާއްޖޭގައި ކަންތައް ކުރާ މީހުން އެބަތިބިކަމަށާއި އެމީހުންގެ ކަންތައްތައް ސަރުކާރުން ދެކެނީ ކަނުލޮލަކުން ކަމަށެވެ. ސަބަބަކީ އެފަދަ ގްރޫޕްތަކުގެ ބޭނުން ބައެއް ދަނޑިވަޅުތަކުގައި ސަރުކާރުން ހިފާތީކަމަށް ނާޒިމް ވިދާޅުވި އެވެ
” އެއީ މިކަން ނުހުއްޓުވޭ ކަމަކީ. ފިޔަވަޅު ނޭޅެނީ“ ދިވެހިރައްޔިތުންގެ ޕާޓީގައިވެސް ވަރަށް އިސްކޮސް ހަރަކާތްތެރިވެ މިހާރު އެޕާޓީން ވަކިވެވަޑައިގެންފައިވާ ނާޒިމް ވިދާޅުވި އެވެ
މިކުއްލި މައްސަލައިގައި ބަހުސްގައި ބައިވެރިވި އެހެން މެންބަރުންގެ ތެރެއިން ތ އަތޮޅު މެންބަރ މުހައްމަދު ޝަރީފް ވިދާޅުވީ ސަލާމަތީ ބާރުތަކުން ކުރިއަށްވުރެ ހަރުދަނާގޮތެއްގައި ފިޔަވަޅު އަޅަން ވެއްޖެ ކަމަށާއި އެންމެ ހޯމް މިނިސްޓަރަކަށް ނުވަންޏާ 5 މިނިސްޓަރުން ލައިގެންވެސް މަގުމަތީގެ އަމާންކަން ގެންނަންވެއްޖެ ކަމަށެވެ
ދ އަތޮޅު މެންބަރ އަހުމަދު ނާޝިދު ވިދާޅުވީ ތޫނު އެއްޗިއްސާއި ކަނޑިފަދަ ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅުނަސް ހައްޔަރު ނުކުރާ ކަމަށާއި ސިޔާސީކަމެއްގައި މީހަކު ހަމަ ނުކުންނައިރަށް ފޮޓޯނަގާ ހަދައިގެން ހައްޔަރު ކުރާ ކަމަށެވެ
ތ އަތޮޅު މެންބަރ ހަސަން އަފީފް ވިދާޅުވި އަމަން ބަލަހައްޓަން ހަވާލުވެފައި ތިބޭ މީހުން ތިބީ އެކަމަށް ނުކުޅެދިފައި ކަމަށާއި އަނިޔާވެރި ޢަމަލުތައް ހިންގާ މީހުން ސަރުކާރަކަށް ނުހުއްޓުވޭ ކަމަށެވެ
”ސަރުކާރަށް މިކަން ހައްލެއް ނުވާނެ. ހައްލުކުރާކަށް މަސައްކަތެއްވެސް ނުކުރެވޭ“ އަފީފް ވިދާޅުވިއެވެ
ރައީސުލްޖުމްހޫރިއްޔާގެ މެންބަރ އަދި ބަންޑާރަނައިބު ވިދާޅުވީ މިއީ މުޅިރާއްޖޭގައި އުޅޭ މައްސަލައެއް ކަމަށާއި ދީނީ ބައިބައިވުމުގެ ސަބަބުންވެސް އަދި އިޖްތިމާއީ ފޭރާން ދަށްވެގެންވެސް މިކަން ހިނގަމުން އަންނަ ކަމަށެވެ
ގއ އަތޮޅު މެންބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ މާލޭގައި އޮގަނައިޒްކޮށް ގޭންގު އެބަހިނގާ ކަމަށާއި ފުލުހުންނަށްވެސް އެކަން ރަނގަޅަށް އެނގޭ ކަމަށެވެ
ގދ މެމްބަރު އަބުދުﷲ ޖާބިރު ވިދާޅުވީ މިއީ މާލޭގައި އިމަޖެންސީ ހިންގަންވީ ވަގުތުކަމަށާއި ބައެއް އިންތިޚާބުތައް ކާމިޔާބު ކުރުމަށްވެސް ގޭންގުތައް ހަދާފައި އެބަހުރި ކަމަށެވެ
މިމައްސަލާގައި ހޯމް މިނިސްޓަރު ވިދާޅުވީ މާލޭގައި ހިންގާ ސިލްސިލާ މާރާމާރީގެ ޒިންމާ ބެލެނިވެރިންސް އުފުލަން ޖެހޭނެ ކަމަށެވެ
ދިވެހިރައްޔިތުންގެ ޕާޓީއަށްވެސް ނިސްބަތްވާ ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ މިކަން ހަމައެކަނި އަމަން ބަލަހައްޓާ މީހުންގެ ބޮލުގައި އަޅުވައިގެން ނިންމެން ނެތް ކަމަށެވެ
ވަރަށްފަހުން އެމަގާމާ ހަވާލުވެވަޑައިގެންނެވި ކަމާލުއްދީން ވިދާޅުވީ މާރާމާރީ ތައް ހިނގުމުގެ ޒިންމާ ބެލެނިވެރިންވެސް ނަގަން ޖެހޭނެ ކަމަށާއި ގެދޮރުގެ މައްސަލައާއި ވިޔަފާރިވެރިވެރިންގެ ޢަމަލުތަކާއި ސަރުކާރު އޮފީސްތަކުގެ ގުޅުން ކުޑަކަންވެސް މިއީ މިފަދަ މާރާމާރީތައް ހިންގުން ހުއްޓުވުމުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ކަމަށެވެ
ކަމާލުއްދީން ވިދާޅުވީ ޒުވާނާ މަރާލިމައްސަލަ ބަލަމުން ގެންދާކަމަށާއި ތުހުމަތު ކުރެވޭ އިތުރު ބަޔަކުވެސް އެބަތިބި ކަމަށެވެ
ކަމާލުއްދީން ވިދާޅުވީ ވަކިބަޔަކު އަޑީގައި ތިބެގެން ކުރާކަމެއް ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއްކަން ސާބިތުކުރެވޭނެ ހެތްކެއް ގަރީނާއެއް ނުލިބޭ ކަމަށާއި މަސްތުވާތަކެއްޗަކީ މިކަމާ ގުޅުންހުރި އެއްކަންތައް ކަމަށެވެ
މައްސަލަ ހުށަހަޅުއްވަމުން އިބުރާ ވިދާޅުވީ އަމަންއަމާންކަން ގެއްލި އަދްލު އިންސާފް ނެތިއްޖިއްޔާ ޖަންގަލީގެ އުސޫލު އައިސް ގަދަމީހާ ގަދަވެގެން ހިނގައިދާނެ ކަމަށެވެ
”ސަރުކާރުން މިކަން ހައްލުކުރާނޭގޮތް ހޯމް މިނިސްޓަރަށް ބުނެ ނުދެވިއްޖިއްޔާ އިސްތިއުފާ ދޭންވީ. އިސްތިއުފާ ދީފައި އެހެންބަޔަކާ ހަވާލުކުރަންވީ“ އިބުރާ ވިދާޅުވިއެވެ
މިމައްސަލައަށް ބަހުސްކުރެއްވުމަށް ފާސްވީ ވަޑައިގެން ތިއްބެވި 37 މެންބަރުންގެތެރެއިން 36 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ
No comments:
Post a Comment