Wednesday, December 5, 2007

އިންތިގާލީ ސަރުކާރު ހެދުމުގައި ޕާޓީއަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ގޮވާލައްވައިފި

ު

އާ ގާނޫނު އަސާސީ އަށް ވާސިލުވުމަށް ޓަކައި ސިޔާސީ ޕާޓީތައް ބައިވެރިވާ އިންތިގާލީ ސަރުކާރު ހެދުމުގައި ޕާޓީ އަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު (ފޮޓޯ)ގޮވާލައްވައިފި އެވެ

އިންތިގާލީ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން އިދިކޮޅު އެންމެ ބޮޑު ތިން ޕާޓީއާއި މަދަނީ ޖަމިއްޔާތަކުގެ ގުޅިފައިވާ އިއްތިހާދުން އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު ޖަޒީރާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ އިންތިގާލީ ސަރުކާރެއް ހަދަން ޖެހޭ ކަމާމެދު ހަމަ ވިސްނޭ އެއްވެސް ބަޔަކު ދެ ބަސްނުވާނެ ކަމަށާއި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވެސް އެ ފަދަ އުސޫލުތަކަށް ތާއިދުކުރާ ކަމަށެވެ

އޭނާ ވިދާޅުވީ އަންނަ އިންތިހާބުގައި ރައީސް ކަމަށް މައުމޫނު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައި ވުމާއެކު މައުމޫނު ރައީސް ކަމުގައި ހުންނަވާ ސަރުކާރަކުން އިންތިޚާބު ބާއްވާ ނަމަ އިންސާފުވެރި އަދި ހަމަހަމަ ފުރުސަތުތައް ހުރިހާ ކެނޑިޑޭޓުންނަށް ނުލިބޭނެ ކަމަށާއި އެ ފަދަ އިންތިޚާބެއް ގަބޫލު ނުކުރެވޭނެ ކަމަށެވެ

”މިހާރު ވެސް ބޭރުގެ ޖަމާއަތްތަކުން އެ އޮތީ ގޮވާލައިފައި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި ހަމަހަމަ ފުރުސަތު ލިބެން ޖެހޭނެކަމަށް. އަނެއްކާ އިންތިގާލީ ސަރުކާރެއް ގާއިމު މިކުރަނީ ރައީސް މައުމޫނުގެ ވެރިކަން ނިންމާލުމަކަށް ނޫން,“ ޑރ. ޝަހީދު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތުގައި މީގެ ކުރިން ވެސް އެ ފަދަ މައްސަލައެއް ކުރިމަތިވި ކަމަށާއި އެއީ 18 އަހަރުން މަތީގެ މީހުންނަށް އާންމު ވޯޓުލުމުގައި ބައިވެރިކުރުން ކަމަށެވެ

” އެ މައްސަލަ ވެސް އެންމެ ފަހުން ދިޔައީ ރައްޔިތުންގެ އެދުމާއެއްގޮތަށް. މިކަން ވެސް ވާނީ އެހެން. މި ދައްކަނީ ރައްޔިތުންގެ ތެރޭގައި ސުލަހަމަސްލަސްކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަމެއްގެ ވާހަކަ. ކިހިނެއްތޯ މައުމޫނު ރައީސް ކަމުގައި ހުންނަވައިގެން އެހެން ކެނޑިޑޭޓުންނާ އެއް އުސޫލަކުން ކަންކަން ކުރާނީ. ނުވާނެ. ގިނަ ތަފާތުކުރުން ހުންނާނެ. ހަމަހަމަ ފުރުސަތެއް ނުލިބޭނެ. އެކަމުގެ ސަބަބުން މަސްރަހު ގޯސްވެގެން ހިނގައިދާނެތީ އެކަން ވިޔަނުދިނުމަށް ފިޔަވަޅު އަޅަން ޖެހޭ,“ ބޭރުގެ ގައުމުތަކުގެ ތާއިދު ހޯއްދަވާފައިވާ ޝަހީދު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ޕާޓީތަކުގެ ތެރެއިން ރައީސް މައުމޫނުގެ ވެރިކަމުގެ ދަށުގައިވާ ޕާޓީން އެ ފަދަ ސަރުކާރަކަށް ދެކޮޅު ހެދުމަކީ ދެރަކަމެއް ކަމަށާއި އެ މީހުން ވެސް ރަނގަޅުގޮތް ވިސްނިގެން ބަދަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ

”އިންތިގާލީ ސަރުކާރެއްގެ މުހިންމުކަން ހާއްސަ މަޖިލީހުގެ މެމްބަރުންނަށް ވިސްނައިދިނުމުގެ މަސައްކަތްކުރާނެ. އާޚިރުގައި މިކަމަށް ގޮތެއް ނިންމާނީ ހާއްސަ މަޖިލީހުން. މެމްބަރުންނަށް މައުލޫމާތުދީ މުހިންމުކަން ބުނެދީ ހެދުމުން ތާއިދުކުރާނެ ކަމަށް ބެލެވެނީ,“ ސަރުކާރުގައި އުޅުއްވި އިރު ސަރުކާރު ދިފާއިކުރައްވާ ވާހަކަފުޅު ދައްކަވާފައިވާ ޝަހީދު ވިދާޅުވި އެވެ

އިންތިގާލީ ސަރުކާރެއް ހެދުމާ ބެހޭ ގޮތުން ގުޅިފައިވާ ޕާޓީތަކާއި ޖަމާއަތްތަކާއި ޖަމިއްޔާތައް ގުޅިގެން އިއްތިހާދެއް އެކުލަވާލައި މަސައްކަތްކުރަމުންދާކަމާއި އިންތިގާލީ ސަރުކާރެއް އެކުލަވާލުމުގެ މުހިންމުކަމާ ބެހޭ ގޮތުން ރައީސް މައުމޫނަށް ސިޓީއެއް ފޮނުވުމަށް ވެސް ވަނީ ނިންމާފަ އެވެ

ރައީސް ކަމާއި ވަޒީރުންގެ މަގާމު ގެއްލޭ ފަދަ ގޮތަކަށް ޕާޓީތައް އެކުލެވޭ އިންތިގާލީ ސަރުކާރެއް ގަބޫލުނުކުރާނެ ކަމަށް ލީގަލް ރިޕޯމް މިނިސްޓަރ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ

No comments: