ސަލްޓަންޕާކްގައި އެއްޗެއް ގޮއްވާލި މައްސަލަ: ދިފާއުގައި ވާހަކަދައްކަން ބޭނުން ނުވުމުން ބޮންގޮއްވާލި ތިންމީހުންގެ ޝަރީއަތުގެ އަޑު އެހުންތައް ނިންމާލައިފި
މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު މާލޭ ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި މީހުންގެ މައްޗަށް ދައުލަތުން ކުރައްވާ ދައުވާގެ ދިފާއުގައި ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބުނެ ތިންމީހުން ޝަރީއަތުގައި މާފަށް އެދެފި އެވެ
ދައުލަތުން ޓެރައިޒަމްގެ ދައުވާ ކުރާ ގއ. ކަނޑުހުޅުދޫ, ސާދުނާ މަންޒިލް, އަހުމަދު ނަސީރު, 20, ލ. ކަޅައިދޫ, ފިނިހިޔާގޭ މޫސާ އިނާޒް,, 22, އާއި ވ. ލަންދޫގޭ އާގެ, މުހައްމަދު ސޮބާހު ,19, ތެރެއިން މިއަދު ކޯޓަށް ހާޒިރުކުރި ނަޝީރާއި އިނާޒު ވަނީ ޝަރީއަތުގައި އިތުރަށް ދިފާއުގައިވާހަކަ ދައްކަން ބޭނުން ނުވާކަމަށް މިއަދު ބުނެ, ކުށަށް މާފަށް އެދިފަ އެވެ. ކުރިން ބޭއްވި ޝަރީއަތުގައި ސޮބާހު ވަނީ މާފަށް އެދި ވީހާވެސް އަވަހަކަށް ހުކުމްތަންފީޒު ކޮށްދިނުމަށް އެދިފަ އެވެ
ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން ނަސީރު ބުނީ އޭނާއަށް ކުރެވުނު އަމަލަށް ދެރަވެ, މާފަށް އެދޭ ކަމަށާ އަދި ތަހުގީގު ބަޔާނުގައި ވެސް ދޮގެއް ހެދިފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ
މިއަދު ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދައުލަތުގެ ވަކީލު ހުސެއިން ސަމީމް ވިދާޅުވީ ދައުލަތުން ވެސް އެދެނީ ދައުވާ ލިބޭ ފަރާތުން އެދޭގޮތަށް ވީހާވެސް އަވަހަކަށް މައްސަލަ ނިންމަވައިދެއްވުން ކަމަށެވެ
މިއަދު ޝަރީއަތުގެ މަޖިލީސް ނިންމާލަމުން ޖީނާއީ ކޯޓުގެ އިސްގާޒީ އަބުދުﷲ އަރީފް ވިދާޅުވީ ދައުވާލިބޭ ފަރާތުންވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެ, ދިފާއުގައި އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލަނީ ކަމަށެވެ. އަދި ދެން ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ މައްސަލަ ނިންމުމަށް ކަމަށެވެ
މި ތިންމީހުންގެ މައްޗަށް ދައުވާ ކުރާ ރާއްޖޭގައި ޓެރައިޒަމް މަނާ ކުރާ ގާނޫނުގެ 2 މާއްދާގެ (ހ) ގައި ބުނެފައި ވަނީ ”ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބައެއްގެ މެދުގައި ބިރުވެރިކަށް އުފެދޭ ގޮތަށް މީހަކު ނުވަތަ މީހަކު މެރުން ނުވަތަ އެފަދަ މަގުސަދެއްގައި ނުވަތަ ބަޔަކަށް ޖިސްމާނީގޮތުން ގެއްލުން ލިބޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން.“ މިހެން ނެވެ. މި މާއްދާގެ ދަށުން ދައުވާ ކުރާ (ރ) ބުނެފައި ވަނީ ” އެކިވަންތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ ހަތިޔާރަށް ހިމެނިދާނެ ތަކެތި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދަނެތި ރާއްޖެއަށް އެތެރެކުރުން ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން ނުވަތަ ގެން ގުޅުން ނުވަތަ ވިއްކުން ނުވަތަ އެކަކު އަނެކަކަށް ދީހެދުން ނުވަތަ ބެހެއްޓުން.“ މިހެން ނެވެ. އަދި މިމާއްދާގެ (ބ) ގައި ބުނެފައިވަނީ ”އެކިވަންތަރުގެ ބަޑި ނުވަތަ ފިސްތޯލަ ނުވަތަ ހަތިޔާރަށް ހިމެނިދާނެ ތަކެތި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ނުވަތަ އެނޫންވެސް އެއްޗެއް މީހުންގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން ލިބޭފަދަ ގޮތެއްގައި ބޭނުން ކުރުން ނުވަތަ ކުރަން އުޅުން.“ ކަމަށެވެ. މީގެ އިރުން ދައުވާކޮށްފައިވާ މިމާއްދާގެ (ކ) ގައި ބުނެފައިވަނީ ”ރައްޔިރުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުން ވިޔަސް ދިނުން.“ ކަމަށެވެ
ދިވެހިރާއްޖޭގައި ޓެރައިޒަމް މަނާކުރާ ގާނޫނުގެ އަދަބެއްގެ ގޮތުގައި އެގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ”މީހެއްގެ ފުރާނަށް ގެއްލުން ލިބިދީފާނެ ޓެރައިޒަމް ކުށެއް ކުރިމީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވި މީހެއްގެ އަދަބަކި ވެސް މިއެވެ. މިފަދަ ކުށަކަށް އެހީވެދިން މީހާއާއި މިފަދަ ކުށެއްގެ މައުލޫމާތު ސިއްރުކުރި މީހާގެ އަދަބަކީ 3 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ
ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި 12 ޓޫރިސްޓަކަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. މައްސަލައިގައި 16 މީހުންގެ މައްޗަށް ދައުވާކުރައްވާފައިވާއިރު އޭގެ ތެރެއިން 10 މީހަކު ވަނީ ރާއްޖޭން ބެރަށް ގޮސްފިލާފަ އެވެ. އެމީހުން ހޯދުމަށްޓަކައި މިހާރު ވަނީ އިންޓަޕޯލުން ރެޑްނޯޓިސް ވެސް ނެރެފަ އެވެ
No comments:
Post a Comment