މާލޭގައި ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ
ރޭ އިރާކޮޅު މާލޭގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ
ރޭ 9:30 ހާއިރު ހިންގި މި މާރާމާރީގައި މަރުވެފައިވަނީ ހ. ކުބްރާ, އަލީ އިސްހާރު,21, އެވެ. ހެންވޭރު ކޮޅުގައި ހިންގި މިމާރާމާރީގައި މަރުވި މީހާއަށް ފަރުވާދިނުމަށް ގެންދެވުނީ އޭޑީކޭ ހޮސްޕިޓަލަށެވެ
އޭޑީކޭ ހޮސްޕިޓަލުން ބުނީ މީނާ މަރުވެފައިވަނީ ނޭވާ ލުމަށް އުދަނގޫވެގެން ކަމަށެވެ. އަދި މީނާގެ ކަނާތު ފައިގެ ފަލަމަސްގަނޑުގެ ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައިވާ ކަމަށްވެސް އޭޑީކޭއިން މައުލޫމާތު ދެއެވެ
” ކަނާތު ފައިގެ ފަލަމަސްގަނޑާއި ދިމާލުން ހަތަރު ތަނަކުން ބުރިވެގެން ގޮސްފައި ހުރިއިރު އެއްތަން ވަރަށް ފުން. އެތަނުން ފައިގެ މައިނާރު ހުރީ ބުރިވެފައި. އެހެންކަމުން ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ލޭ ވަރަށް މަދުވެފައި“ އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްއާލް ވިދާޅުވި އެވެ
އޭޑީކޭއިން ބުނީ ރޭ 9:30 ހާއިރު އިސްހާރު އެ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައި ކަމަށާއި އޭނާ ގެންދިޔަ އިރުވެސް ވަރަށް ގިނައިން ފައިން ލޭ ފައިބަމުން ދިޔަ ކަމަށެވެ. އަދި ނޭވާ ނުލެވިގެން ތެޅޭ ކަމަށްވެސް އެފަރާތުން ބުނެއެވެ
” އަވަސް ފަރުވާދޭ ކޮޓަރީގައި ނޭވާ ލެއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނިޔާވެފައިވަނީ“ އަފްއާލް ވިދާޅުވި އެވެ
މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ މިކަމާ ގުޅިގެން މާރާމާރީ ހިންގި ކަމަށް ޝައްކުކުރެވޭ 26 މީހަކު ހައްޔަރުކޮށް ބައެއް ހަތިޔާރުތައްވެސް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މި މީގެ ތެރެއިން 5 މީހަކީ 18 އަހަރު ނުފުރޭ ކުދިން ކަމަށް ފުލުހުން ބުނެެއެވެ
” ފުލުހުން ވަނީ މި މާރާމާރީ ތަކާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ 26 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި މާރާމާރީ ހިންގުމަށް ގެންގުޅުނު ބައެއް ތަކެތިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. މިގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކަތީގެ ތެރޭގައި ތޫނުކޮށްފައިވާ ކަނޑިއާއި ވަޅި އަދި ލަކުނޑި ފައްޗާއި ދަގަނޑު ހޮޅިބުރި ފަދަ ތަކެތި ހިމެނޭ“ ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްހާރު ގައިގައި ބަޔަކު ތަޅައިގަތީ އޭނާގެ ގޭ ދޮރުމަތިން ކަހަލަ ގޮތަކަށެވެ. އަދި އިސްހާރު ގައިގައި ތަޅައިގަތް އިރު އޭނާ ކައިރީގައި އިތުރު ޒުވާނަކުވެސް ހުރިކަމަށް ޖަޒީރާއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އިސްހާރުގެ ރައްޓެއްސަކު ބުނީ މީގެ 15 ވަރަކަށް ދުވަސް ކުރިން އޭނާ މަރާލާނެ ކަމުގެ އިންޒާރުތައް ދީފައިވާ ކަމަށާއި އެހެން ނަމަވެސް ފުލުހުން އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ
” މަގުމަތިން ފެނިއްޖެއްޔާ މަރާލާނަމޭ ބުނެ އިންޒާރުތަކެއް ލިބިފައިވަނީ. އެހެން ނަމަވެސް ފުލުހުންނަށް އެންގުމުން ވިދާޅުވީ އެކަން ބަލައިގެންފި ކަމަށް. އަދި ވަރަށް ފަހުން ދިމާވެގެންވެސް އިސްހާރު ބުނެފައިވޭ މަރާލާނެ ކަމުގެ އިންޒާރުތައް ދީފައިވާ ކަމަށް“ ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާގެ ރަށްޓެއްސަކު ޖަޒީރާއަށް ކިޔައިދިނެވެ
މަންޒަރު ދުށް މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނެފައިވަނީ އޭނާގެ ގައިގައި ވުޑް އެޕަލް (މަޝްހޫރު ރެސްޓޯރެންޓެއް) ކައިރިން ތަޅައިގަތް އިރު އެތަނުގައި ގިނައިން ތިބީ 18 އަހަރުން ދަށުގެ ކުދިން ކަމަށާއި އަދި ތަޅައިގަނެގެން ވަކި ހިސާބަކުން އެއީ ވަގެއް ކަމަށް ގޮވަން ފެށުމުން އެ ތަނަށް އައި އާންމުންވެސް އޭނާގެ ގައިގައި ތަޅާފައިވާ ކަމަށެވެ
” އަޅުގަނޑުވެސް ގޭގައި އޮއްވާ ހަބަރު ލިބިގެން އެތަނަށް ދިޔައިރު އިސްހާރު ޕިކަޕަށް ލައިގެން ގެންދަނީ. އެއިރު އޭނަ ފެނިފައި އެނގިއްޖެ ލޭ ހުސްވެ ނޫފައިވެފައިވާކަން. އެއިރު ކުޑަކޮށް ތެޅޭ“ އިސްހާރުގެ ގާތް އެކުވެރިޔާ ބުންޏެވެ
އިސްހާރަކީ އެއާއިލާގެ ދެވަނަ ކުއްޖާއެވެ. އިސްހާރުގެ އާއިލާގައި އިސްހާރުގެ އިތުރަށް އޭނާގެ ފިރިހެން ކޮއްކޮއަކާއި ދައްތައެއްގެ އިތުރަށް އަންހެން ކޮއްކޮއަކުވެސް އެބަހުއްޓެވެ. އަދި ލ.އަތޮޅުގައިވެސް އިސްހާރުގެ ބައްޕަގެ ތިން ކުއްޖަކު އުޅެމުން ދެއެވެ
ޖަޒީރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމާރާމާރީ އަކީ މީގެ ދުވަސްތަކެއް ކުރިން މާލޭގައި ހިންގި ސިލްސިލާ މާރާމާރީއާ ގުޅުން ހުރި ކަމެކެވެ. އަދި ރޭ ހިންގި މާރާމާރީއާ ގުޅިގެން ބަޔަކު ވަނީ ފުލުހުންގެ ބަހަކަށް ހަމަލާދީ އޭގެ ބިއްލޫރިތައް ތަޅާލާފަ އެވެ. އަދި ކާޓައިން ކަލެކްޝަން (ހެންވޭރު ފިހާރައެއް) ގެ ބިއްލޫރި ގަނޑުވެސް ބަޔަކު ވަނީ ތާޅާލާފައެވެ. މިތަނަކީ އާންމުކޮށް މާލޭގައި ހިނގާ ކޮންމެ މާރާމާރީއެއްގައި ގެއްލުން ލިބެމުން އަންނަ ތަނެކެވެ
No comments:
Post a Comment