Tuesday, January 15, 2008

135 ރުފިޔާ އަށް ވިއްކި ގޭސް ފުޅިއެއްގެ އަގު ދެ ކުންފުނި ގުޅިގެން 185 ރުފިޔާ އަށް ބޮޑުކޮށްފި


ރާއްޖެއަށް ކައްކާގޭސް އެތެރެކޮށް ވިއްކާ ދެ ކުންފުނި ގުޅިގެން ކުރިން 135 ރުފިޔާ އަށް ވިއްކި ގޭސް ފުޅިއެއްގެ އަގު 185 ރުފިޔާ އަށް ބޮޑުކޮށްފި އެވެ

ރާއްޖޭގައި ދެވަނައަށް ގޭސް އެތެރެކޮށް ވިންކަން ފަށާފައިވާ ވިލާ ގޭހުން ބުނީ މިއަދުން ފެށިގެން އެތަނުން ވިއްކާ ގޭހުގެ އަގު ކިލޯއަކުން 5 ރުފިޔާ ބޮޑުކޮށްފައިވާ ކަމަށެވެ. އެއީ ކިލޯއަކުން 37 އިންސައްތައިގެ ބޮޑުކުރުމެކެވެ

ކުރިން ވިލާ ގޭހުން ގޭސް ކިލޯއެއް ވިއްކާފައިވަނީ 13.5 ރުފިޔާ އަށެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން ގޭސް ބޮޑުކުރެވިފައި ވަނީ 18.5 ރުފިޔާ އަށެވެ

” ކުރިން 135ރ އަށް ލިބުނު ދިހަ ކިލޯގެ ގޭސްފުޅި މިހާރު ލިބޭނީ 185ރ އަށް.“ ވިލާ ގޭހުގެ މެނޭޖަރ މުހައްމަދު ރަޝީދު ވިދާޅުވި އެވެ

އެކުންފުނިން ބުނީ ގޭހުގެ އަގު ބޮޑުކުރީ ގޭހުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލިފައި ވާތީ ކަމަށެވެ

މޯލްޑިވް ގޭހުންވެސް ވަނީ ގޭހުގެ އަގު ބޮޑު ކޮށްފަ އެވެ. އެގޮތުން އެތަނުން ވިއްކާ ގޭހުންވެސް ކިލޯއަކުން 5ރުފިޔާ ބޮޑުކޮށް, މިއަދުން ފެށިގެން ގޭސް ކިލޯއެއް ވިއްކަމުން ދަނީ 18.5ރ އަށެވެ

މޯލްޑިވް ގޭސްއިން ބުނީ ގޭހުގެ އަގު ބޮޑުކުރެވުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދިއުމާއި ގޭސް ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހަރަދުތައްވެސް އިތުރުވުމާ ގުޅިގެން ކަމަށެވެ

” ގޭހުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން. ގޭސް މިއުފައްދަނީ ތެލުން. އަދި ރާއްޖެއަށް ގޭސް އެތެރެކުރުމަށް ކުރަންޖެހޭ ހަރަދުވެސް ބޮޑުވުމާ ގުޅިގެން“ މޯލްޑިވްސް ގޭސް ހިންގުމާ ހަވާލުވެ ހުންނެވި ހުސެން ޒާހިރު ވިދާޅުވި އެވެ. 2006 ވަނަ އަހަރުގެ ފެބުރުއަރީ 14 ވަނަ ދުވަހުވެސް މޯލްޑިވް ގޭހުން ވަނީ ގޭހުގެ އަގު ލީޓަރަކުން 2 ރުފިޔާ ބޮޑު ކޮށްފަ އެވެ. އެހެން ނަމަވެސް ގޭސްވިއްކާ ދެވަނަ ކުންފުނި ވިލާގޭހުން, ގޭހުގެ އަގު ބާޒާރުގައި ބޮޑު ނުކޮށް ހިފެހެއްޓުމާ ގުޅިގެން މޯލްޑިވް ގޭސް ގަންނަ މީހުން މަދުވެގެން އެ އަހަރުގެ މާރޗް މަހުގައި މޯލްޑިވް ގޭސްގެ އަގު އަލުން ދަށްކުރި އެވެ. 2006 ވަނަ އަހަރުގެ މާރޗް މަހުގައި ގޭހުގެ އަގުދަށް ކުރަމުން މޯލްޑިވް ގޭހުން ބުނެފައިވަނީ ގޭހުގެ އަގު ދަށްކުރީ ގޭސް ވިއްކާ ދެވަނަ ކުންފުނިން ދަށް އަގުގައި ގޭސް ވިއްކަމުންދާތީ ކަސްޓަމަރުންގެ ޝަކުވާ އިތުރުވަމުންދާތީ ކަމަށެވެ

”މި ކުންފުނިން އަގު ބޮޑުކުރުމުން ދެވަނަ ކުންފުނިން އަގަކަށް އެއްވެސް ބަދަލެއް ނުގެނޭ. އެކަމުގެ ސަބަބުން ތަފާތު އަގެއްގައި ވިއްކުމަކީ ވަރަށް އުނދަގޫ ކަމެއް, އެހެންވެގެން ކަސްޓަމަރުންގެ އެދުމުގެ މަތިން ކުރީގެ އަގަށް ދަށްކުރީ.“ މޯލްޑިވް ގޭހުގެ އަގު ދަށްކުރަމުން މޯލްޑިވް ގޭހުގެ އޮފިޝަލަކު މާރޗް 2006ގައި ވިދާޅުވެފައި ވެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިފަހަރު ގޭހުގެ އަގު ބޮޑުކޮށްފައިވަނީ ދެކުންފުނި ގުޅިގެން ނެވެ

No comments: