ސަލްޓަންޕާކުގައި ބޮން ގޮއްވާލި ހާދިސާ: ސިމްގެ ވެރިފަރާތްތަކުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށްފި
މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު މާލޭ ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާގައި ބައިވެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެމީހުންގެ މައްޗަށް ޓެރައިޒަމްގެ ކުށްސާބިތު ނުވާކަމަށް މިއަދު ކޯޓުން ހުކުމްކޮށްފި އެވެ
މިއަދު މެންދުރު ޖިނާއީ ކޯޓުގައި ހުކުމް ކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީސް ފައްޓަވަމުން ގާޒީ ވިދާޅުވީ މިދައުވާއަކީ ދައުލަތުން ދ. ރިބިދޫ, ކުންނާރުގޭ މޫސާ ފަޒީލު ,28, ސ. ހިތަދޫ ހަރުދަލާގޭ މުހައްމަދު ހުސެއިން ,23,މައްޗަށް ދައުލަތުން ކުރައްވާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ހުކުމު ކުރުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުން ކަމަށެވެ
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ ދައުލަތުން މިދެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވީނަމަވެސް ސާބިތުކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ބޮން ގޮއްވާލުގައި ބޭނުން ކުރި ފޯނަށް ލައްވާފައިވާ ސިމްގެ ވެރިފަރާތަކީ ފަޒީލު ކަމަށެވެ. އަދި މިބަޔާނުގައި ބޮންގޮއްވާލި މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި މީހެއް ބޭނުން ކުރި ސިމް ކާޑަކީ މުހައްމަދު ހުސެއިންއަށް ރަޖިސްޓްރީކޮށްފައިވާ ސިމްއެއް ކަމަށާއި ބޮންގޮއްވާލުމަށް ގުޅާފައި ވަނީ އެސިމް ކާނޑުލައްވާފައިވާ ފޯނަކުން ކަމަށެވެ
އެ ދައުވާގައި ބުނާ ގޮތުގައި ފަޒީލު ސިމް ކާޑް ނަގައިދީފައި ވަނީ ބޮމުގެ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތަށެވެ. އެ މީހާ ފަޒީލު ގާތުގައި ބުނި ކަމަށް ވަނީ އެހެން މީހެއްގެ ނަމުގައި ސިމް ކާޑެއް ނަގައިދިނުމަށާއި ސިމް ނަގަން ބޭނުން ވަނީ ތުނބުޅި މަތިމަސް ނެތް މީހެއްގެ ނަމުގައި ކަމަށާއި އަދި އެމީހާ އެގޮތަށް ފަޒީލު ގާތުގައި ބުނުމުން އެކަމުގައި ނުބައި މަގުސަދެއް އޮތް ކަމަށް ވިސްނުނުކަމަށް ފަޒީލު ބުނާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ. ދައުވާގައިވާ ގޮތުގައި ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަކީ ފަޒީލު ދަންނަ ރައްޓެހިންނެވެ
ދައުވާގައި ބުނެފައި ވަނީ މުހައްމަދު ހުސައިނަކީ ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ދެ މީހަކު ފޯނުން މުއާމާލާތްކުރުމަށް ބޭނުންކުރި ސިމް ކާޑްގެ ވެރިފަރާތް ކަމަށެވެ. އެ ސިމަކީ މުހައްމަދު ހުސައިން އޭނާގެ ބޭބެއަކަށް ދީފައިވާ ސިމެއް ކަމަށް އޭނާ ބުނިކަމުގައި ވިޔަސް އެ ބޭބެ އެއީ ކާކުކަން މުހައްމަދު ހުސައިނަށް ބުނެދެވިފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ
ދައުލަތު މިދެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ރާއްޖޭގައި ޓެރައިޒަމް މަނާކުރާ ގާނޫނުގެ 3 ވަނަ މާއްދާ އާ ހަވާލާދީ 2 މާއްދާގެ ހ. އިތުރުން ރ.ބ.ކ ގެ ދަށުން ކުރާ ދައުވާއެއް ކަމަށެވެ
ދިވެހިރާއްޖޭގައި ޓެރައިޒަމް މަނާކުރާ ގާނޫނުގެ އަދަބެއްގެ ގޮތުގައި އެގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީހެއްގެ ”ފުރާނަށް ގެއްލުން ލިބިދީފާނެ ޓެރައިޒަމް ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވި މީހެއްގެ އަދަބަކީ ވެސް މިއެވެ. މިފަދަ ކުށަކަށް އެހީވެދިން މީހާއާއި މިފަދަ ކުށެއްގެ މައުލޫމާތު ސިއްރުކުރި މީހާގެ އަދަބަކީ 3 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ
ސެޕްޓެމްބަރ 29 ވަނަ ދުވަހު ސަލްޓަންޕާކުގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި 12 ޓޫރިސްޓަކަށް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. މައްސަލައިގައި 16 މީހުންގެ މައްޗަށް ދައުވާކުރައްވާފައިވާއިރު އޭގެ ތެރެއިން 10 މީހަކު ވަނީ ރާއްޖޭން ބެރަށް ގޮސްފިލާފަ އެވެ. އެމީހުން ހޯދުމަށްޓަކައި މިހާރު ވަނީ އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރެފަ އެވެ
No comments:
Post a Comment