އަމީނީގޭގައި އަޅާ 15 ބުރީގެ ހޮޓާ: ޑީޕް ޕައިލްކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދައެއް ނުދެވޭނެ: އެންވަޔަރަންމަންޓް މިނިސްޓަރު
އަމީނީގޭގައި ހަދާ 15 ބުރީގެ ހޮޓާ ހެދުމުގެ މަސައްކަތް ހުއްޓުވައިފި އެވެ. އެ މަސައްކަތް ހުއްޓުވުމަށްފަހު އެންވައިރަންމަންޓް މިނިސްޓްރީން ބުނީ ޑީޕް ޕައިލް ކުރުމުގައި ދަނގަޑުތައް ތަޅައި ވެއްދުމަށް އިތުރަށް ހުއްދަ ނުދެވޭނެ ކަމަށެވެ
ހޮލިޑޭއިންގެ އެއް ހިއްސާދާރު އަބުދުއް ސައްތާރު އަލީ ވިދާޅުވީ އެ ހޮޓާ އެޅުމުގެ މަސައްކަތް ހުއްޓުމަށް ބުރާސްފަތިދުވަހު އެންގުމާ ގުޅިގެން އެކަން ހުއްޓާލާފައިވާ ކަމަށެވެ
އެ ހޮޓަ ހެދުމުގެ މަސައްކަތް ހުއްޓާލާފައިވާއިރު ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ އެމަސައްކަތް އަލުން ކުރިއަށް ގެންދެވޭނީ އެ ނޫން އެހެން ގޮތަކަށް ކަމަށެވެ
” ހެމަރ ކޮށްގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ހުއްދައެއް ނުދެވޭނެ. އެހެން ނަމަވެސް ޑްރިލްކޮށްގެން (ތޮރުފައިގެން) ނުވަތަ އެނޫންވެސް އެހެން ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދެވިދާނެ“ ތިމާވެއްޓަ ބެހޭ މިނިސްޓަރ އަހުމަދު އަބުދުﷲ ވިދާޅުވި އެވެ
އެންވައިރަންމަންޓް މިނިސްޓަރ ވިދާޅުވީ ތަނޅައިގެން ދަގަނޑުތައް ވެއްދުމުން ގެއްލުމެއް ނުލިބޭ ކަމަށް ބަޔަކު ބުނަމުން ދިޔަޔަސް އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ
”އަޅުގަނޑުމެންނެއް ނޫން ހުރިހާ ކަމެއް ނިންމަނީކީ. އެހެން ނަމަވެސް މިނިސްޓްރީއަކަށް އެތަނަށް ގެއްލުމެއް ނުވެއޭ ބުނުމުން ގަބޫލެއް ނުކުރެވޭ. މި މިނިސްޓްރީގައި ވެސް ސިވިލް އިންޖީނިއަރުން އެބަތިއްބެވި. އެ ބޭފުޅުންގެ މަޝްވަރާއާއެކު އަޅުގަނޑުމެންގެ ނިންމުންތައް ނިންމަނީ,“ މިނިސްޓަރު ވިދާޅުވި އެވެ
ތިމާވެއްޓާ ބެހޭ މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަސްގަނޑަކީ ބަލިކަށި ފަސްގަނޑަކަށް ވެފައި ރާއްޖޭގައި 15 ބުރީގެ އިމާރާތްތަކެއް ކުރުމަކީވެސް އެކަމާމެދު ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ
” މިހާރުވެސް އަޅުގަނޑުމެން މިވަނީ 10 ބުރިއަށް ވުރެ މައްޗަށް އިމާރާތްތަކެއް ނަނގާފައި. އެކަމަކު އެކަމަކީ މި ބިންގަނޑަށް ބަލާއިރު އެހާ ރައްކާތެރިކަމެއްވެސް ނޫން“ މިނިސްޓަރު ވިދާޅުވި އެވެ
ހޮލިޑޭއިން ބުނީ އެތަނުގައި މަސައްކަތް ކުރުމަށް އެންވައިރަންމަންޓް މިނިސްޓްރީގެ އިތުރު ހުއްދައަކަށް ބޭނުން ނުވާ ކަމަށެވެ
” އަޅުގަނޑުމެންނަށް ހުއްދަ ދެއްވާފައިވަނީ މިނިސްޓަރ އަމިއްލައަށް ސޮއިކޮށް. އޭގައިވޭ މަސައްކަތް ހުއްޓުވޭނެ ގޮތްތައްވެސް. އެހެންނަމަވެސް އެފަދަ ކަމެއް އަދި މެދުވެރިވެފައެއް ނުވޭ. އެހެންކަމުން މިކަމަށް އެންވައިރަންމަންޓް މިނިސްޓްރީން އިތުރުހުއްދައެއް ނަގާކަށް ނުޖެހޭނެހެން ހީވަނީ“ ހޮލިޑޭއިންގެ އެއް ހިއްސާދާރު އަބުދުއް ސައްތާރު އަލީ ވިދާޅުވި އެވެ
އެހެން ނަމަވެސް އެންވައިރަންމަންޓް މިނިސްޓްރީން ބުނީ އެތަނުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވާނީ އެ މަސައްކަތުގެ ސަބަބުން ގެއްލުންވާނަމަ އެކަން ހުއްޓުވޭނެ ކަމަށް ޝަރުތުކޮށްފައި ކަމަށެވެ
No comments:
Post a Comment