ނަސޯރާ ދީން ފަތުރަން ބޭރުގެ ބަޔަކު ހިންގާ ޕްރޮގްރާމެއްގެ މައުލޫމާތު ދިނުމުން ސަރުކާރުން އެކަމާ އަޅާނުލާއޮތް ކަމަށް ޑރ.ހަސަން ވިދާޅުވެއްޖެ
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އާއްމު ބައްދަލުވުމެއްގައި ޑރ.ހަސަން ވިދާޅުވީ އިސްލާމީ ގައުމުތަކުގައި ނަސޯރާދީން ފަތުރަން 1996 ވަނައަހަރުގެ ”ޖޯޝުއާ ޕްރޮޖެކްޓެއްގެ“ ފެށިކަމަށާއި އޭގެދަށުން ދިވެހިރައްޖެ ވަކިން ޚާއްސަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ
”ދިވެހިރާއްޖޭގައި ނަސޯރާދީން ފަތުރަން ވެރިރަށް މާލޭގައި ފައްޅިއެއް އަޅަން. ދިވެހިބަހަށް ބައިބްލް ތަރުޖަމާކުރަން. އަދި އެނޫންވެސް ގިނަގުނަ ނަސޯރާ ދީނުގެ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކޮށް ދިވެހިބަހުން ތަފާތު ގިނަ ޕްރޮގްރާމްތައް ގެނެސް ދިވެހިންގެ ގިނަބަޔަކު ކްރިސްޓިއަން ދީނަށް ވެއްދުން އެޕްރޮޖެކްޓިގެ މަޤްސަދުތަކުގެ ތެރޭގައި ވަރަށް ސާފުކޮށް ހިމެނިފައިވޭ“ ޑރ.ހަސަން ވިދާޅުވިއެވެ
ޑރ.ހަސަން ސައީދު ވިދާޅުވީ މިޕްރޮޖެކްޓް ދިރާސާކުރައްވާފައި އޭގެފުރިހަމަ ރިޕޯޓެއް ރައީސްމައުމޫނަށް އެރުވި ބޭފުޅަކު މިޖަލްސާގައި އެބައިންނެވިކަމަށާއި ނަމަވެސް އަދި އަދާހަމައަށްވެސް ރައީސްމައުމޫން އެކަމާ ބެހޭގޮތުން ފިޔަވަޅެއް އަޅުއްވާފައި ނުވާކަމަށެވެ
”ހަމައެކަނި އެޅި ފިޔަވަޅަކީ ސީޝެލްސްއިން ރާއްޖެއަށް ފޮނުވި ޕްރޮގްރާމް. ފީބާ ރޭޑިޔޯ މެދުވެރިކޮށް އެކަން ހުއްޓާލުން. އިތުރު އެއްވެސްކަމެއް ނުކުރައްވާ“ ޑރ ހަސަން ވިދާޅުވިއެވެ
ޑރ ހަސަން ވިދާޅުވީ ބައިބްލް ދިވެހިބަހަށް ތަރުޖަމާ ކުރެވި ތަފާތު އެކިއެކި ލިޔުން ދިވެހިބަހަށް ތަރުޖަމާކުރެވި އަވައްޓެރި ސްރީލަންކާ އިންޑިޔާގައި ވިއްކަމުން ގެންދާކަމަށެވެ
”އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ އަދިއަދަށްވެސް ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާއެއް ދިވެހިންނަކަށް ނުފެނޭ.“ ޑރ ހަސަން ވިދާޅުވި އެވެ
ޑރ ހަސަން ވިދާޅުވީ މިހާބޮޑު މަޝްރޫއެއް ރޭވި މަސައްކަތް ކުރަމުންދާއިރުގައި ދިވެހިންގެ އަޤީދާ ވަރުގަދަކުރަން ކުރެވުނު އެއްވެސްކަމެއް ނެތްކަމަށާއި ސްކޫލުތަކުގެ ސިލަބަސް ބަދަލުކުރާކަށް އެއްވެސްކަމެއް ނުކުރައްވާ ކަމަށާއި ސްކޫލުތަކުގެ ދީނީ މުދައްރިސުންގެ ފެންވަރު މަތިކުރާކަށް އެއްވެސްކަމެއްވެސް ކުރައްވާފައި ނުވާކަމަށެވެ. އަދި ޓީވީ ރެޑިއޯއިން ފޮނުވާ ދީނީ ޕްރޮގްރާމްތަކަށް ބަދަލެއް ނާންނަ ކަމަށާއި މިއަދުވެސް އިސްލާމީކަންތައްތަކާ ބެހޭ އެންމެ މަތީމަޖިލީސް ހިނގަނީ ކުރިންވެސް ހަމަ ހިނގާ އުސޫލުން ކަމަށެވެ
”މިއަދުވެސް ރާއްޖެތެރޭގައި އެކިޔާ ބައެއް ޚުތުބާ ތަކަކީ އިބްރާހީމް ނާސިރު ދައުރުގައި ހަދާފައިވާ އެއްޗެހި“ ޑރ ހަސަން ވިދާޅުވި އެވެ
ހަސަން ވިދާޅުވީ ކެންޕޭނުގައި ރައީސް މައުމޫނަށް ދެއްކޭނެ އެހެން ވާހަކައެއް ނޯންނާނެ ކަމަށާއި އެހެންކަމުން ރާއްޖެއަށް އެހެންދީންތައް ގެންނަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅު ލީޑަރުންގެ ބޮލުގައި އަޅުވާ މިޕްރޮޖެކްޓް ހާމަ ކުރާނެ ކަމަށެވެ
”2004ގައި ރައީސްގެ އަތްޕުޅަށް މިޕްރޮޖެކްޓް އަރުވާފައިވަނީ އެއްވެސް ފިޔަވަޅެއް ނާޅުއްވާ. ރިޔާސީ އިންތިހާބުގައި މިޕްރޮޖެކްޓް ނެރޭނެ ދިވެހިރައްޔިތުންނަށް ބިރުދައްކަން. ނެރެފަ ބުނާނެ. އިދިކޮޅު މީހުން އުޅެނި އެހެން ދީންތައް ގެންނަންށޭ މިމީހުންނަށް ވޯޓު ނުދޭށޭ“ ހަސަނު ވިދާޅުވިއެވެ
No comments:
Post a Comment