މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން ޖެހިޖެހިގެން ދެ ދައުރު ރައީސްކަން ކުރެއްވި ބޭފުޅަކަށް ރައީސް ކަމަށް ވާދަނުކުރެވޭ ގޮތަށް ފާސްކޮށްފި
މިހާރު އޮތް ގާނޫނު އަސާސީގެ ދަށުން ޖެހިޖެހިގެން ދެ ދައުރު ރައީސްކަން ކުރައްވާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލޭވޭގޮތަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފި އެވެ
މި ގޮތަށް ފާސްވީ ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ދެވަނަ މާއްދާއަށް ރައީސުލްޖުމްހޫރިއްޔާގެ މެންބަރު މުހައްމަދު ސަލީމު ހުށަހަޅުއްވައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މ އަތޮޅު މެންބަރު އަނީސާ އަހުމަދު ތާއިދުކުރެއްވި ހުށަހެޅުން މަޖިލީހުން ފާސްވުމާ ގުޅިގެންނެވެ
މިއިސްލާހު ފާސްކުރުމަށް 66 މެންބަރުން ވޯޓުދެއްވި އިރު ނުފެންނަނަކަމަށް 18 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ 12 މެންބަރުން ތިއްބެވި އެވެ
މިގޮތަށް ފާސްވުމާ ގުޅިގެން އަލަށް ގާނޫނު އަސާސީއެއް އެކުލަވާލަނީތޯ ނުވަތަ މިހާރުގެ ގާނޫނު އަސާސީ އިސްލާހު ކުރަނީތޯ ބައެއް މެންބަރުން ރިޔާސަތާ ސުވާލުކުރެއްވި އެވެ. މެންބަރުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީ އިސްލާހު ކުރަނީކަމަށެވެ
މިއަދުގެ މެންދުރު ފަހު ބޭއްވުނު ޖަލްސާގައި ރައީސުލްޖޫމްހޫރިއްޔާގެ ބާބުގެ އެއްވަނަ މާއްދާ, މެންބަރު ހުށަހެޅުވި އިސްލާހުތަކާއި އެކު ވަނީ ފާސްކޮށްފައެވެ
އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ގާނޫނު އަސާސީގެ ރައީސުލްޖުމްހޫރިއްޔާގެ ބާބަށް ހުށަހެޅިފައިވާ ގިނަ އިސްލާހުތަކަކީ ވަކި މީހަކަށް އަމާޒުކޮށްގެން ހުށަހެޅިފައިވާ އިސްލާހުތަކެއް ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބައެއް މެންބަރު ވަނީ މެންދުރު ކުރީގެ ޖަލްސާގައި ވިދާޅުވެފައެވެ
ރައީސުލް ޖުމްހޫރިއްޔާގެ ބާބަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ބަހުސް ކުރުމަށް ހުޅުވާލެވުނު ތިން ގަޑި އިރުގެ ފުރުސަތުގައި މި ބާބަށް ބަހުސްކުރުމަށް 45 މެންބަރުން ވަނީ އެދި ލައްވާފަ އެވެ. މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުގެ ވާހަކަފުޅުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ބާބަށް 95 އިސްލާހު މެންބަރުން ހުށަހަޅުއްވާފައިވާ އިރު, މީގެ ތެރޭއިން ހުށަހެޅިފައިވާ ގިނަ އިސްލާހުތަކަކީ ވަކި މީހަކު ވެރިކަމަށް ގެނެއުމަށް ހުށަހެޅިފައިވާ އިސްލާހުތަކެއް ކަމަށެވެ
No comments:
Post a Comment