Wednesday, January 16, 2008

ވަގުތީ ސަރުކާރެއް ގާއިމުކުރަން ގާނޫނު އަސާސީގައި ހިމެނުމަށް ހުށަހަޅައިފި

އަބްދުﷲ ފާއިގްު

ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 24 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވި މައްސަލަކުރިއަށް ގެންދަވައި ގޮތެއް ނިންމެވުމަށް, މެންބަރުން ހުށަހެޅުއްވި މައްސަލައިގެ ބަހުސް ފައްޓަވައިފި އެވެ

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ގަވައިދުގެ 14 ވަނަ މާއްދާގެ ދަށުން 24 މެމްބަރުން ސޮއިކުރައްވާ ހުށަހެޅުއްވި ހުށަހެޅުމުގައި ވަނީ އިންތިގާލީ ކަންތައްތަކެއް ހަމަޖައްސަން ޖެހޭކަމަށް އެ މެންބަރުން ނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި ބަހުސްކޮށް މަޖިލީހުން ގޮތެއް ނިންމެވުމަށްށެވެ

މިއަދުގެ ޖަލްސާގައި ބަހުސް ފެއްޓެވި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ ފައިވަނީ ތ އަތޮޅު މެމްބަރު ޑރ.ހުސެއިން ރަޝީދު ހަސަނެވެ. މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އިއްޔެގެ މެންދުރު ފަހުން ބޭއްވި ޖަލްސާގައި ޑރ.ހުސެއިން ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހެޅުމުގެ އެންމެ ބޮޑު މަގުސަދަކީ މިހާރު އިސްލާހު ކުރަމުން މިދާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމަށްޓަކައި ކުރިމަތިލާންޖެހޭ އިންތިގާލީ މަރުހަލާގައި ވަގުތީ ސަރުކާރެއް އުފެއްދުން ކަމަށެވެ. އަދި މިމައްސަލަ ހުށަހެޅުއްވުމަށްފަހު, ޑރ.ހުސެއިން ވަނީ މިމަރުހަލާގައި އެކުލަވާލަން ޖެހޭނީ ކީއްވެގެންކަން ވަރަށް ތަފްސީލުކޮށް މަޖުލީހަށް ހުށަހަޅުއްވާފަ އެވެ

މިއަދު މެންދުރު ކުރިން އޮތް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެންބަރުގެ ތެރޭގައި ހިމެނެނީ މިހާރު ބަހުސް ކުރަމުންދާ މައްސަލަ ހުށަހެޅުއްވި އިރު ސޮއި ކުރައްވާފައިވާ މެންބަރުންނެވެ. ބަހުސްގެ މަރުހަލާގައި ވާހަކަދައްކަމުން ބ އަތޮޅު މެންބަރުން އަލީ ފާއިޒު ވިދާޅުވީ އިންތިގާލީ ސަރުކާރެއްގައި ކުރަން މިޖެހެނީ ސަރުކާރުގެ މައްޗަށް ރައްޔިތުންނަށް އޮތް އިތުބާރު ގެއްލިފައިވާތީއާއި އަދުލުވެރި އިންސާފުވެރި އިންތިހާބެއް މިސަރުކާރުގެ ދަށުން ނުބޭއްވޭނެތީ ކަމަށެވެ

އިންތިގާލީ ބާބަށް ވާހަކަ ދައްކަމުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހއ އަތޮޅު މެންބަރު އަހުމަދު މުއިއްޒު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ވެސް އިންތިގާލީ ބާބެއް އެބައޮތް ކަމަށާއި އެއީ 50 ވަނަ މާއްދަކަމަށެވެ. އަދި މީގެ އިތުރުން އިންތިގާލީ ބާބުގެ މަސައްކަތް ކުރުމުގައި ފަންނީ މާހިރެއްގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ

ކިރިޔާ ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރުވެގެން ކުރިޔަށް ގެންދިޔަ މިއަދުގެ ޖަލްސާގައި ލ އަތޮޅު މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް ވެރިކަން ނިމުމަށް ކުރުމުއްދަތަކަށް ވެފައިވާ ސަރުކާރެއް ކަމަށެވެ. އަދި މިއަހަރުގެ ނޮމެވްބަރ މަހުގެ 12 ވަނަ ދުވަހަށް ފަހުގައި މައުމޫނު ވެރިކަން ކުރަން ޖެހޭނީ އެނާ ހައްޔަރުކުރުމަށް ފަހުގައިކަމަށް ރީކޯ ވިދާޅުވި އެވެ. ރީކޯ އެހެން ވިދާޅުވީ ހާއްސަ މަޖިލީހުން މިމަހުގެ 14 ވަނަ ދުވަހު ފާސްކުރެއްވި ފާސްކުރެއްވުމާ ގުޅިގެން އެއަށް އިޝާރާތް ކުރައްވަމުން ނެވެ

މީގެ އިތުރުން މިއަދުގެ މެންދުރު ކުރީގައި 10 މެންބަރުން ވާހަކަ ދައްކަވާ ފައިވާ އިރު ވާހަކަ ދެއްކެވި ގިނަ މެންބަރުވަނީ އިންތިގާލީ ސަރުކާރަކަށް ތާއިދު ކުރައްވާކަން ފާޅުކުރައްވާފަ އެވެ. އަދި އިންތިގާލީ ސަރުކާރެއް އުފެދުމަށް ފަހު އެންމެ ފުރަތަމަ އަތޮޅުތަކުގެ އިންތިހާބު ތައް ބޭއްވުމަށް ފެންނަކަމަށްވެސް ބައެއް މެންބަރުވަނީ ވިދާޅުވެ ފައެވެ

މިމައްސަލައިގެ ބަހުސްގެ މަރުހަލާއަށް ރިޔާސާތުން 6 ގަޑިއިރު ކަނޑައަޅުއްވާ ފައިވާ އިރު މެންބަރަކަށް ވާހަކަ ދެއްކުމަށް ދެއްވަނީ 10 މިނެޓުގެ ވަގުތުކޮޅެކެވެ. މިއަދުގެ ޖަލްސާގެ ހުސްވަގުތު ކޮޅާފަހު ޖަލްސާ ފެށިފައިވަނީ 10 މިނެޓު ފަހުން ކަމުން ރިޔާސާތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖަލްސާތަކަށް ހާޒިރުނުވާ މެންބަރުންގެ ނަންތައް ނޫސްވެރިންނަށް ދެއްވާނެކަމަށެވެ

މީގެ އިތުރުން އިއްޔެ މެންދުރު ފަހު ބޭއްވުނު ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާ ހުސްވަގުތު ކޮޅު ފަހު ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލް ކުރައްވާފައެވެ. އިއްޔެގެ ޖަލްސާގެ ހުސްވަގުތު ކޮޅޫ ފަހުން އޮތީ އިންތިގާލީ ބާބަށް ބަހުސް ކުރުމެވެ. ނަމަވެސް އިއްޔެގެ ޖަލްސާގެ ހުސްވަގުތު ކޮޅަށްފަހު ޖަލްސާއަށް ހާޒިރުވީ 49 މެމްބަރުންނެވެ. އެވަގުތު ޖަލްސާއަށް ވަޑައިނުގަންނަވައި ސައި ކޮޓަރީގައި ފަސްވަރަކަށް މެމްބަރުން ތިއްބެވި ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ. އެމެމްބަރުންގެ ތެރޭގައި އިބުރާހިމް އިސްމާއިލާއި ހުސްނުއްސުޢޫދު, މިނިސްޓަރ ނަޝީދު, އަނީސާ އަހުމަދު , ރާޝިދާ ޔޫސުފް އަދި އައްޑޫ މެމްބަރު އަސްލަމްވެސް ހިމެނިވަޑައިގަންނަވައެވެ. މިއަދު މެންދުރު ފަހުވެސް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ގެންދިޔުމަށް ވަނި ނިންމާފައެވެ

No comments: