Wednesday, January 16, 2008

މިނިސްޓަރެއްގެ ދަރަޖައިގައި އޮޑިޓަރ ޖެނެރަލްކަމުގެ މަގާމަށް އިބްރާހިމް ނަޢީމް އިސްކުރައްވައިފި

މިނިސްޓަރެއްގެ ދަރަޖާގައި އޮޑިޓަރ ޖެނެރަލް ކަމުގެ މަގާމަށް އިބްރާހިމް ނަޢީމް އިސްކުރައްވައި, ރައީސުލްޖުމްހޫރިއްޔާ, އެމަނިކުފާނަށް އެމަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ

އިބްރާހިމް ނަޢީމް, އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވީ, ޤަނޫނު އަސާސީގެ 124 ވަނަ މާއްދާއާއި, ޤާނޫނު ނަންބަރު 2007/4 ”އޮޑިޓް ޤާނޫނު“ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން, ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާ އެކުގައެވެ

އަލްފާޟިލް އިބްރާހިމް ނަޢީމް, އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގެ ހުވާކުރެއްވުމާއި, އެމަނިކުފާނަށް އެމަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ, މިއަދު މެންދުރު 1 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވާލައިދެއްވީ, ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހިމެވެ

އިބްރާހިމް ނަޢީމް, އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ހަމަޖައްސަވާފައިވަނީ, ކެބިނެޓް މިނިސްޓަރެއްގެ ދަރަޖައިގައެވެ. މިގޮތަށް ހަމަޖެއްސެވީ, ޤާނޫނު ނަންބަރު 2007/4 ”އޮޑިޓް“ ޤާނޫނު ގައި ކަނޑައެޅިފައިވާ ވާޖިބުތަކާއި މަސްއޫލިއްޔަތު ތަކާއި, އަދި އެ ޤާނޫނުން ދީފައިވާ ބާރުތަކާއި އިޚްތިޔާރުތައް ފުރިހަމައަށް އަދާކުރައްވަމުން ގެންދެވޭނީ, ކެބިނެޓް މިނިސްޓަރ ފެންވަރުގައި ހުންނަވައިގެން ކަމަށް, ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާތީ އެވެ

އިބްރާހިމް ނަޢީމް އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު, އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވި އެވެ. އަދި އެމަނިކުފާނަކީ މިމަޤާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށާއި, މިމަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަރަށް އިޚުލާސްތެރިކަމާއެކު އަދާކޮށްދެއްވަމުން ގެންދަވާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ

No comments: