Wednesday, January 16, 2008

ކަނު ބަނދެ, އަނގަޔަށް ފޮތިލައްވައިގެން މީހަކަށް އަނިޔާކުރި ހަތަރު ފުލުހަކު އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި


ވައްކަމުގެ ތުހުމަތުގައި އައްޑު އަތޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރި މީހެއް, ކަނުބަނދެ އަނގަޔަށް ފޮތިލައްވާ, އަނިޔާކުރި ހަތަރު ފުލުހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފި އެވެ

ޖިނާއީ ކޯޓުގެ ގާޒީ މުހައްމަދު މޫސާ މިއަދު އިއްވެވި ހުކުމުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މިމީހުން މިކަމަށް އިންކާރުކޮށްފައި ވީ ނަމަވެސް ހެކިވެރިންގެ ހެކި ބަހުންނާއި ޝަރީއަތުގައި މިމީހުން ވެފައިވާ އިއުތިރާފަށް ބަލައި މިކަން ސާބިތުވާތީ ހުކުމް ކުރީ ކަމަށެވެ

މިއަދު ޖިނާއީ ކޯޓުން ހުކުމުކޮށްފައި ވަނީ މިމައްސަލާގައި ހިމެނޭ 5 މީހުންގެ ތެރެއިން ހއ. ދިއްދޫ, އައިވީ, އަހުމަދު ފާއިޒާއި އައްޑު އަތޮޅު މަރަދޫ ފޭދޫ, މެރިންކޯނަރ ތޯއިފް ސައީދާއި ގދ. ތިނަދޫ, ލާރޓް އަލީ އަސްބާހު ނިޒާރާއި ހަމަ އެރަށު, މާތިލަ, ހަސަން ނަވާޒުގެ މައްޗަށެވެ. މިމައްސަލާގައި ހިމެނޭ ފަސް މީހުންގެ ތެރެއިން ހުކުމް ކޮށްފައިނުވާ ޏ. ފުވައްމުލަކު, އުނަކެޑަގޭ, މިސްބާހު އިބުރާހިމްގެ މައްޗަށް އެހެން ގަޒިއްޔާއެއްގެ ދަށުން ދައުވާ ކުރާނެ ކަމަށް މިއަދު ގާޒީ ވަނީ ވިދާޅުވެފަ އެވެ

މިމީހުންގެ މައްޗަށް ހުކުމްކޮށްފައިވަނީ މީހަކު މަރާލެވިދާނެ ފަދަ އެއްޗަކުން މާރާމާރީ ހިންގާފައިވާތީ ދިވެހި ރާއްޖޭގެ ހެއްކާބެހޭ ގާނޫނުގެ 6 ވަނަ މާއްދާއާ ހަވާލާދީ ގާނޫނު އުގޫބާތުގެ 127 ވަނަ މާއްދާގެ ދަށުން ނެވެ

މިހުކުމުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި 26 މެއި 2006 ވަނަ ދުވަހު އައްޑު އަތޮޅު ޕޮލިސް ސުޓޭޝަނަށް ގެނެވުނު މީހެއް ކަނުބަނދެ ގަޔާއި ފައި ދަށްފުށުގައި ރަބަރު ހޮޅި ބުރިއަކުން ތަޅާފައިވާ ކަމަށެވެ

މިބަޔާނުގައި އޭނާއަށް އަނިޔާކުރަތީ ހަޅޭ ލަވަން ފެށުމުން ފޮތިގަނޑެއް އަގަޔަށް ލައްވައި އަގަމަތީ ފޮތިގަނޑެއް ބަދެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ

މިމައްސަލަ ތަހުގީގުކޮށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ ވެސް ފުލުހުން ނެވެ

No comments: