Wednesday, January 2, 2008

ރިޔާސީގަނޑުވަރުގެ ބަޖެޓުގައި ސޯޝަލް ސެކިއުރިޓީގެ ގޮތުގައި 65 މިލިއަން ރުފިޔާ އޮތުމަކީ ތާއިދުކުރާކަމެއް: ފިނޭންސް މިނިސްޓަރ

ރިޔާސީގަނޑުވަރުގެ ބަޖެޓުގައި ސޯޝަލް ސެކިއުރިޓީ އަށް 65 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތުމަކީ ތާއިދުކުރާކަމެއް ކަމަށް ފިނޭންސް މިނިސްޓަރ ގާސިމް އިބްރާހީމް އިއްޔެ ވިދާޅުވެއްޖެ އެވެ

މި އަހަރަށް ފާސްކުރި ބަޖެޓާ ބެހޭ ގޮތުން ނޫސްވެރިނަށް މައުލޫމާތު ދިނުމަށް އޭނާގެ މިނިސްޓްރީގައި ބޭއްވިބައްދަލުވުމުގައި ގާސިމް ވިދާޅުވީ ރައްޔިތުންނަށް ފައިސާގެ އެހީއެއް ލިބޭގޮތަށް އެކި އިދާރާތަކުގައި ފައިސާ ހުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަށް ތާއިދުކުރާ ކަމަށެވެ

”އެ ބައެއްގެ ކަމެއް ރަނގަޅު އުސޫލަކުން ހަމަޖެހޭ ގޮތަކަށް އެކަންކަން ކުރުން. އަދި އެކަންކަން ޖެހޭނެ ރަނގަޅު އަދި ހަމަޖެހޭ އުސޫލުން ކުރަން. ރިޔާސީ ގަނޑުވަރުން ވެސް އެކަންކުރަންވާނީ އެގޮތަށް. އަދި ރަނގަޅަށް ނުކުރާ ނަމަ އެ ތަނުން ވެސް ޒިންމާ ނަގަންޖެހޭނެ,“ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވި އެވެ

ރިޔާސީގަނޑުވަރުގެ ބަޖެޓުގައި ހިމަނާފައިވާ ސޯޝަލް ސެކިއުރިޓީގެ ބަޖެޓް އުނިކޮށް ސޯޝަލް ސިކިއުރިޓީ މިނިސްޓްރީގެ ބަޖެޓަށް އިތުރުކުރުމަށް ކޮންމެ އަހަރެއްގެ ބަޖެޓް ޖަލްސާތަކުގައި މެމްބަރުން ގޮވަމުންދާއިރު އެކަމަށް އިޖާބަ ނުދެއްވަނީ ކީއްވެތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އޭނާ މަގާމާއި ހަވާލުވެ ވަޑައިގެންނެވި އިރު ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށްވާތީ އޭނާ ވެސް އެކަންކުރައްވަނީ ކަމަށެވެ

ނިކަމެތި ރައްޔިތުންނަށް އެހީވުމަށް ސޯޝަލް ސިކިއުރިޓީ މިނިސްޓްރީން ބަޖެޓްކޮށްފައިވާ ފައިސާއިން 439 މިލިއަން ރުފިޔާ އުނިކޮށް, ރިޔާސީގަނޑުވަރުގެ ބަޖެޓުން އުނިކޮށްފައިވާ އަދަދު ކުޑަކޮށްފައިވަނީ ކޮން އުސޫލަކުން ކޮން ހަމަތަކަކުންތޯ ދެންނެވި ސުވާލަށް ފިނޭންސް މިނިސްޓަރަށް ވަނީ ޖަވާބު ދެއްވަން އުނދަގޫފުޅުވެފަ އެވެ

އެހީ އަށް އެދޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު އެ ބަޖެޓުން ފައިސާ އުނިކުރި އުސޫލުން ރިޔާސީގަނޑުވަރުގެ ބެޖެޓުން ފައިސާ އުނިކޮށްފައިނުވަނީ ކީއްވެތޯ ވެސް އޭނާ އަށް ކުރި ސުވާލަށް ސިދާ ޖަވާބެއް ދިނުމަށް ފަސްޖެހިވަޑައިގެންފަ އެވެ

ގާސިމް ވިދާޅުވީ ގިނަ ދިމަދިމާލުން ރައްޔިތުންނަށް އެހީ ދިނުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ

No comments: