އަންނައަހަރަށް ކަނޑައެޅި ބަޖެޓް ފާސްވިޔަ ނުދޭން ބަޔަކު މަސައްކަތް ކުރިކަން ކަނޑައެޅިގެން އެންގެން އެބައޮތް: ފިނޭންސް މިނިސްޓަރ

އަންނަ އަހަރަށް ފާސްވެގެން ދިޔަ ބަޖެޓް ފާސްވިޔަ ނުދިނުމަށް ބަޔަކު މަސައްކަތް ކުރެއްވިކަން ކަނޑައެޅިގެން އެނގެން އެބައޮތްކަމަށް ރާއްޖެގެ މާލީ ވަޒީރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންނަށް މައުލޫމަތު ދިނުމުގެ ބައްދަލުވުމެއްގައި މިއަދު ނޫހުގެ ރިޕޯޓަރަކު, މިއަހަރުގެ ބަޖެޓް ޖަލްސާތަކުގައި ވާހަކަދެއްކެވި މެންބަރުންގެ 80 ޕަސެންޓް މީހުން ބަޖެޓްގައި ހުރި މައްސަލަތައް ހުރިކަމަށް ފާހަގަކުރެއްވުނު ނަމަވެސް ބަޖެޓް ވަނީ ފާސްކުރެވިފައި ކަމަށާއި ދެކެވޭ ވާހަކަތަކަށް ބަލާއިރު ބަޖެޓް ފާސްވީ ޤާސިމްގެ އަމިއްލަ މިލްކިއްޔާތުން ޚަރަދު ކުރައްވައިގެން ކަމަށް ދެކެވޭއިރު ހަޤީގަތަކީ ކޮބައިތޯ ދެންނެވުމުން ޤާސިމް ވިދާޅުވީ މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫން ކަމަށާއި އެދެއްކެވި ބޭފުޅެއް ކައިރީ ސާބިތާއެކު ވަޑައިގަންނަވާށޭ ދެންނެވުމުން ރަނގަޅުވާނެ ކަމަށެވެ
”އެސުވާލު ތިބޭފުޅާއާ ކުރިމަތިކުރެއްވި މީހެއް ކުރެން އަހައިގެން އޭނާގެ ސާބިތެއް ހޯދާލީމާ ރަނގަޅުވާނެ“ ޤާސިމް ވިދާޅުވިއެވެ
ނަމަވެސް އޭގެފަހުން ޤާސިމް އެހެން ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ބަޖެޓް ފާސް ކުރުމަށް ޤާސިމްގެ ޖީބުން ހަރަދު ކުރީއޭ ދައްކާ ވާހަކަ ޤާސިމް އަޑު އެއްސެވީ އޭގެ އަނެއްކޮޅަށް ކަމަށެވެ
” އަޅުގަނޑުމެން އަޑުއަހާފައި އޮތީ ބަޖެޓް ފާސްވިޔަ ނުދޭން ބަޔަކު ލާރިދީ އެކަންތައްތައް ކުރަމުން ގެންދާ ވާހަކަ.“ ޤާސިމް ވިދާޅުވިއެވެ
ޤާސިމް ވިދާޅުވީ ބަޖެޓް ފާސްވިޔަ ނުދޭން ބަޔަކު މަސައްކަތް ކުރެއްވިކަން ކަނޑައެޅިގެން އެނގެން އެބައޮތް ކަމަށެވެ
”ތަކުރާރުކޮށްފައި ދަންނަވާލާނަން. އެމަސައްކަތްތައް މިފަހަރު ކުރެވިގެން ދިޔަކަން ކަނޑައެޅިގެން އެބައެނގޭ. އެކަން އެނގިގެން ދަނީ ދުވަހަކުވެސް ބަޖެޓް ޖަލްސާގެ ކޯރަމް ނަގާލާ މިކަހަލަ ކަންތައްތަކެއް ކުރެވިގެން ގެންގޮހެއް ނެތް. ނަމަވެސް މިފަހަރު ކޯރަމް ނަގާލުމުގެ ކަންތައްތައް ކޮންޓިނިއުސްކޮށް ކުރިއަށް ދިޔަކަން އެނގިވަޑައިގަންނަވާނެ“ ޤާސިމް ވިދާޅުވިއެވެ
އެސުވާލާ ގުޅިގެން ޖަޒީރާއިން އިތުރަށް އެކަން ސާފުކުރަން ބޭނުންކަމަށް ދެންނެވުމުން ވިދާޅުވީ އިތުރަށް އެކަމަ ބެހޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ. އަދި ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް ޖަވާބެއް ނުދެއްވިއެވެ
”އަޅުގަނޑު ޖަވާބު އަރުވަން ބޭނުން އެއްޗަކަށް އަޅުގަނޑު ޖަވާބު އަރުވާނީ.“ ޤާސިމް ވިދާޅުވިއެވެ
ބަޖެޓް ޖަލްސާއެއް ފުރަތަމަ ބޭއްވީ ނިމިގެންދިޔަ ޑިސެމްބަރ މަހުގެ 5 ވީ ބުދަ ދުވަހު އެވެ. ހުސްވަގުތުކޮޅަށްފަހު އެދުވަހުގެ ޖަލްސާގެ ކޯރަމް (ޤާނޫނީ އަދަދު) ހަމަ ނުވެގެން ޖަލްސާ ފެށޭގޮތެއް ނުވިއެވެ
ދެވަނަ ޖަލްސާއެއް ބޭއްވީ އެމަހުގެ 11 ވީ އަންގާރަ ދުވަހުއެވެ. އެދުވަސްވެސް ޖެހުނީ ހަމަ އެހާލެވެ. އިންޓަވަލް ފަހުން ޖަލްސާ ފެށޭގޮތެއް ނުވިއެވެ
އެމަހުގެ 12 ވީ ބުދަ ދުވަހު ބޭއްވި ޖަލްސާއަކީ ބަހުސްކުރި ބަޖެޓް ޖަލްސާއެއް ގަޑި ޖެހެންދެން ކުރިއަށް ގެންދެވުނު ޖަލްސާ އެވެ
ޖެހިގެން އައި 13 ވީ ބުރާސްފަތި ދުވަހު ހާއްސަ ޖަލްސާއެއްގެ ގޮތުގައި ބޭއްވި ޖަލްސާވެސް ކުރިއަށް ގެންދެވުނީ އެގޮތް މިގޮތުން އިންޓަވަލާ ހަމައަށެވެ. އިންޓަވަލް ފަހުން ފެށޭނޭ ގޮތެއް ނުވިއެވެ
މިހުރިހާ ދުވަސްތަކެއްގައިވެސް ޖަލްސާގެ ކޯރަމް ގެއްލިފައިވަނީ ސަރުކާރާއި ސަރުކާރުގެ ބޮޑުން ނިސްބަތްވާ ޑީއާރުޕީގެ ގިނަ މެންބަރުން ހާޟިރުވެވަޑައި ނުގަތުމުންނެވެ
ބަޖެޓް ފާސްވުމުގެ ކުރީދުވަހު ބޭއްވި ޖަލްސާގެ ކޯރަމް މެންބަރުންތަކެއް ގަސްދުގައި ގެއްލުވާލީއެވެ
އެއީ ބަޖެޓަށް މެންބަރުން ހުށަހެޅި ހުށަހެޅުއްވުންތައް ފޭލްކޮށްލަން ޑީއާރުޕީން އުޅުއްވާ ކަމަށް ވިދާޅުވެ އެވެ
ދެކެވޭވާހަކަތަކަށް ބަލާއިރު ބަޖެޓް ފާސްކުރުމަށް ފައިސާ ބެހި ބަޔަކައި ބަޖެޓް ފާސްކުރިއަ ނުދޭން ފައިސާ ބެހި ބަޔަކު އުޅުނެވެ. އޭގެ އަސަރުވެސް ބައެއް މެންބަރުންނަށް ކުރިއެވެ. ނަމަވެސް މިވާހަކަތައް އޮތީ ސާބިތު ނުހިފޭ ”ހަމައެކަނި ދެކެވޭ“ ވާހަކަތަކެއްގެ ގޮތުގައެވެ
No comments:
Post a Comment