Thursday, January 3, 2008

އުތުރު އަރުމާޒު: އިންތިގާލީ ސަރުކާރެއް ގާއިމުކުރަން ތާއީދުކޮށް ޅ.އަތޮޅުން 3000ށް ވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފި


ޅ. އަތޮޅުން ހީކުރިވަރަށް ވުރެ ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި އެއްބައިވަންތަ ސަރުކާރަކަށް ތާއީދުކޮށް 3000 ވުރެ ގިނަމީހުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާ ކަމަށް ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުމުން ބުނެފި އެވެ

ރާއްޖޭގައި އުފެދިފައިވާ ހަތަރު ސިޔާސީ ޕާޓީއާ ނިއުމޯލްޑިވުސް މޫމަންޓުން ބައިވެރިވެގެން އުފައްދާ ފައިވާ ގައުމީ އެއްބައިވަންތަކުގެ ގުޅުމުން ވަގުތީ ސަރުކާރަކަށް ތާއީދު ހޯދުމަށް މިހާރު އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ މިދަތުރުގައި ޅ. އަތޮޅުގެ ކުރެންދޫގެ އިތުރުން ނައިފަރަށާއި ހިންނަވަރަށް ޒިޔާރަތް ކޮށްފައި ވެއެވެ

މިގުޅުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކު ޕާޓީ (އެމްޑީޕީ) ތަމުސީލު ކުރައްވާ އެޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު އަންނި ވިދާޅުވީ މިތިން ރަށަކީ ވެސް ކުރިންވެސް އެމްޑީޕީއަށް ތާއީދު އޮންނަ ތިން ރަށް ކަމަށާއި އެހެން ނަމަވެސް އިއްތިހާދަށް މާބޮޑު ތާއިދެއް ލިބިގެން ގޮސްފައިވާ ކަމަށެވެ

” އަޅުގަނޑުމެން އެމްޑީޕީން ކުރީގައިވެސް ހިންނަވަރުގެ 60 ހަކަށް ޕަސެންޓުގެ ތާއީދު އޮތް. މީގެ ކުރިން އަޅުގަނޑުމެން ހީކުރަނީ އަނެއް 40 ޕަސެންޓަކީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ކަމަށް. އެހެން ނަމަވެސް އިއްތިހާދުގެ ފަރާތުން މިރަށަށް ޒިޔާރަތް ކުރުމުން އެނގިގެން ހިގައްޖެ. އެ 40 ޕަސެންޓުގެ ވެސް ބައިތަކަށް ބެހިގެން ގޮސްފައިވާ ކަން.“ އަންނި ވިދާޅުވި އެވެ

އަންނި ވިދާޅުވީ ވަގުތީ ސަރުކާރެއް އުފެއްދުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދުމަށް ފުރިހަމަ ކުރަމުންދާ ޕެޓިސަނަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށާއި އެގޮތުން ޅ. އަތޮޅުން ޒިއާރަތް ކުރި ތިން ރަށުން 3200 ފޯމް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ

”އުތުރު އަރުމާޒު“ ގެ ނަމުގައި ކުރަމުންދާ މިދަތުރުގައި ޒިޔާރަތް ކުރާ ކޮންމެ ރަށެއްގައި ވަގުތީ ސަރުކާރަކާއި ބެހޭ ސެމިނާ އަކާއި ޑޯ ޓު ޑޯ ކެންޕޭނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އުތުރު އަރުމާޒު އޮފީހުން މައުލޫމާތު ދެއެވެ

No comments: