ކުރިން ތިބި މިނިވަންކަމުގައި ނުތިބެވޭ ގޮތް ހެދުމުން ބައެއް ކުށްވެރިން ޑީޕީއާރުއެސްގެ ކޮއްތު ކެއުން ހުއްޓާލައިފި
ޑިޕާޓުމަންޓު އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާރވިސަސް (ޑީޕީއާރުއެސް) އިން ކައްކާ އެއްވެސް އެއްޗެއް މާފުށިގައި ހުންނަ ޔުނިޓު ދޭގައި ތިބި ބައެއް ކުށްވެރިންގެ ނުކާކަމަށް ޑީޕީއާރުއެސް ގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝިހާން ވިދާޅުވެއްޖެ އެވެ
ނޫސް ވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު މެންދުރު ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ޝިހާން ވިދާޅުވީ ޔުނިޓް ދޭގައި ތިބި ކުށްވެރިންގެ ތެރޭއިން ބައެއް މީހުން އިއްޔެއިން ފެށިގެން ޑީޕީއާރުއެސް އިން ކައްކާއިގެން ގެންދާ އެއްވެސް ކާއެއްޗެއް ނުކާ ކަމަށާއި އެމީހުން ކަނީ ބިސްކޯދު ފަދަ ޕެކެޓުކޮށްފައި ހުންނަ ތަކެތި ކަމަށެވެ. އަދި އެމީހުން އުޅޭ ގޮޅިތަކުގައި އެފަދަ ތަކެތި ރައްކާކޮށްފައިވާ ކަމަށްވެސް ޝިހާން ވިދާޅުވި އެވެ
މީގެ އިތުރުން މިމީހުން ނުކައި ތިބެން ފެށީ މިމީހުން ދަނާލުގައި ބޭތިއްބުމަށް ފަހު ގޮޅިތަކަށް ބަދަލު ކުރުމުން ދަނާލުގައި ތިބި އިރު ލިބުނު މިނިވަންކަން ނުލިބޭތީ އެކަމާ މެދު ހިތްހަމަ ނުޖެހިގެންކަމަށް ޝިހާން ވިދާޅުވި އެވެ. މިހާރު އެމީހުންނަށް ބޭރަށް ދެވޭނީ އަންގާފައިވާ ވަކި ގަޑިތަކެއްގައިކަމަށްވެސް ޝިހާން ވިދާޅުވި އެވެ
200 ވުރެއް ގިނަ މީހުން ތިބި ޔުނިޓު ދޭކުން, 65 މީހުން ޑީޕީއާރުންއެސް އިން ކައްކާ ތަކެތި ބޭނުން ކުރަމުންދާ ކަމަށާއި ޔުނިޓު ދޭގައި ތިބި ކުށްވެރިގެން ތެރޭއިން ފަސް މީހުން އިއްޔެ ތިބީ ރޯދައަށްކަމަށާއި އެމީހުންވެސް އިއްޔެ ހަވީރު ކާއެއްޗެހި ނަގާފައިވާ ކަމަށްވެސް ޝިހާން ވިދާޅުވި އެވެ
ޝިހާން އިތުރަށް ވިދާޅުވީ ޖަލަށް ހުކުމް ކޮށްފައިވާ 1040 މީހުން ތިބިކަމަށާއި ނަމަވެސް 400 އެއްހާ މީހުން މިހާރުވެސް ހައްޔަރު ނުކުރެވިވާ ކަމަށެވެ. އަދި މިވަގުތު މާފުށީ ޖަލުގައި 587 ކުށްވެރިން ތިބި އިރު 52 ކުށްވެރިން މާލޭގައި ހުންނަ ޖަލުގައި ތިބިކަމަށެވެ. މީގެ އިތުރުން 350 ކުށްވެރިން ހުސްވި އަހަރުގެ އޮގަސްޓުމަހު ތެރޭގައި ހައްޔަރު ކުރެވިފައިވާ ކަމަށްވެސް ޝިހާން ވިދާޅުވި އެވެ
No comments:
Post a Comment