Sunday, January 13, 2008

ޑރ.ވަހީދު އުފައްދަވާ ޕާޓީއާ ގުޅިގެން ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޕީއޭއިން މަސައްކަތް ފަށައިފި

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވުމަށް މަސައްކަތް ކުރައްވާ ޕާޓީ އާއި ޕީޕަލް އެސޯސީއޭޝަން (ޕީއޭ) އާ ގުޅިގެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމަށް ޕީޕަލް އެސޯސިއޭޝަން (ޕީއޭ) އިން މަސައްކަތް ފަށައިފިކަމަށް ޕީއޭ އިން ބުނެފި އެވެ

ޕީއޭ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅު މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން ޑރ.ވަހީދުއާ ވާހަކަ ދައްކާފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލިސް އާ އަހަރަށް ހުޅުވުމާއެކު ދެ ބައި މީހުންގެ ނިންމުންތައް އިއުލާނުކުރެވޭވަރު ވާނެ ކަމަށެވެ

” ދެ ބައި މީހުން ވެސް ސިޔާސީ ޕާޓީ އުފައްދަފާނެ. ނަމަވެސް ބޮޑަށް ބަލަނީ ދެ ބައިމީހުން އެއްވެގެން އެލަޔަންސެއް އުފައްދައިގެން އެއް ކެނޑިޑޭޓަކު ނެރުމަށް. އެކަން ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ޕީއޭގެ ވެރިންގެ މެދުގައި މި ދަނީ ވާހަކަ ދައްކަވަމުން,“ ލަންކާގައި ހުންނަވައިގެން ޖަޒީރާއަށް ދެއްވި އިންޓަވިއެއްގައި ނާޒިމު ވިދާޅުވިއެވެ

ރިޔާސީ އިންތިހާބަށް ތައްޔާރުވުމާ އަދި ސިޔާސީ ކަންތައްތަކާ ބެހޭ ގޮތުން ޑރ. ވަހީދު މަޝްވަރާކުރައްވާފައިވީ ނަމަވެސް އިތުރަށް ވާހަކަ ދައްކާނެ ކަމަށް ވެސް ކުރީގެ ސްޓޭޓް މިނިސްޓަރ ކަން ކުރައްވާފައިވާ ނާޒިމް ވިދާޅުވި އެވެ

ތުރުކުމަނިސްތާނުގައި ހުންނަވައިގެން ޖަޒީރާ އަށް ފޯނު ދެއްވި އިންޓަވިއެއްގައި ޑރ. ވަހީދު ވިދާޅުވީ ޕީއޭ އާއެކު އެއްވެސް ބައްދަލުވުމެއް ބާއްވާފައިނުވާ ކަމަށެވެ

”ޕީއޭ އާއެކު އެއްވެސް ކަމަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެއް ނުވާނެ. މިވަގުތު އަޅުގަނޑުމެންގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންތައްތަކަށް,“ ޑރ. ވަހީދު ވިދާޅުވި އެވެ

No comments: