Wednesday, January 2, 2008

އުތުރު އަރުމާޒުގެ ސަބަބުން އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް މެމްބަރުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ: އަންނި


އުތުރު އަރުމާޒުގެ ސަބަބުން އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުންނަށް އިތުރު ހިތްވަރެއް ލިބިވަޑައިގެން ދާނެކަމަށް ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ އިއްތިހާދުން މިއަދު ބުނެފި އެވެ

އުތުރު އަރުމާޒުގެ ފުރަތަމަ މަންޒިލު ކަމަށްވާ ޅ. ކުރެންދޫ ރައޔްތުންނާ ބައްދަލުކޮށް މިއަދު މެންދުރު ކުރިން ވާހަކަ ދައްކަވަމުން އިއްތިހާދުގައި ހިމެނިވޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޑީމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ އާ ގާނޫނު އަސާސީ އަށް ވާސިލުވުމަށް ޓަކައި އިންތިގާލީ ސަރުކާރެއްގެ މުހިންމުކަން ބޮޑު ކަމަށާއި އެކަމުގެ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށެވެ

” އެ ފައިދާ ހޯދުމަށް ކޮންމެ ރައްޔިތަކުމެ އެ ބައެއްގެ މެމްބަރަކަށް ގުޅާ ނުވަތަ އެސްއެމްއެސް ފޮނުވާ ބައްދަލުކޮށް ހަދައިފިނަމަ އެ ބޭފުޅުންނަށް (މެމްބަރުންނަން) އިތުރު ހިތްވަރު ލިބިގެންދާނެ. އެފަދަ މަސައްކަތެއް ނަތީޖާއަކަށް ވާނީ އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން ހިތްވަރުލިބުން,“ ކުރެންދޫގެ 300 އެއްހާ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އަންނި ވިދާޅުވި އެވެ

އޭނާ ވިދާޅުވީ އިންތިގާލީ ސަރުކާރެއްގެ ވާހަކަ ދައްކަނީ ޑިމޮކްރަސީގެ އެންމެ ރަނގަޅު އުސޫލުން ކަންތައްތައް ހިންގުމަށް މަގު ފަހިކުރަން ކަމަށެވެ

ކުރެންދޫ ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ އަތޮޅު މެންބަރުން އަހުމަދު ޝަފީގު ވިދާޅުވީ ކިޔަވައިގެން ތިއްބެވި, އިސްލާހީ ފިކުރަށް ތާއިދު ކުރައްވާކަމަށް ވިދާޅުވާ ބައެއް ބޭފުޅުން މިހާރުވެސް ސަރުކާރުގެ ވަޒީރުކަމުގައި ތިއްބެވި ކަމަށެވެ

ޝަފީގު ވިދާޅުވީ އަދުގެ ސަރުކާރުގެ ވަޒީރުގެ ގޮތުގައި ތިއްބެވި އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅުންނަކީ ފިޝަރީޒު މިނިސްޓަރ ހުސައިން ހިލްމީއާއި އެޑިޔުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރާއި ކޮންސްޓްރަކްޝަން މިނިސްޓަރ މައުރޫފު ޖަމީލުގެ އިތުރުން ޔޫތު މިނިސްޓަރ މުހައްމަދު ވަހީދުއްދީނު ކަމަށެވެ

” އަޅުގަނޑުމެންނަށް އެނގޭ އެބޭފުޅުންގެ ވާހަކަތަކުން އެބޭފުޅުން އިސްލާހު ބޭނުންފުޅު ވާކަން, މިއަދު އެކަން ސިއްރުކުރާކަން ނެތިން“ ޝަފީގު ވިދާޅުވި އެވެ

ޝަފީގު އިތުރަށް ވީދާޅުވީ މިވަގުތަކީ މަދު އެތިކޮޅަކަށް އަމިއްލަ ނަފްސު ވިއްކާލަންވީ ވަގުތެއް ނޫކަމަށާއި މިއީ ގައުމަށްޓަކާ މަސައްކަތް ކުރަންވީ ވަގުތެއް ކަމަށެވެ

No comments: